ކ. މާލެ
|
4 ޖެނުއަރީ 2018 | ބުރާސްފަތި 23:54
ޕީޕީއެމްގެ ނައިބު ރައީސާ ނާދިރާ
ޕީޕީއެމްގެ ނައިބު ރައީސާ ނާދިރާ
މުހައްމަދު ޝަރުހާން
ހަރުގެ ޖަލްސާ
ފާރިސް ޖަލަށް ލައިގެން ރައީސް މައުމޫން، ޔާމީނަށް ދީލާނުލައްވާނެކަން މިހާރު ސާފުވާނެ: ނާދިރާ
ފާރިސް ޖަލަށް ލައިގެން އަޑު ކަނޑުވައެއް ނުލެވޭނެ
ރިޔާސީ އިންތިޚާބު ކާމިޔާބުކުރާނީ 'ރައީސް ޔާމީނަކީ ޕީޕީއެމްގެ ކާކުހޭ' އަހަމުން

ދިއްގަރު ދާއިރާގެ މެމްބަރު އަހުމަދު ފާރިސް މައުމޫން ޖަލަށް ލައިގެން އުޅުނަސް ޕީޕީއެމްގެ ރައީސް މައުމޫން ފެކްޝަން ބަލިކަށިނުވާނެ ކަމަށާއި، ފަހަތަށް ވެސް ނުޖެހޭނެ ކަމަށް އެފެކްޝަންގެ ނައިބު ރައީސާ އާމިނަތު ނާދިރާ ވިދާޅުވެއްޖެއެވެ.

ގުޅިފައިވާ ކޯލިޝަނުން އެމްޑީޕީ ހަރުގޭގައި ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުން ނާދިރާ ވިދާޅުވީ ފާރިސް ހައްޔަރުކޮށްގެން އެބޭފުޅުންގެ އަޑު ކަނޑުވާލެވޭނެ ކަމަށް ސަރުކާރުން ހީކޮށްގެން ނުވާނެ  ކަމަށެވެ. އަދި ފާރިސް ހައްޔަރުކޮށްގެން ފާރިސްގެ ބައްޕާފުޅު އަދި ކުރީގެ ރައީސް މައުމޫން އަބްދުލްޤައްޔޫމް ރައީސް ޔާމީން ފަޅިއަށް ދީލާލައްވަފާނެކަމަށް ހީކުރިޔަސް، އެމަނިކުފާނު ދީލާނުލައްވާނެކަން މިހާރު ސާފުވާނެ ކަމަށް ނާދިރާ ވިދާޅުވިއެވެ.

ގުޅިފައިވާ ޕާޓީތަކުން ކުރަމުންދާ މަސައްކަތާއި ބެހޭ ގޮތުން ވާހަކަ ދައްކަވަމުން ނާދިރާ ވިދާޅުވީ ކޯލިޝަންގެ ލީޑަރުން ޖަލަށް ލައިގެން އިދިކޮޅު ހަރަކާތް ނުހުއްޓުވޭނެ ކަމަށެވެ. އަދި އެކަކު ނެތިއްޔާ، އަނެކަކު ކޯލިޝަނުން ނިކުންނާނެ ކަމަށް އޭނާ ވިދާޅުވިއެވެ. ނާދިރާ ވިދާޅުވީ ރައީސް ޔާމީނަށް އިދިކޮޅު ފަރާތްތައް ޖަލަށް ލައިގެން، އިދިކޮޅުން ނިކުންނާނެ ކެންޑިޑޭޓެއް ނުހުންނާނެ ކަމަށް ހީފުޅުވަނީ އެމަނިކުފާނު ޖަލަށް ލުމުން ރައީސް ޔާމީން ފެކްޝަނުން އިންތިޚާބަށް ނިކުންނާނެ މީހަކު ނުހުންނާނެކަން އެމަނިކުފާނަށް ވިސްނިވަޑައިގަންނަވާތީ ކަމަށެވެ. މީގެ އިތުރުން އިދިކޮޅު ލީޑަރުން ތިބީ ބަދަހިކަމާއިއެކު ރިޔާސީ އިންތިޚާބު ކާމިޔާބުކުރާނެ މަގު ހޯދައިގެންކަމަށް އޭނާ ވިދާޅުވިއެވެ. އަދި ވެރިކަމަށް ރައީސް ޔާމީން ކުފޫ ހަމަނުވާކަމަށް ނާދިރާ ސިފަކުރެއްވިއެވެ.

