ކ. މާލެ
|
10 ޖެނުއަރީ 2018 | ބުދަ 16:51
އެޑިއުކޭޝަން މިނިސްޓަރު ޑރ. އާއިޝަތު ޝިހާމާއި ދެ ސްޓޭޓް މިނިސްޓަރުން ނޫސްވެރިންނަށް މައުލޫމާތު ދެއްވަނީ
އެޑިއުކޭޝަން މިނިސްޓަރު ޑރ. އާއިޝަތު ޝިހާމާއި ދެ ސްޓޭޓް މިނިސްޓަރުން ނޫސްވެރިންނަށް މައުލޫމާތު ދެއްވަނީ
މުހައްމަދު ފަޒީން
އެޑިއުކޭޝަން
ސްކޫލްތައް ޑިޖިޓަލައިޒްކޮށް، މެއި މަހުގެ ތެރޭގައި ޓެބްލެޓް ބޭނުން ކުރަން ފެށޭނެ: އެޑިއުކޭޝަން މިނިސްޓަރ
މި މަޝްރޫއުގެ ދަށުން ކުރަންޖެހޭ ވަރަށް ގިނަ މަސައްކަތްތައް އެބަހުރި
ޓީޗަރުން ތަމްރީންކޮށް، ދަރިވަރުންނާއި ބެލެނިވެރިން މިކަމަށް ހޭލުންތެރި ކުރެވޭނެ
މިމަޝްރޫއު ކުރިއަށް ދާނީ ދަރިވަރުންނަށް އެންމެ ފައިދާވާނެ ގޮތަށް

ސްކޫލްތައް ޑިޖިޓަލައިޒްކޮށް، މިއަހަރުގެ މެއި މަހުގެ ތެރޭގައި "ޓެބްލެޓް" ބޭނުންކޮށްގެން ކިޔަވައި ދޭން ފެށޭނެ ކަމަށް އެޑިއުކޭޝަން މިނިސްޓަރު ޑރ. އާއިޝަތު ޝިހާމް ވިދާޅުވެއްޖެ އެވެ. 

އެޑިއުކޭޝަން މިނިސްޓްރީގައި ބުދަ ދުވަހު ބޭއްވި ޕްރެސް ކޮންފަރެންސްގައި މިނިސްޓަރު އާއިޝަތު ޝިހާމު ވިދާޅުވީ ދަރިވަރުންނަށް ފެންވަރު ރަނގަޅު ތައުލީމެއް ފޯރުކޮށްދިނުމަށް ސަރުކާރުން ހިންގާ އެންމެ ބޮޑު އެއް މަޝްރޫއު ކަމަށްވާ ރާއްޖޭ ހުރިހާ ސްކޫލްތަކެއް ޑިޖިޓަލައިޒް ކުރުމުގެ މަޝްރޫއުގެ މަސައްކަތްތައް ކުރަމުންދާ ކަމަށެވެ. މިމަސައްކަތް ނިމިދިއަ އަހަރުން ފެށިގެން ކުރަމުންދާ ކަމަށާއި ކަމާބެހޭ ފަރާތްތަކާއެކު މަޝްވަރާތައް ވެސް ކުރެވެމުންދާ ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ. 

ޓެކްނޮލޮޖީ ބޭނުން ކޮށްގެން ކިޔަވައިދިނުމުގެ މަޝްރޫއާ ގުޅޭގޮތުން އިތުރަށް ތަފްސީލް ދެއްވަމުން އެޑިއުކޭޝަން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަހުމަދު ޝަފީއު ވިދާޅުވީ މިހާރުވެސް ޓެކްނޮލޮޖީ ބޭނުންކޮށްގެން ދަރިވަރުންނަށް ކިޔަވާދެމުންދާތާ ދުވަސްތަކެއް ވެއްޖެ ކަމަށެވެ. އެހެން ނަމަވެސް މިއަހަރު ގެނެވޭ މައިގަނޑު ބަދަލަކީ އެޑިއުކޭޝަންގެ ދާއިރާއަށް މިހާތަނަށް ގެނެވޭ އެންމެބޮޑު ބަދަލު ކަމަށެވެ. 

