ކ. މާލެ
|
8 ޖެނުއަރީ 2018 | ހޯމަ 14:31
ކުރީގެ ނާއިބު ރައީސް އަހުމަދު އަދީބު
ކުރީގެ ނާއިބު ރައީސް އަހުމަދު އަދީބު
މުހައްމަދު ޝަރުހާން
ކުރީގެ ނާއިބު ރައީސް އަދީބު
އިޖުރާއަތު ގާނޫނުގައި ބުނާ މުއްދަތު ފަހަނައަޅައި ގޮސްފި، އަދީބަށް ދައުވާ ނުކުރެވޭނެ: ވަކީލު
ގާނޫނަށް އަމަލުކުރަން ފަށާއިރު ބަންދުކޮށްފައި ތިބި މީހުންގެ މައްސަލަތައް 30 ދުވަހުގެ ތެރޭގައި ދައުވާކުރަން ފޮނުވަންޖެހޭ
ޖިނާއީ އިޖުރާއަތުގެ ގާނޫނަށް އަމަލުކުރަން ފެށީ މިދިޔަ އަހަރުގެ ޖުލައި 2 ވަނަ ދުވަހު
މި މައްސަލައާ ގުޅިގެން އަދީބުއާ ފުރަތަމަ ސުވާލުކޮށްފައި ވަނީ 2015 ވަނަ އަހަރުގެ ފަހުކޮޅުގައި

ޖިނާއީ އިޖުރާއަތުގެ ގާނޫނުގައި ދައުވާކުރަން ކަނޑައަޅާފައިވާ މުއްދަތު ހަމަވެފައިވާތީ، ފުލުހުންގެ އިންޓެލިޖެންސް އޮފިސަރުންނަށް ރިޝްވަތު ދެއްވި ކަމަށް ބުނާ މައްސަލައިގައި ކުރީގެ ނާއިބު ރައީސް އަހުމަދު އަދީބަށް ދައުވާ ނުކުރެވޭނެ ކަމަށް އެމަނިކުފާނުގެ ގާނޫނީ ވަކީލު މޫސާ ސިރާޖު ވިދާޅުވެއްޖެއެވެ.

ފުލުހުންގެ އިންޓެލިޖެންސް އޮފިސަރުންނަށް ރިޝްވަތު ދެއްވި ކަމަށް ބުނެ އަދީބުގެ މައްޗަށް ދެ ދައުވާއެއް ކޮށްފައިވެއެވެ. އެގޮތުން، ރިޝްވަތު ދިނުމުގެ ދައުވާ އާއި ރަސްމީ ހައިސިއްޔަތުގެ ބޭނުން ނަހަމަ ގޮތުގައި ކުރުމުގެ ދައުވާކޮށް، ބުރާސްފަތި ދުވަހު އެ މައްސަލަ ކްރިމިނަލް ކޯޓަށް ވަނީ ހުށަހަޅާފައެވެ. 

މިކަމާ ގުޅޭ ގޮތުން ރާއްޖެއެމްވީ އިން ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން އަދީބުގެ ގާނޫނީ ވަކީލު މޫސާ ސިރާޖު ވިދާޅުވީ ޖިނާއީ އިޖުރާއަތުގެ ގާނޫނަށް މިދިޔަ އަހަރުގެ ޖުލައި މަހު އަމަލުކުރަން ފެށިއިރު، އެ ގާނޫނަށް އަމަލުކުރަން ފަށާއިރު ހުރި މައްސަލަތަކުގެ ތަހުގީގު ނިންމައި ދައުވާކުރާނެ މުއްދަތުތަކެއް ގާނޫނުގައި ކަނޑައަޅާފައިވާ ކަމަށެވެ.

މިދިޔަ އަހަރުގެ ޖުލައި 2 ވަނަ ދުވަހު އަމަލުކުރަން ފެށި، ޖިނާއީ އިޖުރާއަތުގެ ގާނޫނުގެ 95 ވަނަ މާއްދާގައިވާ ގޮތުގައި، ގާނޫނަށް އަމަލުކުރަން ފަށާއިރު ތަހުގީގަށް ބަންދުކޮށްފައި ތިބި ފަރާތްތަކުގެ މައްސަލަތައް ނިންމައި، ގާނޫނަށް އަމަލުކުރަން ފަށާތާ 30 ދުވަހުގެ ތެރޭގައި ދައުވާ އުފުލަންވާނެއެވެ. އަދި ހައްޔަރުކުރެވި، އެހެން ނަމަވެސް ބަންދުން ދޫކޮށްލާފައިވާ މީހުންގެ މައްސަލަތައް 45 ދުވަހުގެ ތެރޭގައި ނިންމައި ދައުވާ އުފުލަންވާނެ ކަމަށް ގާނޫނުގައިވެއެވެ.