ނާދިރާ ވިދާޅުވީ ރިޔާސީ އިންތިޚާބު ކާމިޔާބުކުރާނީ 'ރައީސް ޔާމީނަކީ ޕީޕީއެމްގެ ކާކުހޭ' އަހަމުންކަމަށެވެ. އަދި އެމަނިކުފާނު ޕާޓީގެ އާއްމު މެމްބަރެއްގެ ގޮތުގައިވެސް ނުބަހައްޓާނެކަމަށް ނާދިރާ ވިދާޅުވިއެވެ. ޕީޕީއެމްއަކީ ރައީސް ޔާމީން ގަދަބާރުން 'ޖަހައިގެންފައިވާ' ޕާޓީއެއްކަމަށް ރައީސް މައުމޫން ފެކްޝަނުން ގެންދަނީ ތަކުރާރުކޮށް ތުހުމަތުކުރަމުންނެވެ. އަދި ރައީސް ޔާމީން ޕީޕީއެމްގެ ލީޑަރޝިޕާއި ހަވާލުވެވަޑައިގެންނެވީ އަސާސީ ޤަވާޢިދާއި ޚިލާފަށް ކަމަށާއި، އެމަނިކުފާނާއި ޕީޕީއެމްގެ އެފެކްޝަނުގެ ކައުންސިލުން އަމަލު ކުރަމުންދަނީ ވެސް އަސާސީ ޤަވާޢިދާއި ޚިލާފަށް ކަމަށް އެބޭފުޅުން ވިދާޅުވާ ވިދާޅުވުން ނާދިރާ ތަކުރާރު ކުރެއްވިއެވެ.

ޕީޕީއެމްގެ ކޯލިޝަންގައި ހިމެނޭ އެމްޑީއޭގެ ލީޑަރު އަހުމަދު ސިޔާމް މުހައްމަދު، ރައީސް ޔާމީންގެ އަނބިކަނބަލުންނަށް ނިސްބަތްކުރައްވާ ރާނީއެކޭ ވިދާޅުވުމަށް ފާޑުވިދާޅުވަމުން ނާދިރާ ވިދާޅުވީ "އެހެން ރާނީ ހެދިފައި އަބަދަކު ނުހުރެވޭނެ" ކަމަށެވެ. އަދި ސަރުކާރާއި ޕީޕީއެމްއިން ހިންގާފައިވާ ޖަރީމާތަކުގެ ސަބަބުން ރައީސް ޔާމީނާއި އެމަނިކުފާނުގެ އަނބިކަނބަލުން ބަހައްޓަވާނީ ޖަލު ގޮޅިއެއްގައި ކަމަށް ނާދިރާ ވިދާޅުވިއެވެ.

މިޤައުމުގައި ވައްކަމެއް ކޮށްފި މީހެއް ވިއްޔާ މިހާރު ހުރީ އެއަށް ވުރެ އުހުގައި ކަމަށް ވިދާޅުވެ ނާދިރާ ވިދާޅުވީ، ކަރަންޓުގެ އަގު ބޮޑުވީ ވެސް، ސަބްސިޑީ ކަނޑާލަން ޖެހުނީވެސް އަދި މަގުތަކުގައި ފެން ބޮޑުވަނީވެސް ސަރުކާރުގެ އިސްވެރިން ވައްކަންކުރައްވާތީ އެކަމުގެ ނަތީޖާއެއްގެ ގޮތުން ކަމަށެވެ. އަދި ކަންކަމަށް ޚަރަދުކުރަނީ ކިހާވަރެއްކަން ރައްޔިތުންނަށް އެނގެން ޖެހޭ ކަމަށާއި ރައީސް ޔާމީން ކަންކަމަށް ފައިސާ ޚަރަދު ކުރައްވަނީ އަމިއްލަ ޖީބުން ނޫން ކަމަށް ނާދިރާ ވިދާޅުވިއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ގަޑިއިރު ކުރި
ރިވިއު ކުރީ: ހުޝާމް މުހަޢްމަދް
- ކޮމެންޓް