"ކޮންމެ ދަރިވަރެއްގެ އަތުގައި ޓެބްލެޓެއް އޮންނާނެ. އަދި ކޮންމެ ޓީޗަރެއްގެ އަތުގައިވެސް ޓެބްލެޓެއް ފޯރުކޮށްދެވޭނެ. އެ ބޭނުން ކުރުމަށް ފުރަތަމަ މަރުހަލާގައި ދަސްކުރުމާއި ފަރިތަވުމުގެ މަރުހަލާތަކެއް ސްކޫލްތަކުގައި ކުރިއަށްދާނެ. މިކަންއިންތިޒާމު ކުރެވިފައި ވަނީ ފުރަތަމަ ފަސްޓް ޓާރމްގެ ތެރޭގައި އަޅުގަނޑުމެންނަށް ޓެބްލެޓްތައް ލިބުމާއި އެއާގުޅިގެން އަޅުގަނޑުމެން ގެންނަންޖެހޭ ތަމްރީތަކާއި އަދި ކުދިންނާއި ބެލެނިވެރިން ވެސް އެއަށް އަހުލުވެރި ކުރުމުގެ ކަންތައްތައް ކުރިއަށް ގެންދިއުން. އަދި އެއާ އެކުއެކީގައި ޓެކްނޮލޮޖީގެ މި މަޝްރޫއަށް ބޭނުންވާ ރިސޯސްތައް ގާއިމު ކުރުމުގެ މަސައްކަތް ކުރަންޖެހޭ. އެގޮތުން ސްކޫލްތައް ވައިފައި އިންފްރާސްޓްރަކްޗަރ ގާއިމުކުރުން ކަހަލަ ކަންތައްތައް ދިރާގާއެކު މަޝްވަރާކުރެވި ކުރިއަށްދޭ. މި މަޝްރޫގެ މަސައްކަތްތައް އެއްކޮށް މެއި މަހުގެ ނިޔަލަށް ނިންމާލެވޭނެ ކަމަށް މިބަލަނީ،" ޝަފީއު ވިދާޅުވި އެވެ. 

އެޑިއުކޭޝަން މިނިސްޓަރު ވިދާޅުވީ މިއަހަރު ތައާރަފް ކުރެވޭ ރާއްޖޭގެ ސްކޫލްތައް ޑިޖިޓަލައިޓް ކުރުމުގެ މަޝްރޫއުގެ ދަށުން ދަރިވަރުންގެ ކިޔެވުމަށް ވަރަށް ބޮޑު ކުރިއެރުމެއް ލިބޭނެ ކަމަށެވެ. އެގޮތުން ޑިޖިޓަލް ލައިބްރަރީއާއި ދިރާސާ ކުރުމަށް ބޭނުންވާ ވަސީލަތްތައް ދަރިވަރުންނަށް ފޯރުކޮށްދިނުމުގައި ވަރަށް ބޮޑު ފަސޭހަތަކެއް ދަރިވަރުންނާއި ޓީޗަރުންނަށް ލިބިގެންދާނެ ކަމަށްވެސް މިނިސްޓަރު ވިދާޅުވި އެވެ.  

"ދަރިވަރުން ކިޔަވަމުންދާ އެކިއެކި މާއްދާތަކަށް ބޭނުންވާ މައުލޫމާތާއި އެކިއެކި ވިސްނުންތަކުންވެސް ވަރަށް ގިނަ ރިސޯސްސްތައް ދުނިޔޭގެ ވަރަށް ގިނަ ތަންތަނުން ލިބެން އެބަހުރި. އެހެންވީމާ ޑިޖިޓަލްވެގެން ކުދިންނަށް ޓެބްލެޓް ވެގެން އިންޓަނެޓް ކަނެކްޓިވިޓީގެ ތެރެއިން ދަރިވަރުންނަށް ބޭނުންވާ ބައިވަރު އިތުރު ވަސީލަތްތައް މިލިބެނީ. މިސާލަކަށް ހިސާބު ކިޔަވާ ކަމަށްވަންޏާ އެކުދިން އެކިޔަވާ ހިސާބު ފިލާވަޅަކާގުޅޭ އިތުރު ރިސޯސަސް މިހާރު އެބަހުރި ދެއްތޯ ލިބެން. އެހެންވީމާ ދަރިވަރުންނަށް އެބޭނުންކޮށްގެން ޓީޗަރުންނަށް އެ ރިސޯސަސް ބޭނުންކޮށްގެންވެސް ދަރިވަރުންނަށް އެބަ ކިޔަވާދެވޭ،" މިނިސްޓަރު ޝިހާމް ވިދާޅުވި އެވެ.

