ކ. މާލެ
|
4 ޖެނުއަރީ 2018 | ބުރާސްފަތި 08:28
އަދީބު ކޯޓުން އަނބުރާ ޖަލަށް ގެންދަނީ
އަދީބު ކޯޓުން އަނބުރާ ޖަލަށް ގެންދަނީ
ރާއްޖެ އެމްވީ
އަހުމަދު އަދީބު
ބުރާސްފަތި ދުވަހު ހެނދުނު އަދީބުގެ ދެ މައްސަލަ ދެ ކޯޓުގައި
ކްރިމިނަލް ކޯޓަށް: 10:15 އަށް
ސިވިލް ކޯޓަށް: 10:45 އަށް

ބުރާސްފަތި ދުވަހު ކުރީގެ ނާއިބު ރައީސް އަހުމަދު އަދީބުގެ ދެ މައްސަލައެއް ދެ ކޯޓުގައި އޮންނާނެ ކަމަށް އަދީބުގެ ޤާނޫނީ ވަކީލު ވިދާޅުވެއްޖެއެވެ.

އަދީބުގެ ވަކީލު މޫސާ ސިރާޖު ބުދަ ދުވަހުގެ ރޭ ވިދާޅުވީ ކްރިމިނަލް ކޯޓަށް ބަޔާނެއްގައި ސޮއިކުރުމަށް ވަޑައިގަތުމަށް ލިބިފައިވާ ގަޑިއަކީ 10:15 ކަމަށެވެ. އަދި އަދީބުގެ ބޭސްފަރުވާއަށް ރާއްޖެއިން ބޭރަށް ފޮނުވުމުގެ މައްސަލައިގައި ހެނދުނު 10:45 އަށް ސިވިލް ކޯޓަށް ކިޔާފައިވާ ކަމަށް ވެސް ސިރާޖު ވިދާޅުވިއެވެ.

 

ބޭސް ފަރުވާއަށް އަދީބު ރާއްޖެއިން ބޭރަށް ފޮނުވައިދިނުމުގެ އަމުރަކަށް އެދި އަދީބުގެ ފަރާތުން ހުށަހެޅުއްވި މައްސަލައަށް ސިވިލް ކޯޓުގެ ޑިސްޕިއުޓް މަރުޙަލާގައި ޙައްލެއް ލިބިފައި ނުވުމުން، ބުރާސްފަތި ދުވަހު އޮންނާނީ މިމައްސަލައިގެ ޝަރީޢަތުގެ މަރުހަލާގެ ފުރަތަމަ އަޑުއެހުމެވެ. އަދި މި މައްސަލައިގައި ބުރާސްފަތި ދުވަހު އޮންނާނީ ސަރުކާރުން ޖަވާބުދާރީވުމެވެ.

މިމައްސަލައިގެ އަޑުއެހުމެއް މިދިޔަ ޑިސެމްބަރު މަހު ވެސް ތާވަލުކުރިއެވެ. އެހެން ނަމަވެސް ދައުލަތުން އަދީބު ހާޒިރުކޮށް ނުދިނުމުން އެމައްސަލައިގެ އަޑު އެހުން ޖެހުނީ ކެންސަލްކުރާށެވެ.

އަދީބު ބޭސްފަރުވާއަށް ރާއްޖެއިން ބޭރަށް ބޭސްފަރުވާއަށް ފޮނުވަން ސަރުކާރުން ގެންދަނީ ދެކޮޅު ހަދަމުންނެވެ. އަދި ރައީސް ޔާމީން ވެސް ވިދާޅުވީ އަދީބު ބޭރަށް ފޮނުވޭނީ އެމަނިކުފާނު ސަރުކާރުން ނެންގެވި ކަމަށް ބުނާ ފައިސާތައް ދެއްކެވުމުން ކަމަށެވެ.

އަދީބުގެ ބޭސްފަރުވާއަށް ސަރުކާރުން އިހުމާލުވަމުންދާ ކަމަށް ތުހުމަތުކުރެވެމުންދާއިރު، އެމަނިކުފާނަށް ލޮލުގެ ބައްޔެއް ކަމަށްވާ ގްލަކޯމާ ވަނީ ޖެހިފައެވެ. އަދި ކިޑްނީގައި ހިލަ އުފެދިފައިވާއިރު، ސިސްޓެއް އުފެދިފައިވާ ކަމަށް ވެސް އާއިލާ އާއި ވަކީލުން ބުނެއެވެ. އަދި އަދީބުގެ ސިއްހީ ހާލުކޮޅު ގޯސްވެ، އުނދަގޫތަކާ ކުރިމަތިވާތީ އެމަނިކުފާނުގެ ބޯ ބާލާފައިވާ ކަމަށް ވެސް މައުލޫމާތު ލިބެއެވެ.

އަދީބުގެ ވަކީލުންނާއި އާއިލާއިން އެންމެ ބޮޑަށް ކަންބޮޑުވުން ފާޅުކުރަމުން ދަނީ، އެމަނިކުފާނު ކެންސަރަށް ސްކްރީން ކުރުމަށް ޑޮކްޓަރުން ލަފާދީފައިވާއިރު ވެސް ކެންސަރަށް ސްކްރީން ކޮށްފައިނުވާތީއެވެ. އަދީބުގެ ބޭބޭފުޅެއް ވެސް ކެންސަރު ބަލީގައި ނިޔާވެފައިވެއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 30 މިނެޓު ކުރިން
ރިވިއު ކުރީ: އަލީ ޔޫސުފް
- ކޮމެންޓް