ކ. މާލެ
|
8 ޖެނުއަރީ 2018 | ހޯމަ 19:40
ގއ. އަތޮޅު ކައުންސިލްގެ ރައީސް ފުއާދު ވަޑާމުގެ މަސައްކަތުގައި: އޭނާގެ ބައްޕައަކީ ވެސް ވަޑާން ކުރާ މީހެއް--- ފޮޓޯ/ ގއ. އަތޮޅު ކައުންސިލް
ގއ. އަތޮޅު ކައުންސިލްގެ ރައީސް ފުއާދު ވަޑާމުގެ މަސައްކަތުގައި: އޭނާގެ ބައްޕައަކީ ވެސް ވަޑާން ކުރާ މީހެއް--- ފޮޓޯ/ ގއ. އަތޮޅު ކައުންސިލް
ޙުސައިން ޙަސަން
ގއ. އަތޮޅު ކައުންސިލް
ސަސްޕެންޑު ކުރި ދެ ކައުންސިލަރަކު މަހަށް ނުކުތްއިރު، ކައުންސިލްގެ ރައީސް ވަޑާން ކުރުމުގައި!
މަހަށް ނުކުތުމުން، ސިނާއަތުގެ މައްސަލަތައް ދެނެގަނެވޭނެ: ކައުންސިލަރުން
ވަޑާމުގެ މަސައްކަތަކީ ކުރިން ވެސްކޮށް އުޅުނު ކަމެއް: ކައުންސިލްގެ ރައީސް

ގއ. އަތޮޅު ކައުންސިލުގެ ހުރިހާ ކައުންސިލަރުން ސަސްޕެންޑްކުރުމާ ގުޅިގެން، އެ ކައުންސިލްގެ ރައީސާއި ނައިބު ރައީސް ހިމެނޭ ގޮތަށް އާންމުދަނީ ހޯދުމަށްޓަކާ ދެ ކައުންސިލަރަކު މަހަށް އަނެއް ކައުންސިލަރު ވަޑާމުގެ މަސައްކަތް ކުރަން ފަށައިފިއެވެ.

ސަސްޕެންޑު ކުރި މެންބަރުންގެ ތެރޭގައި ހިމެނޭ ގއ. އަތޮޅު ކައުންސިލްގެ ރައީސް އަހްމަދު ފުއާދު "ރާއްޖެއެމްވީ"އަށް މިރޭ ވިދާޅުވީ ކައުންސިލަރުކަމުން އޭނާ ސަސްޕެންޑު ކުރުމާ ގުޅިގެން ވަޑާމުގެ މަސައްކަތް ކުރަން ފެށީ މީގެ ހަފްތާއެއްހާ ދުވަސް ކުރިން ކަމަށެވެ.

ފުއާދުގެ ބައްޕައަކީ ޒަމާންތަކެއް ވަންދެން ގއ. ވިލިނގިލީގައި ވަޑާމުގެ މަސައްކަތް ކުރަމުންދާ މީހެކެވެ. ފުއާދުގެ މަންމަ ކުޑައިރުގައި ނިޔާވުމާ ގުޅިގެން، އާއިލީ ހަރަދުތަކާއި އެހެނިހެން ކަންކަން، ހަމަޖެއްސުމަށް އޭނާގެ ބައްޕަކޮށް އުޅުނު މަސައްކަތަކީ ވަޑާމުގެ މަސައްކަތެވެ.

ފުއާދު ވިދާޅުވީ ވަޑާމުގެ މަސައްކަތް ކުރުމަކީ އޭނާގެ ބައްޕައާ އެއްގޮތަށް އޭނާއަށް ލިބިފައިވާ ހުނަރެއް ކަމަށެވެ. 

ހުވަދު އަތޮޅުގެ ތިން ދާއިރާއެއް ތަމްސީލު ކުރާ ގއ. އަތޮޅު ކައުންސިލްގެ ތިން މެމްބަރުން ސަސްޕެންޑް ކުރީ ހޯމްމިނިސްޓްރީގެ ހުއްދައެއް ނެތި ބޭރުގެ ޑިޕްލޮމޭޓަކާ ބައްދަލު ކުރި މައްސަލާގައެވެ. އިންޑިއާއިން ރާއްޖެއަށް ކަނޑައަޅުއްވާފައިވާ ސަފީރު އަކިލޭޝް މިޝްރާއާ ބައްދަލު ކުރި މައްސަލާގައި ތިން މަސް ދުވަހަށް އެ ތިން ކައުންސިލަރުން ސަސްޕެންޑް ކުރަން ނިންމީ ނިމިދިޔަ ޑިސެމްބަރު މަހުގެ 13 ވަނަ ދުވަހުއެވެ.

ގއ. އަތޮޅު ކައުންސިލްގެ ނައިބު ރައީސް އަހްމަދު ނަޒްމީން އާއި ދާންދޫ ދާއިރާއިން ކައުންސިލަރު ހުސައިން އާދަމް ވެސް ވަނީ އާންމުދަނީ ހޯދުމުގެ ގޮތުން މަހަށް ދާން ފަށާފައެވެ. ހުވަދޫ މަސްވެރިންނާއެކު، އެ ކައުންސިލަރުން މަހަށް ދާން ފަށާފައިވާތާ ދުވަސްކޮޅެއް ވެއްޖެއެވެ.

ހުވަދޫ އަތޮޅަކީ ރާއްޖޭގައި މަސްވެރިކަން އެންމެ ރަނގަޅު އަތޮޅެވެ. އަދި މަސްވެރިން ގިނަ އަތޮޅެކެވެ. 

ގއ. އަތޮޅު ކައުންސިލްގެ ދެ މެމްބަރަކު މަހަށް ދާން ފަށާފައިވާއިރު، އެ ކައުންސިލަރުން ބުނަމުންދަނީ އަތޮޅުގެ މަސްވެރިންނާއެކު މަހަށް ދިއުމަކީ މަސްވެރިކަމުގެ ސިނާއަތުގައި ހުރި މައްސަލަތައް ދެނެގަނެ، ހައްލު ކުރުމަށް ލިބޭނެ ފަހި މަގެއް ކަމަށެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ދުވަަސް ކުރިން
ރިވިއު ކުރީ: ހުޝާމް މުހަޢްމަދް
- ކޮމެންޓް