ނައިބު ރައީސް ފައިސަލް ނަސީމްގެ އާއިލާ ވެސް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހު އާއި އެކު ނުކުމެވަޑައިގެން ކެމްޕެއިން ފޯރިއާއި އެކު ކެމްޕެއިން ކުރައްވަން ފައްޓަވައިފިއެވެ.
އެގޮތުން ފައިސަލް ނަސީމްގެ އެއްބަނޑު އެއްބަފާ ކޮއްކޯފުޅު ނަޒްރާ ނަސީމް (ނަޒޫ) ވަނީ ދެވަނަ ބުރަށް އެމްޑީޕީން ވަމުންދާ ތައްޔާރީތަކުގައި އަމަލީ ގޮތުން ބައިވެރިވެވަޑައިގަންނަވާފައެވެ. ޚާއްސަގޮތެއްގައި އެމްޑީޕީން ކުރިއަށް ގެންދާ ދޮރުން ދޮރަށް ހަރަކާތްތަކުގައި ފުރަތަމަ ސަފުގައި ދަނީ މަސައްކަތް ކުރައްވަމުންނެވެ. އެގޮތުން ހޮނިހިރު ދުވަހު މުޅި ރާއްޖޭގައި ކުރިއަށް ދިޔަ ދޮރުން ދޮރަށް ހަރަކާތުގެ ތެރެއިން ފުވައްމުލަކުގައި ކުރިއަށް ދިޔަ ހަރަކާތުގައި އޭނާ ބައިވެރިވެވަޑައިގަތެވެ.
ފައިސަލްގެ ކޮއްކޯފުޅު ހައިދަރު ނަސީމްވެސް ވަނީ އޭނާގެ ތާއީދު އޮތީ ރައީސް ޞާލިހަށް ކަން ހާމަކުރައްވާފައެވެ.
އެ ޓްވީޓުގައި އޭނާ ވިދާޅުވީ މި މަހުގެ 30 ވަނަ ދުވަހު ނަގާ ވޯޓުގައި ބޮޑު ތަފާތަކުން ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހު އިރާދަކުރެއްވިއްޔާ ކާމިޔާބުކުރައްވާނެ ކަމަށެވެ.
ނައިބު ރައީސް ފައިސަލް ނަސީމު ވަނީ މި ދައުރުގައި ރައީސް ޞާލިހު އާއި އެކު ވަރަށް އިޚުލާސްތެރިކަމާއި އެކު މަސައްކަތްކުރައްވާފައެވެ. ފައިސަލްއަށް ރައީސް ޞާލިހުވެސް ވަނީ ވަރަށް ބޮޑަށް ތައުރީފުވެސް ކުރައްވާފައެވެ.