ކ. މާލެ
|
10 ޖެނުއަރީ 2018 | ބުދަ 03:43
ހުއާން ކާލޯސް ގާސިއާ، ހޮންޑިއުރާސްގެ ގައުމީ ޖަރޒީގައި
ހުއާން ކާލޯސް ގާސިއާ، ހޮންޑިއުރާސްގެ ގައުމީ ޖަރޒީގައި
ގެޓީ އިމޭޖަސް
ވިގަން އެތުލެޓިކް
ހޮންޑިއުރާސްގެ ޑިފެންޑަރު ގާސިއާ މަރުވެއްޖެ
29 އަހަރުގެ ޑިފެންޑަރު މަރުވެފައިވަނީ ލިއުކީމިއާ އަށް ފަރުވާ ހޯދަމުން ދަނިކޮށް
ގާސިއާ އަކީ 2014 ވަނަ އަހަރުގެ ފީފާ ވޯލްޑް ކަޕްގައި ވާދަކުރި ހޮންޑިއުރާސްގެ ގައުމީ ޓީމުގައި ހިމެނުނު ކުޅުންތެރިޔެއް

އިނގިރޭސި ކްލަބް ވިގަން އެތުލެޓިކް އަށް ކުރިން ކުޅުނު ހޮންޑިއުރަސްގެ ޑިފެންޑަރ ހުއާން ކާލޯސް ގާސިއާ މަރުވެއްޖެ އެވެ.

އުމުރުން 29 އަހަރުގެ ގާސިއާ މަރުވެފައިވަނީ ލިއުކީމިއާ (ލޭގެ ކެންސަރު) އަށް ފަރުވާ ހޯދަމުން ދަނިކޮށެވެ.

2013 ވަނަ އަހަރުގެ ޖުލައި މަހު ފްރީ ޓްރާންސްފައެއްގައި ވިގަން އާ ގުޅުނު ޑިފެންޑަރ އެކްލަބަށް ކުޅުނު ފުރަތަމަ މެޗަކީ އިނގިރޭސި ފުޓްބޯޅަ ލީގު ކަޕްގައި މެންޗެސްޓަރ ސިޓީ އަތުން ފަސް ލަނޑު ސުން ލަނޑުން ބަލިވި މެޗެވެ.

އޭގެ ފަހުން 2014 ވަނަ އަހަރުގެ ހޫނު މޫސުމުގައި ލޯން އެއްބަސްވުމެއްގެ ދަށުން ސްޕެއިންގެ ޓެނެރިފޭ އާ ގުޅުނު ގާސިއާ، ލިއުކީމިއާ އަށް ފަރުވާ ހޯދަން ފަށާފައިވަނީ 2015 ވަނަ އަހަރުގެ ފެބްރުއަރީ މަހު އެވެ.

ގާސިއާގެ ކުއްލި މަރުގެ ޚަބަރާއި ގުޅިގެން ވިގަން އެތުލެޓިކްގެ ޗެއަރމަން ޑޭވިޑް ޝާޕޭ ކުރި ޓްވީޓެއްގައި ވަނީ، މިއީ ހިތާމަވެރި ޚަބަރެއް ކަމަށާއި، ގާސިއާގެ އާއިލާ އަދި ރަހުމަތްތެރިންނަށް ތައުޒިޔާ ކިޔާ ކަމަށެވެ.

ވިގަން އާއެކު ހަދާފައިވާ ކޮންޓްރެކްޓް 2016 ވަނަ އަހަރު ހަމަވިނަމަވެސް، އެކްލަބުންވަނީ އޭނާގެ ފަރުވާ ކުރިޔަށް ގެންދިއުމަށް އިނގިރޭސިވިލާތުގައި މަޑުކުރުމުގެ ހުއްދަދީ، ގާސިއާގެ ފަރުވާގެ ކަންކަމުގައި އެހީތެރިކަން ފޯރުކޮށްދީފައެވެ.

2014 ވަނަ އަހަރު ބްރެޒިލްގައި ބޭއްވި ފީފާ ވޯލްޑް ކަޕްގައި ހޮންޑިއުރާސްގެ ގައުމީ ޓީމަށް ކުޅުނު ޑިފެންޑަރު، އިނގިރޭސިވިލާތުން ފަރުވާ ހޯދުމަށްފަހު އެނބުރި ގައުމަށް ބަދަލުވެފައި ވަނީ މިދިޔަ އަހަރުގެ ފަހުކޮޅު އެވެ.

ގާސިއާގެ މަރުގެ ޚަބަރާއި ގުޅިގެން އިނގިރޭސި ޕްރޮފެޝަނަލް ފުޓްބޯލަރސް އެސޯސިއޭޝަންގެ އިސް ވެރިންނާއި، އޭނާ ކުޅެފައިވާ ކްލަބުތަކުގެ އިސްވެރިން އަދި އޭނާ އާއެކު ކުޅުނު ކުޅުންތެރިން ދަނީ ތައުޒިޔާ ކިޔަމުންނެވެ.

އޭނާ އަށް އިހްތިރާމް އަދާކުރުމުގެ ގޮތުން އަންނަ ހޮނިހިރު ދުވަހު ޕީޓަރބޮރޯ ޔުނައިޓެޑާއި ދެކޮޅަށް ޑީޑަބްލިއު ސްޓޭޑިއަމްގައި ވިގަން ކުޅޭ މެޗުގެ ކުރިން ހަމަހިމޭންކަމުގެ އެއް މިނިޓުގެ ސުކޫތެއް ގެނައުމަށް ވަނީ ހަމަޖެހިފައެވެ.

ހޮންޑިއުރާސްގެ ގައުމީ ޓީމަށް 2009 ވަނަ އަހަރުން ފެށިގެން 2014 ވަނަ އަހަރުގެ ނިޔަލަށް 39 މެޗު ކުޅެދިން ޑިފެންޑަރު ވަނީ، ގައުމީ ޓީމަށް އެއް ލަނޑު ޖަހައިދީފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ދުވަަސް ކުރިން
ރިވިއު ކުރީ: މިއުވާން މުހައްމަދު
- ކޮމެންޓް