ހދ. އަތޮޅުގެ ފަސް ރަށަކުން 80 އަށް ވުރެ ގިނަ މީހުން އަރުވައިގެން ދިޔަ ފެރީއެއް، ފަރަށް އަރާފައި ވަނިކޮށް، މިއަދު ހެނދުނު އެ ދޯނި ފުންކޮށްފިއެވެ.
ހދ. އަތޮޅު ކައުންސިލްގެ ނާއިބު ރައީސް މުހައްމަދު ވަސީމް ރާއްޖެއެމްވީއަށް ވިދާޅުވީ އެ ދޯނި ފަރަށް އެރީ ކުރިނބީން މީހުންތަކެއް އަރުވައިގެން ދަނިކޮށް، އިންޖީނު ހުއްޓިގެން ކަމަށެވެ. ފަރަށް އެރި ދޯންޏަކީ ހދ. އަތޮޅު ފެރީއެވެ.
އަށްޑިހައަށް ވުރެ ގިނަ މީހުން ތިބި ދޯނި ފަރަށް އެރުމުން، ކުރިނބީ ރައްޔިތުންގެ އެހީގައި ދޯނި ފުންކޮށްފައިވާ ކަމަށާއި މިހާރު އެ ދޯނީ ކުރިނބީ ބަނދަރަށް ވައްދާފައިވާ ކަމަށް ވަސީމް ވިދާޅުވިއެވެ. އޭނާ ވިދާޅުވީ އެ ހާދިސާގައި އެއްވެސް މީހަކަށް ގެއްލުމެއް ނުވާ ކަމަށެވެ.
ފެރީ ފަރަށް އެރިއިރު، އެ ދޯނި ދަތުރުކުރަމުންދިޔަކީ ހދ. ކުޅުދުއްފުއްޓަށެވެ.
ހދ. އަތޮޅު ފެރީ އެ އަތޮޅު ފަސް ރަށަކަށް ދަތުރުކުރެއެވެ. އެއީ ހިރިމަރަދޫ އާއި ފިނޭ، ނެލެއްދޫ. ނައިވައިދޫގެ އިތުރުން ކުރިނބީއެވެ.