ކ. މާލެ
|
5 ޖެނުއަރީ 2018 | ހުކުރު 13:06
އަބްދުﷲ ރިޔާޒު: ކޯލިޝަނުން އިންތިހާބު ކާމިޔާބު ކުރާނެ ކަމަށް ވިދާޅުވި-- ފޮޓޯ/ރާއްޖެއެމްވީ
އަބްދުﷲ ރިޔާޒު: ކޯލިޝަނުން އިންތިހާބު ކާމިޔާބު ކުރާނެ ކަމަށް ވިދާޅުވި-- ފޮޓޯ/ރާއްޖެއެމްވީ
ރާއްޖެ އޮންލައިން
އިދިކޮޅު ކޯލިޝަން
އެކްޓިވިސްޓުން ދެބަސްވުމަކީ މައްސަލައެއް ނޫން، ކޯލިޝަން ދެމިއޮންނާނެ: ރިޔާޒު
އިދިކޮޅު ހަރަކާތް ވަރުގަދަވާނީ މާމިގިލީ ޖަލްސާއަށް ފަހު

ގުޅިފައިވާ ޕާޓީތަކުގެ ސޯޝަލް މީޑިއާ އެކްޓިވިސްޓުންގެ މެދުގައި ދެބަސްވުން އުފެދި، ބަހުގެ ހޫނު ހަމަލާތަކެއް ބދަލުކުރުމަކީ މައްސަލައެއް ނޫން ކަމަށާއި ގުޅިފައިވާ ޕާޓީތަކުގެ ހަތަރު ލީޑަރުންގެ ވިސްނުމާ އެއްގޮތަށް ކޯލިޝަން ބައިބައި ނުވެ، ދެމިއޮންނާނެ ކަމަށް ޖުމްހޫރީ ޕާޓީގެ ނާއިބު ލީޑަރު، ކިނބިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ރިޔާޒު ވިދާޅުވެއްޖެއެވެ.

ރިޔާސީ އިންތިހާބަށް ނެރެން އެންމެ އެކަށީގެންވާ އިދިކޮޅު ކެންޑިޑޭޓެއް ބެލުމަށް ރާއްޖެޓީވީން ނެގި ޕޯލާ ގުޅިގެން، އެމްޑީޕީ އާއި ޖުމްހޫރީ ޕާޓީގެ ސޯޝަލް މީޑިއާ އެކްޓިވިސްޓުންގެ މެދުގައި ވަނީ ބަހުގެ ހޫނު ހަމަލާތަކެއް ބަދަލުކޮށްފައެވެ. އަދި ޕާޓީތަކުގެ ލީޑަރުންނަށް ރައްދުކޮށް، ބައެއް ސޯޝަލް މީޑިއާގައި އެކްޓިވިސްޓުން ވަނީ ޓްވީޓްކޮށް، އަދި ފާޑުކިޔުން އަމާޒުވާ އެކި ފޮޓޯތައް އާންމުކޮށްފައެވެ.

ގުޅިފައިވާ ޕާޓީތަކުގެ އެކްޓިވިސްޓުންގެ ދެބަސްވުންތަކާއި އަރާރުންތަކާ ގުޅިގެން ސަރުކާރު ހިންގާ ޕާޓީ، ޕީޕީއެމުން ތުހުމަތު ކުރަމުންދަނީ ކޯލިޝަން ވަރަށް އަވަހަށް ބައިބައިވެ، ރޫޅިގެން ހިނގައިދާނެ ކަމަށެވެ. ނަމަވެސް އެ ވާހަކަތައް ދޮގުކޮށް، އަބްދުﷲ ރިޔާޒު ވިދާޅުވީ ޕާޓީތަކުގެ މެދުގައި އަބަދުވަސް ވާދަވެރިކަން އޮންނަން ޖެހޭނެ ކަމަށާއި އެފަދަ "ހެލްދީ ކޮންޕެޓިޝަން"ތަކުގެ ސަބަބުން ޕާޓީތައް ވަރުގަދަވާނެ ކަމަށެވެ.

"ކޮންމެ ކަމަކީ އިތުރަށް ވަރުގަދަވާނެ ކަންތައްތަކެއް. ކޮންޕެޓިޝަން އައި ވަރަކަށް 'ރަނގަޅުވާނެ'. އަޅުގަނޑުމެން ބޭނުން ގޮތަކަށް ވަކި ބޭފުޅަކު ވަކި ރިޔާސީ ކެންޑިޑޭޓަކު ގޮތުގައި އަޅުގަނޑުމެން ނިންމީއަކީ ނޫން. ނިންމޭ ހިސާބުން ހުރިހާ ބޭފުޅުން އަރާނެ އެބޭފުޅެއްގެ ފަހަތަށް،" އެއްބައިވަންތަކަމުގެ ސަރުކާރެއް އެކުލަވާލުމަށް އުފައްދާފައިވާ ކޮމެޓީގެ ވައިސް ޗެއާމަންގެ މަގާމު ވެސް އަދާ ކުރައްވަމުން ގެންދަވާ ރިޔާޒު ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ އިދިކޮޅު ފަރާތްތަކުގެ ހަރަކާތްތައް މިއަހަރު އިތުރަށް ވަރުގަދަ ވެގެންދާނީ ޕާޓީތައް ގުޅިގެން 11 ވަނަ ދުވަހު މާމިގިލީގައި ބާއްވާ ޖަލްސާއަށް ފަހުގައި ކަމަށެވެ.

