ކ. މާލެ
|
7 ޖެނުއަރީ 2018 | އާދީއްތަ 16:27
ޖެންޑާ މިނިސްޓަރު ޒެނީޝާ---- ފޮޓޯ/ ރާޢްޖެއެމްވީ
ޖެންޑާ މިނިސްޓަރު ޒެނީޝާ---- ފޮޓޯ/ ރާޢްޖެއެމްވީ
މިނިސްޓްރީ އޮފް ޖެންޑާ
ޖެންޑާ މިނިސްޓަރު
ރޭޕުގެ މައްސަލާގައި ޖެންޑާގެ ފިނި ޖަވާބު: ކަންބޮޑުވޭ، ކުރަންޖެހޭ ކަންކަން އެބަ ކުރަން!
މި ބާވަތުގެ މައްސަލަތަކުގައި ނުހަނު ކަންބޮޑުވަން: މިނިސްޓްރީ

އުމުރުން 19 އަހަރުގެ އަންހެން ކުއްޖަކު ރޭޕު ކުރި ކަމަށް ބުނާ މައްސަލާގައި ކުރަންޖެހޭ ކަންކަން ޖެންޑާ މިނިސްޓްރީން ކުރަމުންދާ ކަަމަށް ބުނެ، އެ މިނިސްޓްރީން އެ މައްސަލާގައި ފިނި ޖަވާބެއް ދީފިއެވެ.

ޖެންޑާ މިނިސްޓްރީގެ އެސިސްޓެންޓް ޑިރެކްޓަރު އިބްރާހިމް މުހައްމަދު "ރާއްޖެއެމްވީ"އަށް މިއަދު ވިދާޅުވީ އެ ބާވަތުގެ މައްސަލަތަކުގައި މިނިސްޓްރީން ނުހަނު ކަންބޮޑުވާ ކަމަށެވެ.

"މި ބާވަތުގެ މައްސަލަތަކުގައި މިނިސްޓްރީން ނުހަނު ކަންބޮޑުވަން. އަދި މި މައްސަލާގައި މިނިސްޓްރީން ކުރަންޖެހޭ ކަންކަން ކުރަމުންދާކަން ވެސް ޔަގީންކޮށް އަރުވަން،" ޖެންޑާ މިނިސްޓްރީގެ އެސިސްޓެންޓް ޑިރެކްޓަރު ވިދާޅުވިއެވެ.

ޖިންސީ ގޯނާ އާއި ޖިންސީ ފުރައްސާރަ އާއި އަންހެނުންނާއި ކުޑަކުދިންނަށް ގެވެށި ގުޅުންތަކުގައި ލިބޭ އެހެނިހެން އަނިޔާތަކުގެ މައްސަލަތައް ޖެންޑާ މިނިސްޓްރީން ފުލުހުންނާ ގުޅިގެން ގެންދަނީ ބަލަމުންނެވެ. އަދި ނަފްސާނީ ގޮތުން އަސަރު ކޮށްފައިވާ މީހުންނަށް އެހީތެރިކަން ފޯރުކޮށްދީ ކައުންސިލިން ދިނުމުގެ މަސައްކަތް ވެސް އެ މިނިސްޓްރީން ކުރެއެވެ.

މިދިޔަ ހަފްތާގެ ބުދަ ދުވަހުގެ ރޭ މާލޭގައި ހިންގި ކަމަށް ބުނާ ރޭޕުގެ މައްސަލާގައި ޖެންޑާ މިނިސްޓްރީން ކުރަމުން ގެންދަނީ ކޮން މަސައްކަތްތަކެއް ކަމެއް އެ މިނިސްޓްރީއަކުން ނުބުނެއެވެ. އެ މިނިސްޓްރީން އެ މައްސަލާގައި ފިނި ޖަވާބެއް ދީފައިވާއިރު، ރޭޕުގެ ތުހުމަތު ކުރެވޭ މީހާ ހައްޔަރުކޮށްފައި ވަނީ މައްސަލަ ހުށެހެޅުނުތާ ތިންވަނައަށްވީ ދުވަހުއެވެ.

ރޭޕުގެ މައްސަލާގައި ހައްޔަރުކޮށްފައި ވަނީ އުމުރުން 33 އަހަރުގެ ގދ. ތިނަދޫ، ދެކުނުގޭ، ހަސަން ފާއިޒެވެ. ހަސަނަކީ ޕީޕީއެމް ޕީޖީ ޕްރޫޕުގެ ލީޑަރު އަހުމަދު ނިހާން ހުސައިން މަނިކުގެ އެއްބަނޑުއެއްބަފާ ކޮއްކޮއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 16 ގަޑިއިރު ކުރި
ރިވިއު ކުރީ: ހުޝާމް މުހަޢްމަދް
- ކޮމެންޓް