ކ. މާލެ
|
10 ޖެނުއަރީ 2018 | ބުދަ 14:48
އެޑިއުކޭޝަން މިނިސްޓަރު ޑރ. އާއިޝަތު ޝިހާމް
އެޑިއުކޭޝަން މިނިސްޓަރު ޑރ. އާއިޝަތު ޝިހާމް
މުހައްމަދު ފަޒީން
އެޑިއުކޭޝަން މިނިސްޓްރީ
ކިޔެވުން ފެށޭއިރު ހުރިހާ ސްކޫލެއްގައި ޓީޗަރުން ހަމަވާނެ: އެޑިއުކޭޝަން މިނިސްޓަރު
ހުރިހާ ދަރިވަރުންނަށް ބޭނުންވާ ޓެކްސްޓް ފޮތްތަކާއި ސްޓޭޝަނަރީސްތައް ވަނީ ފޯރުކޮށްދެވިފައި
ގިނަ އަދަދެއްގެ ޓީޗަރުން ހޯދުމަށް ވަނީ އިއުލާން ކޮށްފަ، އިއުލާންގެ ސުންގަޑި ހަމަވަނީ ކިޔެވުން ފެށޭފަހުން
ހުރިހާ ރަށެއްގައިވެސް ހާއްސަ އެހީއަށް ބޭނުންވާ ކުދިންނަށް ކިޔެވޭނެ ގޮތް ހަމަޖެހޭނެ

މިއަހަރުގެ ދިރާސީ އާ އަހަރު ފެށޭއިރު ރާއްޖޭގެ ހުރިހާ ސުކޫލަކަށް ބޭނުންވާ ޓީޗަރުން ހަމައަށް ތިބޭނެ ކަމަށް އެޑިއުކޭޝަން މިނިސްޓަރު ޑރ. އާއިޝަތު ޝިހާމް ވިދާޅުވެއްޖެ އެވެ.

ކޮންމެ އަހަރެއްގެ ދިރާސީ އާ އަހަރު ފެށުމުގެ ކުރިން އެޑިއުކޭޝަން މިނިސްޓަރީން ބާއްވަމުން ގެންދަވާ ޕްރެސް ކޮންފަރެންސްގެ ދަށުން ބުދަ ދުވަހު އެޑިއުކޭޝަން މިނިސްޓަރީގައި ބޭއްވި ޕްރެސް ކޮންފަރެންސްގައި ވާހަކަ ދައްކަވަމުން މިނިސްޓަރު އާއިޝަތު ޝިހާމް ވިދާޅުވީ ކޮންމެ ދިރާސީ އާ އަހަރެއް ފެށޭއިރު ރާއްޖޭގެ ހުރިހާ ސްކޫލްތަކަށް ބޭނުންވާ ޓީޗަރުން ހަމައަށް ތިބޭނެ ކަމަށާއި އެގޮތުން މިއަހަރުވެސް ދިރާސީ އާ އަހަރު އަންނަ އާދިއްތަ ދުވަހު ފެށޭއިރު ޓީޗަރުން ހަމަވާނެ ކަމަށެވެ.

މިނިސްޓަރު އާއިޝަތު ޝިހާމު ވިދާޅުވީ ދިރާސީ އާ އަހަރު އާދިއްތަ ދުވަހު ފެށޭއިރު ދަރިވަރުންނަށް ބޭނުންވާ ޓެކްސް ފޮތްތަކާއި ބޭނުންވާ ޝްޓޭޝަނަރީސްތައް ހަމައަށް ފޯރުކޮށްދެވިފައިވާނެ ކަމަށެވެ. 

މިނިސްޓަރު އާއިޝަތު ޝިހާމް ވިދާޅުވީ ބައެއް ފަހަރު ބައެއް ރަށްރަށުން ޓީޗަރުން ނެތްކަމަށް ބުނެ ވާހަކަތައް ފެތުރުނު ނަމަވެސް އެއީ ހަގީގަތެއް ނޫން ކަމަށެވެ. ދިރާސީ އަހަރު ފެށިއިރު ކޮންމެ އަހަރަކުވެސް ހުރިހާ ސްކޫލްތަކަށް ބޭނުންވާ ޓީޗަރުން ހަމަވާނެ ކަމަށާއި ޓީޗަރުން ނެތްކަމަށް ފެތުރޭ ވާހަކައަކީ ބައެއް ފަހަރު ޓީޗަރެއް ޗުއްޓީއެއް ނެގުންފަދަ ކަމެއް މެދުވެރިވުމުން ދިމާވާ ކަމެއް ކަމަށް މިނިސްޓަރު ވިދާޅުވި އެވެ. ނަމަވެސް އެފަދަ ހާލާތްތަކުގައި އެހެން ޓީޗަރެއް މެދުވެރިކޮށް އެފަދަ މައްސަލަތައް ހައްލު ކުރަމުންދާ ކަމަށްވެސް މިނިސްޓަރު އާއިޝަތު ޝިހާމު ވިދާޅުވި އެވެ.

އަންނަ އާދީއްތަ ދުވަހު ދިރާސީ އާ އަހަރުގެ ކިޔެވުން ފެށޭއިރު މި ހަފްތާގެ ހޯމަދުވަހު އެކަނި ވެސް 17 ޓީޗަރުންނާއި ފަސް ޕްރިންސިޕަލަކު ހޯދުމަށް އިއުލާން ކޮށްފައި ވެއެވެ.

ސަރުކާރުގެ ގެޒެޓްގައި ހޯމަ ދުވަހު ކޮށްފައިވާ އިއުލާން ތަކުގައި ވާގޮތުން އެ މަޤާމްތަކަށް ޝައުގުވެރިވާ ފަރާތްތަކުން އެކަމަށް އެދި ހުށަހެޅުމުގެ ސުންގަޑި ހަމަވަނީ މި އަހަރުގެ ދިރާސީ އަހަރު ފެށޭފަހުން، މިމަހުގެ 18 ވަނަ ދުވަހަށެވެ.

އެޑިއުކޭޝަން މިނިސްޓަރު އާއިޝަތު ޝިހާމް ވިދާޅުވީ ޓީޗަރުން ތަމްރީން ކުރުމުގެ ޕްރޮގްރާމްތަކާއި ސްކޫލްތައް ޖިޑިޓަލައިޒް ކުރުމުގެ ޕްރޮގްރާމްވެސް ކުރިއަށްދާ ކަމަށެވެ. އަދި ރާއްޖޭގެ ހުރިހާ ސްކޫލެއްގައި ހާއްސަ އެހީއަށް ބޭނުންވާ ކުދިންނަށް ކިޔަވާދޭނެ ޓީޗަރުން ތަމްރީން ކުރުމާއި ހާއްސަ އެހީއަށް ބޭނުންވާ ކުދިންނަށް އިތުރު ފުރުސަތުތައް ތަނަވަސް ކޮށްދިނުމަށް މިއަހަރު ވަރަށް ބޮޑަށް މަސައްކަތް ކުރައްވަމުން ގެންދަވާނެ ކަމަށްވެސް މިނިސްޓަރު ވިދާޅުވި އެވެ. 

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 7 ގަޑިއިރު ކުރި
ރިވިއު ކުރީ: ހުސެން ފިޔާޒް
- ކޮމެންޓް