މީގެއިތރުން މިނިސްޓަރު ވިދާޅުވީ މުޅި ރާއްޖޭގެ ހުރިހާ ސްކޫލެއް ޑިޖިޓަލައިޒްކުރެވޭއިރު، މިކަންކަން ވަރަށް ގާތުން ބަލަމުންދާނެ ކަމަށެވެ. އަދި ވަރަށް ވިސްނުންތެރިކަމާއެކު ލަސްލަހުން މިކަން ކުރަންޖެހޭ ސަބަބަކީ މިކަމުގެ ސަބަބުން ނިކުމެދާނެ ނޭދެވޭ އަސަރުތައް ދެނެގަތުން ކަމަށާއި އިންޓަނެޓްގެ ޒަރީއާއިން ލިބޭ ފައިދާއާ އެއްވަރަށް ގެއްލުން ތަކެއް ހުރިކަން އެންމެންވެސް ގަބޫލު ކުރާ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

"އުމުރާ ގުޅޭގޮތަށް ކަންކަން ފަރުމާ ކުރުމާއި ބެލެނިވެރިން އެކަންކަމަށް ހޭލުންތެރި ކުރުމާއި ދަރިވަރުންނަށް ރައްކާތެރިކަމާއެކު ޓެކްނޮލޮޖީ ބޭނުން ކުރަން ދަސްކޮށްދިނުންފަދަ ވަރަށް ގިނަ މަސައްކަތްތަކެއް މީގެތެރޭގައި ހިމެނޭ. އަޅުގަނޑުމެން އެންމެ ބޮޑު ޔަގީންކަމެއް ބޭނުންވަނީ މީގެ ސަބަބުން ކުދިންނަށް ލިބޭނީ ފައިދާކަން. އަދި އޭގެން ލިބެން ހުރި ގެއްލުމެއް ވެއްޖިއްޔާ އަޅުގަނޑުމެން އެކަންތައްތައް ރައްކާތެރި ކުރާނަން. އަދި ޓެބްލެޓް ސްކޫލަށް ގެނައި ކަމަށްވިޔަސް ހުރިހާ ވަގުތަކު އެކުދިން ތިބޭނީ އެ ބަލާކަށް ނޫން. ވަކި މާއްދާއެއްގެ ވަކި ބަޔަކަށް، ޓީޗަރުން ނިންމާ ގޮތަކަށް އެ ބޭނުން ކުރާ ކަހަލަ ގޮތަކަށް ރޭވިފައިވަނީ. މިކަމުގައި ބެލެނިވެރިންނާއެކު ވެސް މަސައްކަތް ކުރާނަން،" މިނިސްޓަރު ވިދާޅުވި އެވެ.

ސްޓޭޓް މިނިސްޓަރު ޝަފީއު ވިދާޅުވީ ސްކޫލްތައް ޑިޖިޓަލައިޒް ކުރި ނަމަވެސް ދަރިވަރުންގެ ޓެކްސްޓް ފޮތްތަކުގެ ބޭނުން ކުރަމުންދާނެ ކަމަށެވެ. 

"ހަމަ ފުރަތަމަ ދުވަހު، ނޫނީ ޓެބްލެޓްތައް އަތަށްއަރާ ދުވަހު ކިޔަވާދިނުން އެއްކޮށް ބަދަލުވެގެންދާ ވާހަކައެއް ނޫން. އެގޮތަކަށް އެކަމެއް ނުވެސް ކުރާނެ. މިކަން ކުރިއަށް ގެންދާނީ މަޑުމަޑުން. ދަރިވަރުންނަށް އެންމެ ފައިދާހުރި ގޮތަކަށް ބަލާފަ ދިރާސާތައްވެސް ކުރަމުންދާނަން. މިހާރުވެސް މިބޭނުން ކުރާ ޓެކްސްޓް ފޮތްތަކާއި ލިޔުމަށް ބޭނުންކުރާ ފޮތްތައް ވެސް އަދި ހަމަ ބޭނުން ކުރަމުންދާނެ،" ޝަފީއު ވިދާޅުވި އެވެ. 

 

 

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 7 ގަޑިއިރު ކުރި
ރިވިއު ކުރީ: ހުޝާމް މުހަޢްމަދް
- ކޮމެންޓް