ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ސަރުކާރުގައި ރައީސް ޔާމީން ހައްޔަރުކުރައްވާފައިވާ އިރު އެމަނިކުފާނު ހައްޔަރުކުރިކަމުގެ ބަދަލު ދައުލަތުން އަދިވެސް އެމަނިކުފާނަށް ނުލިބޭ ކަމަށް ވިދާޅުވެއްޖެއެވެ.
ބ. އޭދަފުށީގައި ބިން ހިއްކުމުގެ މަޝްރޫއުގެ ނިމުން ފާހަގަކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ރައީސް ޔާމީން ވިދާޅުވީ، އެމަނިކުފާނު ހައްޔަރުކޮށްފައި ވަނީ ގާނޫނާއި ގަވާއިދާ ހިލާފަށް ކަމަށް ހުރިހާ ކޯޓަކުން ނިންމާފައިވާ އިރު، އަދިވެސް އެކަމުގެ ބަދަލެއް އެމަނިކުފާނަށް ނުލިބޭ ކަމަށެވެ.
"އަޅުގަނޑަށް އަދިވެސް އަޅުގަނޑު ހައްޔަރުކުރުމާއި ގުޅިގެން ދައުލަތުން ދޭންވާ ބަދަލު ވެސް ނުލިބޭ. ހުރިހާ ކޯޓަކުން އެވަނީ ނިންމާފަ، އަޅުގަނޑު ހައްޔަރުކޮށްފައި ވަނީ ގާނޫނާއި ގަވައިދުތަކުން ބޭރުން ކަމަށް. އެއަށް ދައުލަތުން އަދިވެސް ފައިސާ ވެސް ދޭން ޖެހޭ. އަދިވެސް ނުލިބޭ ފައިސާއެއް. ރާއްޖޭއިން ބޭރުގައި ތިބޭ ބޭފުޅުން ވެސް ވިދާޅުވެ ދެއްވާ އަރބިޓްރީކޮށް އެބޭފުޅުންނަށް އަޅާފައިވާ ފިޔަވަޅެއް. ފަހަރެއްގައި ވެދާނެ އެބޭފުޅުން ބޭނުންވާ ފަޅެއް ނުދެވުނީ ކަމަށް ވެސް،" ރައީސް ޔާމިން ވިދާޅުވިއެވެ.
ރައީސް ޔާމިން ވިދާޅުވީ، ދައުލަތަށް ބޭނުންވާ ފައިސާ ހޯދަންޖެހޭ ކަމަށާއި ރަށްރަށުގެ ތަރައްގީއަށް ބޭނުންވާ ކަންކަން ކުރެވޭނީ ދައުލަތަށް އެކި ފަރާތްތަކުން ދޭންޖެހޭ ފައިސާ ދީގެން ކަމަށެވެ. އެގޮތުން ދައުލަތަށް އެކި ފަރާތްތަކުން ދައްކަންޖެހޭ ފައިސާގެ ބައިކުޅަ އެއްބައި ލިބުނަސް އޭދަފުށީގެ ތަރައްގީއަށް ބޭނުންވާ ހުރިހާ ކަމެއް ނިންމާލެވޭނެ ކަމަށް ރައީސް ޔާމީން ވިދާޅުވިއެވެ.
ރައީސް ޔާމިން ވިދާޅުވީ، އެމަނިކުފާނު އަތުން ފައިސާ ހޯދުމަށް ބޭރުގެ ފަރާތަކަށް 15 ވަރަކަށް މިލިއަން ޑޮލަރު ހަރަދުކޮށްގެން މަސައްކަތްތަކެއް ކުރެވުނު ކަމަށާއި އެހެން ނަމަވެސް ރައީސް ޔާމީންގެ ސަރުކާރުން ފައިސާ ހޯދުމަށް މަސައްކަތް ކުރަނީ އެކަމަށް ކަނޑައެޅިފައިވާ މުއައްސަސާތައް މެދުވެރިކޮށް ކަމަށެވެ. އެގޮތަށް ފައިސާ ހޯދުމަކީ އަނިޔާވެރިވުމެއް ނޫން ކަމަށާއި ނުވަތަ މަޝްވަރާ ކުރުމެއް ވެސް ނޫން ކަމަށް ރައީސް ޔާމީން ވިދާޅުވިއެވެ.
އެމްޑީޕީގެ ވެރިކަމުގައި ރައީސް ޔާމީން ހައްޔަރުކުރި މައްސަލައިގައި އެކަން ކޮށްފައި ވަނީ ގާނޫނާ ހިލާފަށް ކަމަށް ކޯޓުތަކުން ކަނޑައެޅި ނަމަވެސް ބަދަލު ހޯދުމަށް މިހާތަނަށް އެމަނިކުފާނު ކޯޓަށް ހުށަހަޅުއްވާފައެއް ނުވެއެވެ.