ތަރައްގީގެ މަޝްރޫއުތައް ކުރިއަށް ގެންދާއިރު އޭގެ ސަބަބުން ތިމާވެއްޓަށް ގެއްލުންވެ، ރަށްރަށާއި ރައްޔިތުންނަށް ފަހުން ބޮޑެތި ގެއްލުންތަކެއް ލިބުމުގެ ފުރުސަތު ކުޑަކުރުމަށްޓަކައި ހެދިފައިވާ ގާނޫނާއި ގަވާއިދުތައް މުގުރާލަމުންދާ ކަމަށް ސޭވް މޯލްޑިވްސް ޓީމުން ބުނެފިއެވެ.
ތިމާވެށީގެ އެކި މައްސަލަތައް ހައްލު ކުރުމަށް އަޑުއުފުލާ ސޭވް މޯލްޑިވްސް އިން ބުނީ ށ. ފުނަދޫ އެއަރޕޯޓް އެޅުމަށާއި ނ. މާފަރު އެއަރޕޯޓު އެޅުމަށް ހިންގާ ފަޅު ހިއްކުމުގެ މަޝްރޫއުތަކަށް ހުއްދަ ހޯދުމަށްޓަކައި ހުށަހަޅާފައިވާ ތިމާވެއްޓަށް އަސަރުކުރާނެ ފެންވަރު ބަޔާންކުރާ ދެ ރިޕޯޓު އެންވަޔަރަންމެންޓް ޕްރޮޓެކްޝަން އޭޖެންސީ (އީޕީއޭ) އިން ފާސް ކޮށްފައިވާ ކަމަށެވެ.
އީޕީއޭ އިން މިރިޕޯޓުތައް ފާސްކޮށްދީފައި ވަނީ އާންމުންގެ ހިޔާލު ހޯދުކަމާ ނުލައި ކަމަށް ސޭވް މޯލްޑިވްސް ޓީމުން ބުނެއެވެ. އެހެންނަމަވެސް 2012 ވަނަ އެކުލަވާލެވުނު ތިމާވެއްޓަށް އަސަރުކުރާނެ ފެންވަރު ބަޔާންކުރާ ރިޕޯޓު ހެދުމާ ބެހޭ ގަވާއިދުގެ ދަށުން އާންމުންގެ ހިޔާލު މިފަދަ ރިޕޯޓްތަކަށް ހޯދުމަށް ވަނީ ލާޒިމުކޮށްފައެވެ.
މިހާތަނަށް މިރިޕޯޓުތައް އަދި މިރިޕޯޓުތައް ފާސްކުރުމަށް ދީފައިވާ ތިމާވެށީގެ ގޮތުން ނިންމި ލިއުން އާންމުކޮށް ފެންނާނެހެން ޝާއިއުކޮށްފައި ނުވާ ކަމަށް ސޭވް މޯލްޑިވްސް ޓީމުން ހާމަކުރެއެވެ.
މީގެ އިތުރުން ހދ. ކުޅުދުއްފުށީގައި އެއަރޕޯޓު އެޅުމަށްޓަކައި އެރަށު ކުޅި އާއި ފަޅުތެރޭގެ ސަރަހައްދު ހިއްކަމުންދަނީ މަޝްރޫއަށް ހުއްދަދީ، މިނިސްޓަރު ސޮއިކުރައްވައި އެންވަޔަރަންމެންޓް މިނިސްޓްރީ އިން ނެރެފައިވާ ލިއުމުގައިވާ ޝަރުތުތަކާ ހިލާފަށް ކަމަށް ސޭވް މޯލްޑިވްސް ޓީމުން ބުނެއެވެ. އަދި ޝަރުތުތަކާ ހިލާފުވުމުން އަޅަން ޖެހޭ ފިޔަވަޅުތައް އެންވަޔަރަންމެންޓް މިނިސްޓްރީ އިން ވެސް އަދި އީޕީއޭ އިން ވެސް އަޅާފައިނުވާ ކަމަށް ސޭވް މޯލްޑިވްސް ޓީމުން ބުނެއެވެ.
އެފިޔަވަޅުތައް އެޅުމަށް މިނިސްޓްރީ އާއި އީޕީއޭގެ މައްޗަށް އަމުރުކޮށް ދިނުމަށް އެދި ތިމާވެށި ހިމާޔަތްކުރުމަށް މަސައްކަތްކުރާ ޖަމިއްޔާއެއް ކަމަށްވާ އީކޯކެއަރއިން ސިވިލްކޯޓަށް ހުށައަޅާފައިވާ މައްސަލަ ކޯޓު މަރުހަލާގެ ތެރޭގައި ލަސްވަމުން ދާއިރު، ކުޅުދުއްފުށީ ކުޅިއަށާއި ފަޅުތެރޭގެ މާހައުލަށް އިއާދަނުކުރެވޭނެ ފަދަ ބޮޑެތި ގެއްލުންތަކެއް ކުރިމަތިވަމުންދާ ކަމަށް ސޭވް މޯލްޑިވްސް އިން ބުނެއެވެ.
ސޭވް މޯލްޑިވްސް އިން ބުނީ މީގެ ސަބަބުން ކުޅުދުއްފުއްޓާއި އެރަށުގެ ރައްޔިތުންނަށް މޫސުމީ ބަދަލުތަކުން ބޮޑެތި ގެއްލުންތަކެއް ކުރިމަތިވުމުގެ ފުރުސަތު ވަރަށް ބޮޑުތަނުން އިތުރުވެފައިވާ ކަމަށެވެ.