އެއްބައިވަންތަކަމުގެ ސަރުކާރެއް އުފެއްދުމުގެ މަޝްވަރާއަށް ހޮއްވަވާފައިވާ ކޮމެޓީގައި އެއް ކެންޑިޑޭޓަކު ރިޔާސީ އިންތިހާބަށް ނެރުމަށްޓަކައި އެއްބަސްވާންޖެހޭ ފޯމިއުލާއަކާ މެދު ބަހުސްކޮށް، ޕާޓީތައް ގުޅިގެން މެނިފެސްޓޯއެއް ތައްޔާރުކުރުމުގެ މަޝްވަރާތައް ކުރިއަށްދާނެ ކަމަށް ފާހަގަ ކުރައްވައި ރިޔާޒު ވިދާޅުވީ ސްޓްރެޓެޖިކް އަދި ޕްލޭނިން މަސައްކަތް އެ ޕާޓީތަކުން މިހާރު ވެސް ކުރަމުންދާ ކަމަށެވެ.

އޭނާ ވިދާޅުވި ގޮތުގައި ޕާޓީތައް އެކުގައި ކުރަންޖެހޭ މަސައްކަތްތަކާއި ވަކި ކަމެއް ހާސިލު ކުރުމަށް ކުރާ މަސައްކަތުގައި ކޮންޕްރަމައިޒް ކުރަންޖެހޭ ކަންތައްތަކަށް ޖުމްހޫރީ ޕާޓީން ކޮންޕްރަމައިޒް ކުރާނެ އެވެ.

"ޖުމްހޫރީ ޕާޓީގެ ޕޮޒިޝަނަކީ ރައްޔިތުންނަށް ދިމާވެފައިވާ ނުތަނަވަސްކަން، ފިލުވައި ދިނުމަށް މަސައްކަތް ކުރުން ސިޔާސީ ގޮތުން. އެހެންވީމަ އަޅުގަނޑުމެން މިތިބީ ސިޔާސީ ގޮތުން ކޮންޕްރަމައިޒް ކުރަންޖެހޭ ތަންތަނުގައި ކޮންޕްރަމައިޒްކޮށްގެން މި އަނިޔާވެރި ދުވަސްތައް މާޒީއަށް ހަދަން ތައްޔާރަށް،" ރިޔާޒު ވިދާޅުވިއެވެ.

ރިޔާޒު ވިދާޅުވީ ގުޅިފައިވާ ޕާޓީތައް އެކުވެގެން، ރިޔާސީ އިންތިހާބު ކާމިޔާބު ކުރެވޭނެ ކަމުގެ ޔަގީންކަށް އޮތް ކަމަށާއި ޕާޓީތައް އެންޑޯޒްކޮށްގެން ނެރޭ ކެންޑިޑޭޓަކު އިންތިހާބުވުމަށް ފަހު އުފައްދާފައިވާ ކޯލިޝަން ދެމި އޮންނާނީ ރައީސުލްޖުމްހޫރިއްޔާގެ މަގާމަށް އަންނަ ބޭފުޅެއްގެ އިހްލާސްތެރިކަމެއްގެ މައްޗަށް ކަމަށެވެ.

"އަޅުގަނޑަށް ޔަގީންކަން އެބަ އޮތް ޔުނިޓީ ސަރުކާރެއް އެކުލަވާލެވޭނެ ކަމަށް ގުޅިފައިވާ ސަރުކާރެއްގެ ތެރެއިން. އަޅުގަނޑުމެން ގުޅިފައިވާ ޕާޓީތަކުން އިރާދަ ކުރެއްވިއްޔާ ވަރަށް ކާމިޔާބު ކަމާ އެކު 2018ގައި އަޅުގަނޑުމެންނަށް ކާމިޔާބު ކުރެވޭ. ރައީސުލްޖުމްހޫރިއްޔާގެ މަގާމު ލިބޭ ބޭފުޅެއްގެ އިހްލާސްތެރިކަން އޮންނާނީ ދެން ވެސް. އެ ބޭފުޅެއްގެ އިހްލާސްތެރިކަން، ހުރިހާ އެންމެން އިންކުލޫޑުކޮށްގެން. އެކަކަކީ ވެސް އެކަނިމާއެކަނި ކަމެއް ހާސިލު ނުވެވޭނެކަން. އަދި ހާސިލު ވިޔަސް، އެކަން ދެމެހެއްޓުމަށް ވެސް އެންމެންގެ ސަޕޯޓު ބޭނުންވާކަން ހަމަ ކޮންމެ މީހަކުވެސް ގަބޫލު ކުރަންޖެހޭނެ،" ކޮމިޝަނާ އޮފް ޕޮލިސްގެ މަގާމު އަދާކުރެއްވުމަށް ފަހު، 2013 ވަނަ އަހަރު ސިޔާސީ ދާއިރާއަށް ނުކުމެވަޑައިގެންނެވި ރިޔާޒު ވިދާޅުވިއެވެ.

 

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ގަޑިއިރު ކުރި
ރިވިއު ކުރީ: އަލީ ޔޫސުފް
- ކޮމެންޓް
5 ޖެނުއަރީ 2018 | ހުކުރު 21:45
Mihaar
thee mashooru gaafurolhey gaafurolhey ???