ކ. މާލެ
|
6 ޖެނުއަރީ 2018 | ހޮނިހިރު 08:26
މެންޗެސްޓާ ޔުނައިޓެޑްގެ ކޯޗު ހޯސޭ މޮރީނިއޯ
މެންޗެސްޓާ ޔުނައިޓެޑްގެ ކޯޗު ހޯސޭ މޮރީނިއޯ
ގޯލް.ކޮމް
ހޯސޭ މޮރީނިއޯ
ޔުނައިޓެޑް ދޫކޮށްލަން އުޅޭ ކަމަށް ބުނެ ފަތުރާ ވާހަކަތަކަކީ ހޮޅި ވާހަކަތަކެއް: މޮރީނިއޯ
މޮރީނިއޯ ވަނީ ދާދިފަހުން ކުޅުންތެރިންނާ މެދު ހިތްހަމަނުޖެހުން ފާޅުކޮށްފައި
ޔުނައިޓެޑާއެކު މޮރީނިއޯ ހަދާފައިވާ ކޮންޓްރެކްޓުގެ މުއްދަތު ހަމަވާނީ 2019 ވަނަ އަހަރު
ޔުނައިޓެޑް އޮތީ ޕްރިމިއާ ލީގުގެ ތާވަލުގެ ދެވަނައިގައި

މެންޗެސްޓާ ޔުނައިޓެޑްގެ ކޯޗުކަން ދޫކޮށްލަން އުޅޭ ކަމަށް ބުނެ މީޑިއާތަކުން ފަތުރަމުންދާ ވާހަކަތަކަކީ ހޮޅި ވާހަކަތަކެއްގެ ގޮތުގައި އެ ޓީމުގެ ކޯޗު ހޯސޯ މޮރީނިއޯ ސިފަކޮށްފިއެވެ.

މީޑިއާތަކުން މޮރީނިއޯ އެ ޓީމު ދޫކޮށްލަން އުޅޭ ކަމަށް ބުނެ ރިޕޯޓުކޮށްފައިވަނީ މިދިޔަ ޑިސެމްބަރު މަހުގެ 24 ވަނަ ދުވަހު ލެސްޓާ ސިޓީއާ ދެކޮޅަށް ކުޅެ 2-2 ގެ ނަތީޖާއަކުން ޔުނައިޓެޑް އެއްވަރުވި މެޗުގައި އެ ޓީމުގެ ކުޅުންތެރިން ދެއްކި ކުޅުމާއިމެދު އޭނާ ހިތްހަމަނުޖެހުން ފާޅުކޮށްފައިވާތީއެވެ.

އެ މެޗަށް ފަހު ނޫސްވެރިންނަށް މައުލޫމާތު ދެމުން މޮރީނިއޯ ލެސްޓާ އަތުން އެއްވަރުވުމުން ކުރެވެނީ މެޗަކުން ބަލިވުން ފަދަ އިހުސާސެއް ކަމަށެވެ. އޭނާ ބުނީ ބައެއް ފަހަރު ޕޮއިންޓެއް ލިބުމުން އެކަން މާބޮޑު ކަމަކަށް ނަހަދާ ގަބޫލު ކުރި ނަމަވެސް އެފަހަރު ގަބޫލުނުކުރެވޭނެ ކަމަށެވެ.

މޮރީނިއޯ ބުނީ މެޗު ހުއްޓުވުމަށް ފަހު ކުޅުންތެރިންނަށް އޭނާ އަށް އިރުޝާދު ނުދެވޭނެ ކަމަށާއި، އެ މެޗުގައި ފަހުވަގުތު ބައިކޮޅަށް ވަން ލަނޑަކީ ޑިފެންސްލައިނުން ހެދި ގޯހެއްގެ ސަބަބުން ވަން ލަނޑެއް ކަމަށެވެ. މީގެއިތުރުން އޭނާ ބުނީ އެ މެޗުގައި ލަނޑު ޖަހަން ރަނގަޅު ފުރުސަތުތައް ލިބުނު ނަމަވެސް އެ ފުރުސަތުތައް ގޯލަކަށް ބަދަލު ނުކުރެވުނީ ކުޅުންތެރިންގެ ފަރުވާ ކުޑަކަމުން ކަމަށާއި، އެއީ ގަބޫލު ކުރެވޭނެ ކަމެއް ނޫން ކަމަށެވެ.

