ކ. މާލެ
|
10 ޖެނުއަރީ 2018 | ބުދަ 15:14
މ. އެންދެރިމާގެ: ސެކިއުރިޓީ ބަލަހައްޓަން ތިބެނީ ސިފައިންގެ ދެ މީހުން -- ފޮޓޯ/ ރާއްޖެޓީވީ
މ. އެންދެރިމާގެ: ސެކިއުރިޓީ ބަލަހައްޓަން ތިބެނީ ސިފައިންގެ ދެ މީހުން -- ފޮޓޯ/ ރާއްޖެޓީވީ
ހުސެން ފިޔާޒް
ރައީސް މައުމޫން
މައުމޫނަށް އޮތީ ކޮންކަހަލަ ނުރައްކަލެއް ކަން ސިފައިންގެ ވެރިންނަކަށް ވެސް ނޭނގޭ!
ރަސްމީކޮށް އެއްޗެއް ބުނަން އެމްއެންޑީއެފް އިން ބޭނުމެއް ނުވި

އިންޓެލިޖެންސް ރިޕޯޓަކާ ގުޅިގެން، މައުމޫން ދިރިއުޅުއްވާ ގެކޮޅުގައި ސިފައިންގެ ސްޕެޝަލް ޕްރޮޓެކްޝަން ގްރޫޕް (އެސްޕީޖީ) އިން ސެކިއުރިޓީ ބަލަހައްޓަން ފަށާފައިވާއިރު، އެމަނިކުފާނަށް އޮތް ނުރައްކަލެއް ސިފައިންގެ އިސްވެރިންނަށް ވެސް އެނގިފައިނުވާ ކަމަށް ސިފައިންގެ އިސް އެބޭފުޅަކު ވިދާޅުވެއްޖެއެވެ.

އެސްޕީޖީ ގްރޫޕުން މ. އެންދެރިމާގޭގައި ސެކިއުރިޓީ ބަލަހައްޓަން ފަށާފައި ވަނީ މިދިޔަ ހޯމަ ދުވަހު ރެއިން ފެށިގެންނެވެ. ޑިއުޓީ ބަދަލުވާ ގޮތަށް 24 ގަޑިއިރު ސިފައިންގެ ދެ މީހަކު އަބަދުވެސް އެ ގޭގައި ތިބެއެވެ. ވަދެ ނުކުމެ އުޅޭ މީހުން ބަލައިފާސްކުރުމާއި މައުމޫން ދަތުރުކުރައްވާ ކާރުކޮޅުގެ ޑިކީ ޗެކްކުރުން ފަދަ ކަންކަން ސިފައިން ދަނީ ކުރަމުންނެވެ. އަދި އެންދެރިމާގެއަށް ވަދެނިކުމެވާ މީހުންގެ ނަން ވެސް ދަނީ ނޯޓުކުރަމުންނެވެ. 

އެސްޕީޖީގެ އިސް ބޭފުޅަކު "ރާއްޖެއެމްވީ"އަށް ކަށަވަރުކޮށްދެއްވި ގޮތުގައި މައުމޫން ދިރިއުޅުއްވާ މ. އެންދެރިމާގޭގައި ސެކިއުރިޓީ ބަލަހައްޓަން ތިބޭ އޮފިސަރުންނަށް ވެސް މައުމޫނަށް އޮތް ނުރައްކަލަކީ ކޮބައިކަން ނޭނގޭނެ ކަމަށާއި ނުރައްކާ އޮތް މިންވަރު ނޭނގި ކުއްލި ގޮތަކަށް އަޅަންޖެހޭ ފިޔަވަޅުތަކަށް ސިފައިން ތައްޔާރަށް ތިބޭނެ ކަމަށެވެ.

ރައީސް މައުމޫނަށް ނުރައްކާ އޮތް ކަމަށް ބުނެ، ސިފައިން އަޅަން ފެށި ފިޔަވަޅުތަކާ ގުޅޭ ގޮތުން އެމްއެންޑީއެފްގެ އިންފޮމޭޝަން އޮފިސަރު ކެޕްޓަން އިބުރާހިމް އާޒިމް ވިދާޅުވީ އެމްއެންޑީއެފުން ފޯރުކޮށްދޭ ސެކިއުރިޓީގެ ކަންކަން ފުރިހަމަ ކުރަމުންދަނީ ހަމަޖެހިފައިވާ އުސޫލެއްގެ ދަށުން ކަމާއި އެކަމާ ގުޅޭ ގޮތުން އިތުރަށް ދެވޭނެ ކޮމެންޓެއް ނެތް ކަމަށެވެ.

