ކ. މާލެ
|
10 ޖެނުއަރީ 2018 | ބުދަ 01:19
ކުރީގެ ޑިފެންސް މިނިސްޓަރ އަމީން ފައިސަލް
ކުރީގެ ޑިފެންސް މިނިސްޓަރ އަމީން ފައިސަލް
ގޫގުލް
މައުމޫން އަބްދުލް ގައްޔޫމް
ރައީސް މައުމޫނަށް އޮތް ނުރައްލަކެއްކަން ބުނެނުދީ ތިބެ، އެމަނިކުފާނަށް ކަމެއް ވެއްޖެނަމަ ސިފައިން ޒިންމާވާން ޖެހޭނެ: އަމީން ފައިސަލް
ނުރައްކަލެއް އޮތްނަމަ ރައީސް މައުމޫންގެ ބޮޑީގާޑަށް އެކަން އަންގަން ޖެހޭނެ
އެމައުލޫމާތު ރައީސް މައުމޫނަށްވެސް އަންގަން ޖެހޭ
އޮތް ނުރައްކަލަކީ ކޮބައިކަން ރައީސް މައުމޫނަށް އަންގާފައެއް ނުވޭ

ކުރީގެ ރައީސް އަލްއުސްތާޛް މައުމޫން އަބްދުލްޤައްޔޫމުގެ ހަށިކޮޅަށް ނުރައްކަލެއް އެބައޮތްކަމަށް ބުނެ، އެނުރައްކަލެއްގެ މަޢުލޫމާތު އެމަނިކުފާނަށް އެމްއެންޑީއެފުން ނުދީ ތިބެ، އެމަނިކުފާނަށް ކަމެއް ވެއްޖެނަމަ އެކަމުގެ ޒިންމާ އެމްއެންޑީއެފް އިން އުފުލަން ޖެހޭނަކަމަށް ކުރީގެ ޑިފެންސް މިނިސްޓަރ އަމީން ފައިސަލް ވިދާޅުވެއްޖެއެވެ.

ކުރީގެ ރައީސް މައުމޫނުގެ ހަށިކޮޅަށް ނުރައްކާވެދާނެކަމުގެ ޖާސޫސީ މައުލޫމާތު ލިބިފައިވާކަމަށް ބުނެ އެމްއެންޑީއެފްއިން އެމަނިކުފާނު ދިރިއުޅުއްވާ ގެކޮޅަށް ވަންނަ މީހުންގެ ނަން ނޯޓުކުރަން ފެށުމުން، އެކަމާއި ގުޅިގެން ރާއްޖެ.އެމްވީއިން ދެންނެވި ސުވާލަކަށް ޖަވާބު ދެއްވަމުން އަމީން ފައިސަލް ވިދާޅުވީ އެމްއެންޑީއެފްއަށް ލިބޭ ޤައުމީ ސަލާމަތާއި ބެހޭ ޖާސޫސީ މައުލޫމާތުތައް ޙާލަތު ނިޔާކުރާ ގޮތަށް ބަލައި ރައްޔިތުންނަށް ހާމަކުރަން ނުޖެހޭނެކަމަށެވެ. އެހެން ނަމަވެސް، އެމައުލޫމާތަކީ މީހަކަށް ކަމެއް ދިމާވެދާނެކަމުގެ މައުލޫމާތުކަމަށްވާނަމަ، އެކަމަށް ދިމާވާ ފަރާތަކަށް އެމައުލޫމާތު ވަރަށް ސާފުކޮށް އަންގައިދޭން ޖެހޭނެކަމަށެވެ. އަދި އެހެން އަންގައި ނުދޭނަމަ އެފަރާތަކުން ސަމާލުވާން ޖެހޭ ކަންކަން ނޭނގޭނެކަމަށް އަމީން ވިދާޅުވިއެވެ.

އަމީން ވިދާޅުވީ އެމްއެންޑީއެފްއަށް އިންޓެލް މައުލޫމާތެއް ލިބިއްޖެނަމަ އެމައުލޫމާތު ޗީފް އޮފް ޑިފެންސް ފޯސްއަށް ހިއްސާކުރަން ޖެހޭނެކަމަށެވެ. އަދި އެއަށްފަހު އެކަމާއިމެދު ޢަމަލުކުރަންވީ ގޮތުގެ ސްޓޭންޑަރޑް އޮޕަރޭޓިންގ ޕްރޮސީޖަރ އޮންނާނެކަމަށް އޭނާ ވިދާޅުވިއެވެ.

ކުރިން ސިފައިންގެގޭގައިވެސް މަސައްކަތްކުރެއްވި އަމީން ފައިސަލް ވިދާޅުވީ ރައީސް މައުމޫންގެ ހަށިކޮޅަށް ނުރައްކަލެއް ވެދާނެކަމުގެ މައުލޫމާތު އެމްއެންޑީއެފްއަށް ލިބިއްޖެނަމަ ރައީސް މައުމޫންގެ ސަލާމަތީ ކަންކަމާއި ހަވާލުވެގެން އެމަނިކުފާނުގެ އަރިހުގައި ހުންނަ ސްޕެޝަލް ޕްރޮޓެކްޝަން ގްރޫޕްގެ ޕަރސަނަލް ސެކިއުރިޓީ އޮފިސަރ (ޕީއެސްއޯ) އަށް އެމައުލޫމާތު ދޭން ޖެހޭނެކަމަށާއި، އެއަށްފަހު ޕީއެސްއޯ އެމައުލޫމާތު ރައީސް މައުމޫނާއި ހިއްސާކުރައްވަން ޖެހޭނެ ކަމަށެވެ. 

ރައީސް މައުމޫން ވަނީ އެމަނިކުފާނަށް އޮތް ނުރައްކަލުގެ މައުލޫމާތު ސިފައިން އެމަނިކުފާނާއި ހިއްސާކުރައްވާފައި ނުވާތީ އެކަމުގެ ކަންބޮޑުވުން ފާޅުކުރައްވާފައެވެ.

އަމީން ވިދާޅުވީ ރައީސް މައުމޫންގެ ހަށިކޮޅަށް ނުރައްކަލެއް އޮތްކަމަށް ސިފައިންނަށް އިންޓެލިޖެންސް ރިޕޯޓް ލިބިފައިވާނަމަ، ހަމައެކަނި އެމަނިކުފާނަށް ޒިޔާރަތްކުރާ މީހުންގެ ނަން ނޯޓުކޮށްގެން ނިިމުނީކަމަށް ދެކިވަޑައިނުގަންނަވާކަމަށެވެ.

އަމީން ފައިސަލްއަކީ ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ސަރުކާރުގައި ޑިފެންސް މިނިސްޓަރުކަން ކުރެއްވުމުގެ އިތުރުން އެމަނިކުފާނުގެ ޤައުމީ ސަލާމަތާއި ބެހޭ މުޝީރުކަންވެސް ކުރެއްވި ބޭފުޅެކެވެ. 

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ދުވަަސް ކުރިން
ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް
- ކޮމެންޓް