މީޑިއާތަކުން ފަތުރަމުންދާ ވާހަކަތަކަށް ރައްދު ދެމުން މޮރީނިއޯ ބުނެފައިވަނީ އެފަދަ ވާހަކަތަކަށް ޖަވާބު ދޭން ނުޖެހޭ ކަމަށާއި އެއީ އެއްވެސް ހަގީގަތެއް އެކުނުލެވޭ ހޮޅި ވާހަކަތަކެއް ކަމަށެވެ. އެފަދަ ވާހަކަތަކުގެ ސަބަބުން ނޭދެވޭ އަސަރު ކުރިކަން ހާމަކުރަމުން މޮރީނިއޯ ބުނެފައިވަނީ އޭނާގެ ޕްރޮފެޝަނަލް ކަމާއިމެދު ސުވާލު އުފެއްދުމުގެ ފުރުސަތު އެއްވެސް މީހަކަށް ނޯންނާނެ ކަމަށެވެ.

ހަމައެހެންމެ އޭނާ ބުނީ ކޮންޓްރެކްޓުގައި އަދި ބާކީ އެއް އަހަރު އެބައޮތް ކަމަށާއި އޭނާ ކޮންޓްރެކްޓުގެ މުއްދަތު އިތުރުކުރާނީ ކްލަބުގައި މަޑުކުރަން ބޭނުންވެގެންކަން ވެސް އެންމެނަށް ވަރަށް ސާފުކޮށް ކިޔައިދޭން ބޭނުންވާ ކަމަށް މޮރީނިއޯ ބުނެފައިވެއެވެ. އަދި އުއްމީދަކީ ދިގު މުއްދަތެއް ވަންދެން ޔުނައިޓެޑްގެ ކޯޗުގެ ގޮތުގައި ދެމިހުރުން ކަމަށާއި ކޮންޓްރެކްޓް އައުކުރުމާއި މެދު ގޮތެއް ނިންމާނީ ކްލަބުގެ މެނޭޖްމަންޓުން ކަމަށް މޮރީނިއޯ ބުނެފައިވެއެވެ.

އުމުރުން 54 އަހަރުގެ ކޯޗު ޔުނައިޓެޑާއެކު ހަދާފައިވާ ކޮންޓްރެކްޓުގެ މުއްދަތު ހަމަވާނީ 2019 ވަނަ އަހަރުއެވެ. ބައެއް މީޑިއާތަކުން ރިޕޯޓުކޮށްފައިވާ ގޮތުގައި ޔުނައިޓެޑްގެ އެގްޒެކްޓިވް ވައިސް ޗެއާމަން އެޑް ވުޑްވަރޑް އާއި މޮރީނިއޯގެ އޭޖެންޓާއި ދެމެދު ކޮންޓްރެކްޓް އައު ކުރުމުގެ މަޝްވަރާތަކެއް ކުރިޔަށް ގެންގޮސްފައިވެއެވެ.

ސީޒަނުގެ ކުރީކޮޅު މޮރީނިއޯގެ އިރުޝާދުގެ ދަށުން ޔުނައިޓެޑުން ރަނގަޅު ނަތީޖާތަކެއް ހޯދި ނަމަވެސް ފަހަކަށް އައިސް އެ ޓީމަށް މާ އެދެވޭ ނަތީޖާތަކެއް ނެރެވިފައެއް ނުވެއެވެ. ޖެހިޖެހިގެން ތިން މެޗުން އެއްވަރުވުމަށްފަހު އެ ޓީމުން ވަނީ އެންމެ ފަހުން ކުޅުނު މެޗުގައި 2-0 އިން އެވަޓަން ބަލިކޮށްފައެވެ. މި މެޗުން މޮޅުވި ނަމަވެސް މޮރީނިއޯގެ ޔުނައިޓެޑް އޮތީ ތާވަލުގެ އެއްވަނައިގައި އޮތް ޕެޕް ގާޑިއޯލާގެ މެންޗެސްޓާ ސިޓީއަށްވުރެ 15 ޕޮއިންޓް ފަހަތުން ތާވަލުގެ ދެވަނައިގައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ދުވަަސް ކުރިން
ރިވިއު ކުރީ: އަލީ ޔޫސުފް
- ކޮމެންޓް