ކ. މާލެ
|
7 ޖެނުއަރީ 2018 | އާދީއްތަ 18:45
އަގުއޭރޯ މި މެޗުގައި ލަނޑު ޖަހަނީ
އަގުއޭރޯ މި މެޗުގައި ލަނޑު ޖަހަނީ
ގެޓީ އިމޭޖަސް
އިނގިރޭސި އެފްއޭ ކަޕް
އިނގިރޭސި އެފްއޭ ކަޕް: ސިޓީ ހަތަރުވަނަ ބުރަށް ދަތުރުކޮށްފި
މި މުބާރާތުގެ ހަތަރުވަނަ ބުރުން ސިޓީ ޖާގަ ހޯދީ އަމިއްލަ ދަނޑުގައި 4-1 ގެ ނަތީޖާއަކުން ބާންލީ ބަލިކޮށްގެން

އިނގިރޭސި އެފްއޭ ކަޕްގެ ހަތަރުވަނަ ބުރުން މި ސީޒަނުގައި ތަފާތު މޮޅު ކުޅުމެއް ދައްކަމުން އަންނަ މެންޗެސްޓާ ސިޓީ ޖާގަ ހޯދައިފިއެވެ.

މި މުބާރާތުގެ ހަތަރުވަނަ ބުރުން ސިޓީ ޖާގަ ހޯދީ އަމިއްލަ ދަނޑުގައި 4-1 ގެ ނަތީޖާއަކުން ބާންލީ ބަލިކޮށްގެންނެވެ. މި މެޗުގައި ސިޓީގެ ފަރާތުން މޮޅު އެޓޭކިން ފުޓްބޯޅައެއް ފެނިގެންދިޔައިރު ބާންލީއިން ވެސް ވަނީ ކައުންޓާ އެޓޭކުގައި ސިޓީގެ ގޯލަށް ނުރައްކާ ކޮށްފައެވެ.

މި މެޗު ފެށިގެން ސިޓީއިން ރަނގަޅަށް ކުޅެމުންދަނިކޮށް ބާންލީއިން ވަނީ މެޗުގެ ފުރަތަމަ ލަނޑު ޖަހާ ލީޑު ނަގާފައެވެ. މެޗުގެ 25 ވަނަ މިނެޓުގައި ސިޓީގެ ޒުވާން ޑިފެންޑަރު ޖޯން ސްޓޯންސްއަށް ހެދުނު ގޯހެއްގެ ފައިދާ ނަގައި އެ ޓީމަށް މި ލަނޑު ޖަހައިދިނީ އޭޝްލީ ބާންސްއެވެ. ބާންލީއިން މި ލަނޑު ޖެހުމާއެކު ސިޓީއިން އެ ޓީމުގެ ކުޅުން ރަނގަޅުކޮށް ހަމަލާ އުފައްދަން މަސައްކަތް ކޮށްފައިވެއެވެ. އެހެން ނަމަވެސް ފުރަތަމަ ހާފުގައި ސިޓީގެ ގޯލެއް ފެނިގެން ގޮސްފައެއް ނުވެއެވެ.

އެއް ލަނޑުގެ ލީޑެއްގައި އޮވެ ބާންލީއިން ފުރަތަމަ ހާފު ނިންމާލިއިރު ދެވަނަ ހާފަށް ސިޓީ ނުކުތީ ނަތީޖާ ބަދަލުކޮށްލުމުގެ އުއްމީދުގައެވެ. ހަތަރު ވަނަ ބުރުގެ އުއްމީދު ސިޓީއަށް އައުވެގެންދިޔައީ މެޗުގެ 56 ވަނަ މިނެޓުގައި ސާޖިއޯ އަގުއޭރޯ ޖަހައިދިން ލަނޑުންނެވެ. އޭގެ ދެ މިނެޓުފަހުން އަނެއްކާ ވެސް ލަނޑެއް ޖަހައިދީ އަގުއޭރޯ ވަނީ ސިޓީއަށް ލީޑު ނަގައިދީފައެވެ. ސިޓީއިން މެޗުގައި ޖެހި ތިންވަނަ ލަނޑު މެޗުގެ 71 ވަނަ މިނެޓުގައި އެ ޓީމަށް ޖަހައިދިނީ ލެރޯއި ސާނޭއެވެ. ސިޓީއަށް ހަތަރުވަނަ ބުރުގެ ޖާގައެއް ކަށަވަރު ވެގެންދިޔައީ މެޗުގެ 82 ވަނަ މިނެޓުގައި ބަނާޑޯ ސިލްވާ އެ ޓީމަށް ޖަހައިދިން ލަނޑުންނެވެ.

މި މުބާރާތުގައި ޗެލްސީ ކުޅުނު މެޗުން އެއްވަރުވެ އެ ޓީމަށް ވަނީ ހަތަރު ވަނަ ބުރުގެ ޖާގައެއް ހޯދުމަށް ދެވަނަ ލެގުގެ މެޗެއް ކުޅެން ޖެހިފައެވެ. ރަށުން ބޭރުގައި ނޯވިޗް ސިޓީއާ ދެކޮޅަށް ކުޅުނު މެޗުން ޗެލްސީ އެއްވަރުވީ 0-0 ގެ ނަތީޖާއަކުންނެވެ. މި މެޗުގައި އެ ޓީމަށް ލަނޑު ޖެހުމަށް ގިނަ ފުރުސަތުތަކެއް ލިބިގެންދިޔައިރު މިއިން އެއްވެސް ފުރުސަތެއްގެ ބޭނުން ހިފިފައެއް ނުވެއެވެ.

ރަށުން ބޭރުގައި 2-1 އިން ބޯލްޓަން ވޮންޑަރަރސް ބަލިކޮށް ހަޑާސްފީލްޑް ވެސް ވަނީ ހަތަރުވަނަ ބުރަށް ދަތުރު ކޮށްފައެވެ. ހަމައެހެންމެ ސައުތްހެމްޕްޓަން ވެސް ވަނީ 1-0 ގެ ނަތީޖާއަކުން ފުލަމް ބަލިކޮށް ހަތަރުވަނަ ބުރަށް ދަތުރު ކޮށްފައެވެ. ވޮޓްފޯޑާއި ނިއުކާސަލްގެ އިތުރުން މެންޗެސްޓާ ޔުނައިޓެޑާއި ލިވަޕޫލް ވެސް ވަނީ މި މުބާރާތުގެ ހަތަރުވަނަ ބުރުން ޖާގަ ހޯދާފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ދުވަަސް ކުރިން
ރިވިއު ކުރީ: ހުޝާމް މުހަޢްމަދް
- ކޮމެންޓް