ކ. މާލެ
|
7 ޖެނުއަރީ 2018 | އާދީއްތަ 02:14
އެމްޑީޕީ ހަރުގޭގައި ސަޔަށް ބަހައްޓާފައި ހުރި ތަކެތި ފުލުހުން ގެންދަނީ
އެމްޑީޕީ ހަރުގޭގައި ސަޔަށް ބަހައްޓާފައި ހުރި ތަކެތި ފުލުހުން ގެންދަނީ
ޓްވިޓަރ
ހަރުގެ ސައި
ސަޔަށް ގެނައި އެއްޗެހި ނައްތާލުމުގެ ބަދަލު ފުލުހުން ދޭން ޖެހޭ، އެއީ ފޭރުން: އިންތި
އާއްމުކޮށް ކޮންމެ ހުކުރު ދުވަހަކު ސައި އޮވޭ، ފުލުހުން އާއްމުކޮށް ސަޔަށް ބަހައްޓާފައި ހުންނަ ތަކެތި ގެންދޭ

އިދިކޮޅު ފަރާތްތަކުން ސިލްސިލާކޮށް ކޮންމެ ހުކުރު ދުވަހަކު ބާއްވަމުން އަންނަ ސަޔަށް ފުލުހުން ހުރަސް އަޅައި، އެތަކެތި ގެންދިޔުމުން، އޭގެ ބަދަލު ދޭން ޖެހޭ ކަމަށް މާފަންނު އުތުރު ދާއިރާގެ މެމްބަރު އަލްއުސްތާޛް އިމްތިޔާޒް ފަހުމީ (އިންތި) ވިދާޅުވެއްޖެއެވެ.

އިންތި ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ސަޔަށް ގެނައި ތަކެތި ފުލުހުން ބޭނުންކުރިނަމަ އެވާނީ ހަރާމްކަމެއްކަމަށެވެ. އަދި  ފުލުހުން އެތަކެތި ނައްތާލިނަމަ، އެވެސް ވާނީ ކުށަކަށް ކަމަށް އިންތި ވިދާޅުވިއެވެ. އޭނާ އިތުރަށް ވިދާޅުވީ ފުލުހުން ގެންދިޔަ ތަކެތީގެ ބަދަލު ފުލުހުން ދޭން ޖެހޭނެކަމަށެވެ.

އާއްމުކޮށް ކޮންމެ ހުކުރު ދުވަހަކު އެމްޑީޕީ ހަރުގޭގައި އެޕާޓީގެ އާއްމު މެމްބަރުންނާއި ސަޕޯޓަރުންނާއި އަދި ޕާޓީގެ އިސް ބޭފުޅުން އެއްވެ ހަވީރު ސައި ކުރިއަށް ގެންދެއެވެ. ފުލުހުން މި ސަޔަށް އާއްމުކޮށް ހުރަސްއަޅައި، ސަޔަށް ގެންނަ ތަކެތި ބަހައްޓާފައި ހުންނަ މޭޒު ގެންދެއެވެ. އަދި ބައެއް ފަހަރު މިހެން ގެންދިޔުމުން އެމްޑީޕީގެ މެމްބަރުން އަނެއްކާވެސް ސަޔަށް އިތުރު އެއްޗެހި ނެރެ، ސައި ކުރިއަށް ގެންދެއެވެ.

ރާއްޖެ.އެމްވީ އާއި ވާހަކަ ދައްކަވަމުން އިންތި ވިދާޅުވީ ފުލުހުންނަށް މުދަލެއް ހިފެހެއްޓޭނީ ޖިނާޢީ ކުށަކާއި ގުޅިގެންކަމަށެވެ. އެހެން ނަމަވެސް ސަޔަށް ގެނައި ތަކެތި ގެންދާއިރު، ޖިނާޢީ ކުށެއްގެ ތުހުމަތު ނުކުރާކަމަށާއި، އެއްވެސް ތަހުޤީޤެއްވެސް ނުހިންގާ، އެއްވެސް މީހެއްގެ މީހަކުވެސް ހައްޔަރުނުކުރާކަމަށް އިންތި ވިދާޅުވިއެވެ.

"ޖިނާޢީ ކުށެއްގެ ތުހުމަތުގައި ހިފެހެއްޓޭ މުދާވެސް ވެރިފަރާތަށް އަނބުރާ ދޭން ޖެހޭނެ މައްސަލައަށް ގޮތެއް ނިމުނީމަ ޝަރީޢަތުން. އެކަމަކު ޖިނާޢީ ތުހުމަތެއް ކޮށްގެން ނޫން އެ ހެދިކާތައް އެގެންދަނީ. އެހެންވީމަ އެއީ ފޭރުން،" އިންތި ވިދާޅުވިއެވެ.

ފުލުހުން ގެންދިޔަތަކެތީގެ ބަދަލު އެފަރާތުން ދޭން ޖެހޭނެކަމަށް ވިދާޅުވެ، އިންތި މިސާލު ދެއްކެވީ ދާދިފަހުން އިޖުރާޢަތްތަކާއި ޚިލާފަށް ފުލުހުން ހިފެހެއްޓި ބަނގުރާ ފުޅިތަކެއް ދޫކޮށްލުމަށް ކޯޓުން އަމުރުކުރި މައްސަލައިންނެވެ. އެހެންކަމުން މުދަލެއް ހިފެހެއްޓޭނީ އުޞޫލުތަކެއްގެ ތެރެއިންކަމަށާއި، ފުލުހުން ކޮންމެ ހުކުރު ދުވަހަކު އެމްޑީޕީ ހަރުގޭގައި ބަހައްޓާއި ހުންނަ ހެދިކާތައް ގެންދަނީ އުޞޫލަކުން ނޫންކަމަށް އިންތި ވިދާޅުވިއެވެ. 

ހުކުރު ދުވަހު އެމްޑީޕީ ހަރުގޭގައި ބާއްވާ ސަޔަށް ގެންނަ ތަކެތި ނެގުމަށް ފަހު އެއަށް ހަދާ ގޮތަކާއި ބެހޭ ގޮތުން ރާއްޖެ.އެމްވީ އިން ސުވާލު ދެންނެވުމުން ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ އެކަމާއި ބެހޭ ގޮތުން މިވަގުތު ކޮމެންޓެއް ނެތް ކަމަށެވެ.  

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ގަޑިއިރު ކުރި
ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް
- ކޮމެންޓް