ކ. މާލެ
|
7 ޖެނުއަރީ 2018 | އާދީއްތަ 20:48
ލަނޑު ޖެހުމަށް ފަހު ކޮސްޓާ ސަޕޯޓަރުންނާއެކު އުފާ ފާޅުކުރަނީ
ލަނޑު ޖެހުމަށް ފަހު ކޮސްޓާ ސަޕޯޓަރުންނާއެކު އުފާ ފާޅުކުރަނީ
ގެޓީ އިމޭޖަސް
ސްޕެނިޝް ލަލީގާ
ސްޕެނިޝް ލަލީގާ: ލަނޑު ޖެހުމަށް ފަހު ކޮސްޓާ ރަތް ކާޑު ހޯދައިފި
ކޮސްޓާ ރަތް ކާޑެއް ހޯދީ އަމިއްލަ ދަނޑުގައި 2-0 ގެ ނަތީޖާއަކުން ގެޓާފޭގެ މައްޗަށް އެޓްލެޓިކޯ ކުރި ހޯދި މެޗުގަ
ވެލެންސިއާ ވެސް ވަނީ އަމިއްލަ ދަނޑުގައި 2-1 ގެ ނަތީޖާއަކުން ޖިރޯނާ ބަލިކޮށްފައި
އެޓްލެޓިކޯ ދެވަނައިގައި އޮތްއިރު ވެލެންސިއާ އޮތީ ތިންވަނައިގައި

ސްޕެނިޝް ލަލީގާގައި އެޓްލެޓިކޯ މެޑްރިޑް ކުޅުނު މެޗުގައި ލަނޑު ޖެހުމަށް ފަހު އެ ޓީމަށް ގުޅުނު ފޯވާޑް ޑިއޭގޯ ކޮސްޓާ ރަތް ކާޑެއް ހޯދައިފިއެވެ.

ކޮސްޓާ ރަތް ކާޑެއް ހޯދީ އަމިއްލަ ދަނޑުގައި 2-0 ގެ ނަތީޖާއަކުން ގެޓާފޭގެ މައްޗަށް އެޓްލެޓިކޯ ކުރި ހޯދި މެޗުގައެވެ. ދެ ޓީމުގެ ފަރާތުން ވެސް ވާދަވެރި ކުޅުމެއް ފެނިގެންދިޔަ މި މެޗުގައި ދެ ޓީމުން ވެސް ވަނީ ލަނޑު ޖެހުމަށް ރަނގަޅު ފުރުސަތުތަކެއް ތަނަވަސް ކޮށްފައެވެ. މި މެޗުން އެޓްލެޓިކޯ މޮޅުވީ އެ ޓީމަށް ލިބުނު ފުރުސަތުތަކުގެ ބޭނުން ހިފައިގެންނެވެ.

މެޗު ފެށިގެން ބޯޅަ ކޮންޓްރޯލްކޮށް ރަނގަޅަށް ކުޅެފައިވަނީ އެޓްލެޓިކޯއިންނެވެ. އެ ޓީމުން ވަނީ ގެޓާފޭގެ ގޯލަށް ނުރައްކާ ކުރުމަށް ގިނަ މަސައްކަތްތަކެއް ކޮށްފައެވެ. އެގޮތުން މެޗުގެ 18 ވަނަ މިނެޓުގައި އެންޓޮއިން ގްރީޒްމަން ތަނަވަސްކޮށްދިން ފުރުސަތަކުން އެ ޓީމަށް ލީޑު ނަގައިދިނީ އާޖެންޓީނާގެ ޒުވާން ފޯވާޑް އެންހެލް ކޮރޭއާއެވެ. މި ލަނޑަށް ފަހު  ގެޓާފޭއިން އެ ޓީމުގެ ކުޅުން ރަނގަޅުކުރިއިރު މި ހާފުގައި އިތުރު ލަނޑެއް ފެނިގެން ގޮސްފައެއް ނުވެއެވެ.

