ކ. މާލެ
|
4 ޖެނުއަރީ 2018 | ބުރާސްފަތި 08:12
މެޗުގެ ސްކޯ ހުޅުވާލަދިން އާސެނަލްގެ ވިލްޝެއަރ
މެޗުގެ ސްކޯ ހުޅުވާލަދިން އާސެނަލްގެ ވިލްޝެއަރ
ރޮއިޓަރސް
އިނގިރޭސި ޕްރިމިއަރ ލީގު
ފަހު ވަގުތު ޖެހި ލަނޑުން ޗެލްސީއަތުން ބަލިނުވެ އާސެނަލް ސަލާމަތްވެއްޖެ
މެޗްގެ ސްކޯ: 2 - 2
ޗެލްސީ 3 ވަނައިގައި، އާސެނަލް 6 ވަނައިގައި
މޮޅުވި ޓީމަކަށް ތާވަލުގައި އެއް ދަރަޖަ ކުރިއެރުން ލިބެން އޮތް

އިނގިރޭސި ޕްރިމިއަރ ލީގުގައި ބުދަ ދުވަހު އާސެނަލްއާއި ޗެލްސީ އާސެނަލްގެ އެމިރޭޓްސް ސްޓޭޑިއަމްގައި ބައްދަލުކުރި މެޗު 2 – 2 އިން އެއްވަރު ވެގެން ނިމިއްޖެއެވެ.

އާސެނަލްއިން ގިނަ ވަގުތު ބޯޅަ ގެންގުޅުނު މިމެޗުގެ ފުރަތަމަ ހާފް ނިމިގެން ދިޔައީ އެއްވެސް ޓީމަކަށް ލަނޑެއް ނުޖެހިއެވެ. ދެވަނަ ހާފްގައި މެޗުގެ 63 ވަނަ މިނެޓްގައި ޖެކް ވިލްޝެއަރ ލަނޑެއް ޖަހައި އާސެނަލްއަށް ލީޑު ނަގައިދިނެވެ. މިއީ 2015ވަނަ އަހަރުގެ ފަހުން ވިލްޝެއަރ ޖެހި ފުރަތަމަ ލަނޑެވެ.

ވިލްޝެއަރގެ ލަނޑުގެ ކުރިން އާސެނަލްގެ އެލެކްސިސް ސަންޗޭޒް އަދި އެލެގްޒެންޑަރ ލަކަޒެޓް ވަނީ ޗެލްސީގެ ގޯލަށް ނުރައްކާކޮށްފައެވެ.

އާސެނަލްއިން މެޗުގެ ފުރަތަމަ ގޯލް ޖެހިތާ 4 މިނެޓް ނުވަނީސް ލިބުނު ޕެނަލްޓީއެއްގައި އެޑެން ހަޒާޑްވަނީ ގޯލް ޖަހައި  ނަތީޖާ ހަމަހަމަކޮށްފައެވެ. އަދި މެޗުގެ 84 ވަނަ މިނެޓުގައި ޗެލްސީގެ މާކޯސް އަލެންސޯވަނީ ލަނޑެއް ޖަހައި ޗެލްސީއަށް ލީޑު ނަގައިދީފައެވެ. އެހެން ނަމަވެސް މެޗުން ޗެލްސީއަށް ލިބެން އޮތް ތިން ޕޮއިންޓް ގެއްލުވާލައި، އިތުރު ވަގުތުގެ ދެ ވަނަ މިނެޓްގައި އާސެނަލްގެ ހެކްޓަރ ބެލެރިން ލަނޑެއް ޖަހައި ނަތީޖާ ހަމަހަމަކުރިއެވެ.

މިމެޗުގައި ދެ ޓީމުން ޖުމްލަ 33 ހަމަލާ ގޯލަށް ދިން އިރު، އޭގެ ތެރެއިން 19 ޙަމަލާ ފޮނުވާލާފައިވަނީ ޗެލްސީއިންނެވެ.

މިމެޗުން ލިބުނު އެއް ޕޮއިންޓާއިއެކު އެންމެ ޕޮއިންޓެއްގެ ތަފާތުން ޗެލްސީ އޮތީ ޕޮއިންޓް ތާވަލުގެ ތިން ވަނައިގައެވެ. އަދި މެޗު ޕޮއިންޓާއިއެކު ޖުމްލަ 39 ޕޮއިންޓް ލިބިގެން އާސެނަލް އޮތީ ތާވަލުގެ ހަ ވަނައިގައެވެ. މިމެޗުން އެއްވެސް ޓީމެއް މޮޅުވިނަމަ ޕޮއިންޓް ތާވަލުގެ އެއް ދަރަޖަ ކުރިއަށް ޖެހިލުމުގެ ފުރުސަތު އެޓީމަކަށް އޮތެވެ.

ތާވަލުގެ އެއްވަނައިގައި 62 ޕޮއިންޓާއި 51 ގޯލާއިއެކު އޮތީ މެންޗެސްޓަރ ސިޓީއެވެ. 29 ގޯލާއި 47 ޕޮއިންޓާއިއެކު ދެވަނައިގައި މެންޗެސްޓަރ ޔުނައިޓެޑް އޮތް އިރު، ތިން ވަނައިގައި އޮތީ ޗެލްސީއެވެ. އަދި ހަތަރު ވަނައިގައި ލިވަޕޫލް އޮތް އިރު، އާސެނަލް އަށްވުރެ އެންމެ ޕޮއިންޓެއް އިތުރަށް ލިބިގެން ފަސް ވަނައިގައި އޮތީ ޓޮޓެންހަމްއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ދުވަަސް ކުރިން
ރިވިއު ކުރީ: ހުސެން ފިޔާޒް
- ކޮމެންޓް