ކ. މާލެ
|
10 ޖެނުއަރީ 2018 | ބުދަ 17:46
ޒަވީ ހަނާންޑޭޒް
ޒަވީ ހަނާންޑޭޒް
އޭޕީ
ޒަވީ ހަނާންޑޭޒް
ރީތި ފުޓްބޯޅަ ކުޅެން ރެއާލް ބޭނުމެއް ނުވޭ: ޒަވީ
ބާސާއާއި ރެއާލްއާ ދެމެދު އުފެދިފައިވާ ވާދަވެރިކަމަކީ ދުނިޔޭގެ ފުޓްބޯޅައިގެ އެންމެ ބޮޑު ވާދަވެރިކަން
ޒަވީ ވަނީ ރެއާލްއިން ކުޅެމުންދާ ފުޓްބޯޅައަށް ވަރަށް ބޮޑަށް ފާޑުކިޔާފަ
ޒަވީ ވަނީ މެޑްރިޑްގެ ޒުވާން ކުޅުންތެރިންނަށް ވެސް ފާޑުކިޔާފަ

ރީތި ފުޓްބޯޅަ ކުޅެން ސްޕެއިންގެ ރެއާލް މެޑްރިޑް ބޭނުންނުވާ ކަމަށް ބާސެލޯނާގެ ކުރީގެ ތަރި އަދި މިހާރު ޤަތަރުގެ އަލް ސައްދަށް ކުޅެމުން އަންނަ ތަޖުރިބާކާރު މިޑްފީލްޑަރު ޒަވީ ހަނާންޑޭޒް ބުނެފިއެވެ.

ބާސާއާއި ރެއާލްއާ ދެމެދު އުފެދިފައިވާ ވާދަވެރިކަމަކީ ދުނިޔޭގެ ފުޓްބޯޅައިގެ އެންމެ ބޮޑު ވާދަވެރިކަމެވެ. މިދިޔަ ސީޒަނުގައި ޔުއެފާ ޗެމްޕިއަންސް ލީގާއި ސްޕެނިޝް ލަލީގާ ރެއާލްއިން ކާމިޔާބުކުރި ނަމަވެސް މި ސީޒަނުގައި އެ ޓީމަށް މާ އެދެވޭ ކުޅުމެއް ދެއްކިފައެއް ނުވެއެވެ. މިހާރު ވެސް އެ ޓީމު އޮތީ ލަލީގާގެ އެއްވަނައިގައި އޮތް ބާސާއަށް ވުރެ 16 ޕޮއިންޓް ފަހަތުން ތާވަލުގެ ހަތަރު ވަނައިގައެވެ. ސްޕެއިންގެ ނޫހަކަށްދިން އިންޓަވިއުއެއްގައި ޒަވީ ވަނީ ރެއާލްއިން ކުޅެމުންދާ ފުޓްބޯޅައަށް ވަރަށް ބޮޑަށް ފާޑުކިޔާފައެވެ.

މި އިންޓަވިއުގައި ޒަވީ ބުނީ ކޮންމެ ކުޅުންތެރިޔަކަށް ވެސް އެންމެ ފަހު އިމްތިހާނަކީ ބާސާ ކަމަށާއި އެ ކްލަބަކީ ކުޅުންތެރިޔަކު ކުޅެން އެންމެ އުނދަގޫ ކްލަބް ކަމަށެވެ. ބާސާގެ ކުޅުންތެރިން ކާމިޔާބު ހޯދުމަކީ ކޮންމެހެން ކުރަންޖެހޭ ކަމެއްކަން ފާހަގަކުރަމުން ޒަވީ ބުނީ ރެއާލްގައި ކުޅުންތެރިން ރީތި ފުޓްބޯޅައެއް ނުކުޅުނު ނަމަވެސް އެ ކްލަބުގެ ސްޓޭޑިއަމްގައި އެ ކުޅުންތެރިންނަށް ތަރުހީބު ދޭކަމަށެވެ. އެހެން ނަމަވެސް ޔޯހާން ކްރަޔަފްގެ ޒަމާނުން ފެށިގެން ވެސް ބާސާގެ ކުޅުންތެރިން ރީތި ފުޓްބޯޅަ ނުކުޅެފިނަމަ އެ ކުޅުންތެރިންނަށް ބާސާގެ ސްޓޭޑިއަމްގައި ތަރުހީބު ނުދޭކަން ޒަވީ ފާހަގަކުރިއެވެ.

