ކ. މާލެ
|
3 ޖެނުއަރީ 2018 | ބުދަ 02:30
ސްރީލަންކަން އެއަރލައިންސް: ޖެނުއަރީ 8 އާއި ހަމަޔަށް ފްލައިޓްތައް ފުލް
ސްރީލަންކަން އެއަރލައިންސް: ޖެނުއަރީ 8 އާއި ހަމަޔަށް ފްލައިޓްތައް ފުލް
ރިޒްނާ ޒަރީރު
ބޮޑު ޗުއްޓީ
ޗުއްޓީއަށްފަހު ފްލައިޓްތައް ލޯޑު ބޮޑު!
ގިނަ ބަޔަކު ދިޔައީ ލަންކާ، އިންޑިއާއަށް
ޗުއްޓީ ޕެކޭޖްތަކުގައި އެހެން މަންޒިލްތަކަށްވެސް ދިޔަ

ސްކޫލް ބޮޑު ޗުއްޓީއާއި އައު އަހަރުގެ ޗުއްޓީ އަށް ރާއްޖެއިން ބޭރަށް ދިޔަ ބަޔަކު އަނބުރާ ރާއްޖެއަށް އަންނަމުންދާއިރު، ފްލައިޓްތައް ވަރަށް ފުލްކަމަށް އެއަރލައިންތަކުން ބުނެފިއެވެ.

ބޮޑު ޗުއްޓީއާއި ދިމާކޮށް އެންމެ ގިނަ ބަޔަކު އަވަށްޓެރި ޤައުމުތަކަށް ދިޔުމަށް ބޭނުންކުރާ އެއް އެއަރލައިންކަމަށްވާ ސްރީލަންކަން އެއަރލައިންސްގެ ރާއްޖޭގެ އޭޖެންޓް އިނަރ މޯލްޑިވްސްއިން ބުނީ 8 ޖެނުއަރީ އާއި ހަމަޔަށް ކޮޅުނބުން މާލެއަށް އަންނަ ފްލައިޓްތައް ފުލްކަމަށެވެ. އިނަރ މޯލްޑިވްސްގެ ޑިރެކްޓަރ އަހުމަދު އިޖާޒް ރާއްޖެ.އެމްވީއަށް ވިދާޅުވީ ކޮޅުނބު މަގުން މާލެއަށް އަންނަ މީހުންގެ ތެރޭގައި ސްރީލަންކަން އެއަރލައިންސްގެ އެހެން މަންޒިލްތަކަށް އައު އަހަރުގެ ޗުއްޓީއަށް ދިޔަ މީހުންވެސް ގިނަ އަދަދަކަށް ހިމެނޭކަމަށެވެ.

އިނަރ މޯލްޑިވްސްއިން ޗުއްޓީއާއި ދިމާކޮށް ސްރީލަންކަން އެއަރލައިންސްގެ އެކި މަންޒިލްތަކަށް އަގުހެޔޮ ޕެކޭޖްތަކެއް ހުޅުވާލާފައިވުމުން ގިނަ ބަޔަކު އެޕެކޭޖްތަކުގައި ދަތުރުކޮށްފައިވެއެވެ. އިޖާޒް ވިދާޅުވީ ކޮޅުނބަށާއި އެހެން މަންޒިލްތަކަށް ޗުއްޓީއަށް ދިޔަ މީހުން ސްކޫލްތައް ހުޅުވެންވާއިރަށް އަނބުރާ އަންނަމުންދާތީ މި ދުވަސްވަރު ވަރަށް ލޯޑު ބޮޑުކަމަށެވެ.

މިއަހަރުވެސް އިންޑިއާއަށާއި ސްރީލަންކާއަށް ޗުއްޓީއާއި ދިމާކޮށް ގިނަ ބަޔަކު ޒިޔާރަތްކުރިއެވެ. އެހެން ނަމަވެސް އަވަށްޓެރި ސްރީލަންކާއަށް މިދިޔަ އަހަރުގެ ނޮވެމްބަރުގެ ނިޔަލަށް ދިޔަ ދިވެހިންގެ އަދަދު އޭގެ ކުރީ އަހަރާއި އަޅާ ބަލާއިރު މަދުވެފައިވާކަމަށް ލަންކާގެ ޓޫރިޒަމް ޑިވެލޮޕްމަންޓް އޮތޯރިޓީގެ ތަފާސް ހިސާބުތަކުން ދައްކައެވެ. 2016ވަނަ އަހަރުގެ ފުރަތަމަ 11 މަސްދުވަހު 79255 ދިވެހިން ލަންކާއަށް ޒިޔާރަތްކުރިއިރު، މިދިޔަ އަހަރު ޒިޔާރަތްކޮށްފައިވަނީ 66110 ދިވެހިންނެވެ. މިއީ 16.6 އިންސައްތައިގެ ދަށްވުމެކެވެ. ޑިސެމްބަރު މަހު ޒިޔާރަތްކުރި ފަތުރުވެރިންގެ ތަފާސް ހިސާބުތައް އަދި ހާމަކޮށްފައެއް ނުވެއެވެ. ކޮންމެ އަހަރަކުވެސް އެންމެ ގިނަ ދިވެހިން ލަންކާއަށް ޒިޔާރަތްކުރަނީ ސްކޫލް ބަންދާއި ދިމާކޮށް ޑިސެމްބަރު މަހުގެ ތެރޭގައެވެ.

ބޭރުން އަންނަ ފްލައިޓްތަކުގެ އަދަދު އިތުރު ނުކުރިނަމަވެސް، ޤައުމީ އެއަރލައިން މޯލްޑިވިއަން އާއި ފްލައިމީއިން ބުނީ އެތެރޭގެ އުދުހުންތަކުގައި ޗުއްޓީ ނިމުމަށްފަހު ދަތުރުކުރާ މީހުންނަށް ޚާއްސަކޮށްގެން ފްލައިޓްތައް ބާއްވަން ޖެހިއްޖެނަމަ ފްލައިޓްތައް ބާއްވާނެކަމަށެވެ.

- ކޮމެންޓް