އެއް ލަނޑުގެ ލީޑެއްގައި އޮވެ އެޓްލެޓިކޯއިން ފުރަތަމަ ހާފު ނިންމާލިއިރު ދެވަނަ ހާފުގައި ވެސް އެ ޓީމުން ވަނީ ރަނގަޅު ކުޅުމެއް ދައްކައި ގެޓާފޭގެ ގޯލަށް ނުރައްކާ ކޮށްފައެވެ. މެޗުގެ 68 ވަނަ މިނެޓުގައި ކޮސްޓާ ލަނޑެއް ޖަހައިދީ އެ ޓީމަށް ނަތީޖާގެ ފަރަގު ބޮޑުކޮށްދިނެވެ. އެހެން ނަމަވެސް މި ލަނޑު ޖެހުމަށް ފަހު ސަޕޯޓަރުންނާއެކު އުފާ ފާޅުކުރަން އޭނާ ދިޔުމާއެކު ރެފްރީ ވަނީ ދެވަނަ ރީނދޫ ކާޑަކާއެކު އޭނާއަށް ރަތް ކާޑު ދައްކައި ދަނޑުން ފޮނުވާލާފައެވެ. މި މެޗުގެ ބާކީ ބައި އެޓްލެޓިކޯއިން ފުރިހަމަ ކޮށްފައިވަނީ 10 ކުޅުންތެރިންނާއެކު އެވެ.

ސްޕެނިޝް ލަލީގާގައި އަމިއްލަ ދަނޑުގައި 2-1 ގެ ނަތީޖާއަކުން ޖިރޯނާ ބަލިކޮށް ވެލެންސިއާ ވެސް ވަނީ ތާވަލުގެ ކުރިޔަށް ޖެހުމަށް އެ ޓީމުން ކުރަމުން އަންނަ މަސައްކަތް ދަމަހައްޓާފައެވެ. މި މެޗުގެ ފުރަތަމަ ލަނޑު ޖަހާ ލީޑު ނެގީ ޖިރޯނާއިންނެވެ. މެޗުގެ އަށްވަނަ މިނެޓުގައި އެ ޓީމަށް ލީޑު ނަގައިދިނީ ކްރިސްޓިން ޕޯޓޫއެވެ.

އެހެން ނަމަވެސް މެޗުގެ 27 ވަނަ މިނެޓުގައި ޖިރޯނާގެ ޑިފެންޑަރު ޖޯނަސް ރަމާލޯ އަތުން ބައިކޮޅަށް ވަން ލަނޑުން މެޗުގެ ނަތީޖާ ހަމަހަމަވެގެންދިޔައެވެ. މި މެޗުން ވެލެންސިއާއަށް ތިން ޕޮއިންޓް ކަށަވަރު ވެގެންދިޔައީ މެޗުގެ 48 ވަނަ މިނެޓުގައި ޑެނީ ޕަރޭހޯ އެ ޓީމަށް ޖަހައިދިން ލަނޑުންނެވެ.

ލަލީގާގައި އެއިބާ ވެސް ވަނީ ރަށުން ބޭރުގައި ފަހަތުން އަރައި 2-1 ގެ ނަތީޖާއަކުން ލަސް ޕަލްމާސް ބަލިކޮށްފައެވެ. މި މެޗުގައި އެއިބާއިން ޖެހި ލަނޑުތައް އެ ޓީމަށް ޖަހައިދިނީ ފަބިއަލް އޮރެލާނޯ އާއި ސާޖީ އެންރިޗްއެވެ. އަދި ލަސް ޕަލްމާސްގެ ލަނޑު އެ ޓީމަށް ޖަހައިދިނީ ޖޮނަތަން ވިއެރާއެވެ.

ކުޅުނު އެއްވެސް މެޗަކުން ބަލިނުވެ 45 ޕޮއިންޓާއެކު ބާސާއަށް ޕޮއިންޓް ތާވަލުގެ އެއްވަނަ ލިބޭއިރު ދެވަނައިގައި 39 ޕޮއިންޓާއެކު އޮތީ އެޓްލެޓިކޯއެވެ. ހަމައެހެންމެ ތިންވަނައިގައި 37 ޕޮއިންޓާއެކު ވެލެންސިއާ އޮތްއިރު ހަތަރު ވަނައިގައި 31 ޕޮއިންޓާއެކު އޮތީ ރެއާލް މެޑްރިޑްއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ދުވަަސް ކުރިން
ރިވިއު ކުރީ: ހުޝާމް މުހަޢްމަދް
- ކޮމެންޓް