ރިޔާސީ ލޯންޗުކޮޅުގެ މައްސަލައިގައި 2015 ވަނަ އަހަރުގެ އޮކްޓޯބަރުގައި އަދީބު ހައްޔަރުކުރި، ސިރާޖު ވިދާޅުވާ ގޮތުގައި، ފުލުހުންގެ އިންޓެލިޖެންސް އޮފިސަރުންނަށް ރިޝްވަތު ދެއްވި ކަމަށް ބުނާ މައްސަލައިގައި އަދީބުއާ ފުރަތަމަ ސުވާލުކޮށްފައި ވަނީ 2015 ވަނަ އަހަރުގެ ފަހުކޮޅުގައެވެ.

ސިރާޖު ވިދާޅުވީ ގާނޫނުގައި ކަންކުރަންވީ ގޮތާއި ދައުވާ ކުރެވޭނެ މުއްދަތުތަކެއް ކަނޑައަޅާފައިވާއިރު، ހުރިހާ ފަރާތްތަކުން ވެސް ގާނޫނަށް ތަބާވާންޖެހޭނެ ކަމަށެވެ. 

"މިއުޅެނީ ކޮންމެހެން އަދީބަށް ދައުވާކޮށްގެން އެކަން ނުކުރެވޭނެއޭ ބުނާކަށް ނޫން، ގާނޫނުގައި ވަކި ގޮތަކަށް ކަން ކުރާށޭ ބުނީމަ އެކަން އެގޮތަށް ނުކޮށްގެން. ގާނޫނު ހުޅުވާލާފައި އެއްފަހަރު ނަމަވެސް ބަލާލާނަމަ މިހުރި މާއްދާތައް ފެންނާނެ. ޕްރޮސެކިއުޓަރ ޖެނަރަލް އެބަ ޖެހިވަޑައިގަންނަވާ ފޮތް ކިޔަން، ފޮތް ނުކިޔަންޏާ މިހަލަ ކަންތައްތައް ވާނެ،" ސިރާޖު ވިދާޅުވި އެވެ.

މި މައްސަލައިގައި، ފުލުހުން ތުހުމަތު ކޮށްފައި ވަނީ އިންޓެލިޖެންސް ރިޕޯޓްތަކެއް ހޯއްދެވުމަށް ފުލުހުންގެ އިންޓެލް އޮފިސަރުންނަށް އަދީބު ރިޝްވަތު ދެއްވި ކަމަށެވެ. މީގެ އިތުރުން ފުލުހުންގެ އެކި ލެވަލްތަކުގެ މީހުންނަށް ރިޝްވަތު ދެއްވި ކަމަށް ވެސް ތުހުމަތު ކުރެއެވެ. އަދީބުގެ އެޕާޓްމަންޓަކުން ފުލުހުންގެ އިންޓެލް ރިޕޯޓްތަކަކާއި އެހެން ވެސް ލިޔެކިޔުންތަކެއް ފެނިފައިވާ ކަމަށް ފުލުހުން ބުނެފައިވެއެވެ. 

ފުލުހުންގެ އޮފިސަރުންނަށް ރިޝަވަތު ދިނުމުގެ ދައުވާ އަދީބަށް ކުރާއިރު އެ މައްސަލައިގައި ރިޝްވަތު ހިފި ކަމަށް ބުނާ އެއްވެސް ފުލުހެއްގެ މައްޗަށް ދައުވާ އުފުލާފައެއް ނުވެއެވެ. 

މީގެ އިތުރުން ފުލުހުންގެ އިންޓެލިޖެންސް ޑިޕާޓްމެންޓްގައި މަސައްކަތްކުރާ ބައެއް ފުލުހުން ރޭގަނޑުގެ ދަން ގަޑިތަކުގައި އަދީބު ދިރިއުޅުއްވާ އެޕާޓްމެންޓްތަކަށް ވަދެ ނިކުމެ އުޅޭ މަންޒަރު، ފުލުހުންގެ ތަހުގީގަށް އެއްކުރެވިފައިވާ ސީސީޓީވީ ފުޓޭޖްތަކުން ފެންނަ ކަމަށް ފުލުހުން ބުނެފައިވެއެވެ.

ފުލުހުންގެ އިންޓެލް ރިޕޯޓްތައް ހޯދުމަށް ރިޝްވަތު ދެއްވި ކަމަށް ބުނެ އަދީބަށް ދައުވާ ކޮށްފައިވާއިރު، 2015 ވަނަ އަހަރުގެ ޖުލައި މަހުން ފެށިގެން ރައީސް އަބްދުﷲ ޔާމިން އަށް އިންޓެލް ރިޕޯޓްތައް ލިބިވަޑައި ނުގަންނަވާ ކަމަށް އެމަނިކުފާނު ވިދާޅުވެފައިވެއެވެ. ރައީސް ޔާމީން މިހެން ވިދާޅުވެފައި ވަނީ ރިޔާސީ ލޯންޗުކޮޅު ގޮވި ހާދިސާއަށް ފަހު ފުރަތަމަ ފަހަރަށް ގައުމާ މުޚާތަބު ކުރައްވައި ވާހަކަ ދައްކަވަމުންނެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ގަޑިއިރު ކުރި
ރިވިއު ކުރީ: އަލީ ޔޫސުފް
- ކޮމެންޓް