ރެއާލްއިން ކުޅޭ ފުޓްބޯޅައިގެ ވައްޓާފާޅީގެ ވާހަކަ ދައްކަމުން ޒަވީ ވަނީ ހޯސޭ މޮރީނިއޯ އެ ޓީމުގެ ކޯޗުގެ ގޮތުގައި ހުރިއިރު ކުޅުނު ފުޓްބޯޅައިގެ ވައްޓަފާޅި ވަކިން ފާހަގަކޮށްފައެވެ. މޮރީނިއޯގެ އިރުޝާދުގެ ދަށުން ކުޅުނު ރެއާލްއާ ބެހޭގޮތުން ވާހަކަ ދައްކަމުން ޒަވީ ބުނީ އޭރު ރެއާލްއިން އަބަދުވެސް ވިސްނީ އަވަސް ފުޓްބޯޅައެއް ކުޅުމަށް ކަމަށާއި އޭރު ރެއާލްއިން އިސްކަން ދިނީ ބޮޑު ބޯޅަ ކުޅެން ކަމަށެވެ. އެއީ ފުޓްބޯޅަ ކުޅުން ނޫން ކަމަށާއި މިހާރު ވެސް އެ ޓީމުން މަސައްކަތްކުރަނީ އެހެން ކުޅެން ކަމަށް ޒަވީ ބުނެފައިވެއެވެ.

ޒަވީ ވަނީ މެޑްރިޑްގެ ޒުވާން ކުޅުންތެރިންނަށް ވެސް ފާޑުކިޔާފައެވެ. އޭނާ ބުނީ އެ ޓީމުގެ ޒުވާން ތަރިންގެ ތެރެއިން ބައެއް ކުޅުންތެރިން ސީޒަނުގެ ކުރީކޮޅު މޮޅަށް ކުޅުނު މަންޒަރު ފެނުނު ކަމަށާއި އެހެން ނަމަވެސް މިހާރު އެކަހަލަ އެއްވެސް މަންޒަރެއް ފެނިގެންނުދާ ކަމަށެވެ. އަދި އެ ކުޅުންތެރިންގެ ވިސްނުން ހުންނަނީ އެކި އުކުޅުތަކުގެ ބޭނުން ހިފައިގެން މީހުންނަށް ދައްކާލުމަށް ފުޓްބޯޅަ ކުޅެން ކަމަށާއި އެހެން ނަމަވެސް އެއީ ފުޓްބޯޅަ ކުޅެން ޖެހޭ ގޮތެއް ނޫން ކަމަށް ޒަވީ ބުނިއެވެ.

މި އިންޓަވިއުގައި އޭނާވަނީ ލިއޮނެލް މެސީއާ ކްރިސްޓިއާނޯ ރޮނާލްޑޯއާ އަޅާ ކިޔުމަކީ މީހުން ލަދު ގަންނަން ޖެހޭ ކަމެއް ކަމަށް ބުނެފައެވެ. އޭނާ ބުނީ މެސީއަކީ ފުޓްބޯޅައިގައި އެގެންޖެހޭ ހުރިހާ ކަމެއް އެނގޭ ކުޅުންތެރިޔެއް ކަމަށާއި ދަނޑުމަތީގައި ހިނގާ ހުރިހާ ކަމެއް ވެސް މެސީއަށް ފެންނަ ކަމަށެވެ. އަދި މިކަމަކީ އޭނާ ރޮނާލްޑޯއަށް ވުރެ ހާސް ގުނަ މޮޅުވާ ސަބަބު ކަމަށް ވެސް ޒަވީ ހާމަކުރިއެވެ. ޒަވީ ވަނީ ރޮނާލްޑޯއަށް ސެންޓަރ ފޯވާޑެއްގެ ރޯލު ނުގުޅޭ ކަމަށާއި އޭނާއަށް އެ މަގާމަށް އެންމެ ފުރިހަމައަށް ނުކުޅެވޭ ކަމަށް ވެސް ބުނެފައެވެ.

ޒަވީ މިބީދައިން ވާހަކަ ދައްކާފައިވާއިރު ވޭތުވެދިޔަ 10 އަހަރުތެރޭ ބާސާއިން 25 ތައްޓެއް އުފުލާލާފައިވާއިރު ހަމަ އެ މުއްދަތުގެ ތެރޭގައި ރެއާލްއަށް އުފުލާލެވުނީ 16 ތައްޓެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ދުވަަސް ކުރިން
ރިވިއު ކުރީ: ހުޝާމް މުހަޢްމަދް
- ކޮމެންޓް