ރައީސް މައުމޫންގެ އަރިސް ބޭފުޅަކު ވިދާޅުވީ އެމްއެންޑީއެފުން އެންދެރިމާގޭގައި ކުއްލި ގޮތަށް ސެކިއުރިޓީ ވަރުގަދަ ކުރަންޖެހޭ ސަބަބެއް ނޭނގޭ ކަމަށާއި، އިންޓެލިޖެންސް ރިޕޯޓަކާ ގުޅިގެން ކަމަށް ބުނެ މައުމޫންގެ ގެކޮޅަށް ވަންނަ ކޮންމެ މީހެއްގެ ނަން ނޯޓުކުރަނީ އެމަނިކުފާނު ބައްދަލު ކުރައްވަނީ ކޮން ބޭފުޅުންނެއްތޯ ބެލުމަށް ކަމަށެވެ. މި ދުވަސްވަރަކީ ރައީސް މައުމޫން އިދިކޮޅު ކެންޑިޑޭޓެއް ކަނޑައެޅުމަށް މަޝްވަރާ ފަށާފައިވާ ދުވަސްވަރު ކަމަށް ވުމުން، އިދިކޮޅު ފަރާތްތަކުގެ އިތުރުން މި ސަރުކާރުގެ އިސް ބޭފުޅުން ވެސް ރައީސް މައުމޫނާ ބައްދަލުކުރައްވާ ކަމަށް އޭނާ ވިދާޅުވިއެވެ.

ރިޔާސީ އިންތިހާބަށް ކުޑަ ދުވަސް ކޮޅަށްވެފައި ވަނިކޮށް، ރައީސް މައުމޫން ދިރިއުޅުއްވާ ގޭގައި އެމްއެންޑީއެފުން ސެކިއުރިޓީ ބަލަހައްޓަން ފެށުމުން، އެއް ބަޔަކު ބުނަމުންދަނީ އެކަން ކުރަނީ ރައީސް މައުމޫނަށް ފާރަލުމުގެ ގޮތުން ކަމަށެވެ.

ރައީސް މައުމޫން ދިރިއުޅުއްވާ ގެކޮޅަށް ވަންނަ މީހުންގެ ނަން ނޯޓުކުރަން ސިފައިން ފަށާފައިވާއިރު، އެމަނިކުފާނު ރައީސް އަބްދުﷲ ޔާމީނަށް ކުރައްވާ ތާއިދު އަނބުރާ ގެންދެވުމުން، އެމަނިކުފާނަށް ދީފައިވާ ސެކިއުރިޓީގެ މިންވަރު ސަރުކާރުން ދަށްކުރިއެވެ. އަދި ބޮޑީގާޑުންގެ އަދަދު މަދުކޮށް، ސެކިއުރިޓީގެ ގޮތުގައި ބޭނުންކުރާ ކާރު ވެސް އަތުލިއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 6 ގަޑިއިރު ކުރި
ރިވިއު ކުރީ: ހުޝާމް މުހަޢްމަދް
- ކޮމެންޓް
10 ޖެނުއަރީ 2018 | ބުދަ 17:09
ތުރާބެ
މައުމޫނަށް ވުރެ ގިނަދުވަހު ދިފާއީވުޒާރާގެ އެންމެ އިސްމަގާމުގައި ހުންނެވި ބޭފުޅެއް މުޅިދުނިޔޭގަވެސްނުހުންނާނެ. އެވުޒާރާގެ ކަންކަން ސިއްރުކުރައްވާނެކަން މައުމޫނަށް އެނގިވަޑައިނުގަންނަވަންޏާ ބުނެވޭނީ މަނިކުފާނު ކީއްތޯކުރެއްވީ އެވުޒާރާތަކުގެ އެންމެ އިސްބޭފުޅަކަށްހުންނަވައިގެން . ލަދުން ބޯހަލާކު