ކ. މާލެ
|
25 ޑިސެންބަރ 2017 | ހޯމަ 20:07
ޓީސީ އަށް ސޮއިކުރުމަށްފަހު ސައްޓު (ކ) ފޮޓޯއަކަށް ހުއްޓިގެން
ޓީސީ އަށް ސޮއިކުރުމަށްފަހު ސައްޓު (ކ) ފޮޓޯއަކަށް ހުއްޓިގެން
ޓީސީ ސްޕޯޓްސް ކްލަބް
އިޝާން އިބްރާހިމް (ސައްޓު)
ދިވެހި ޕްރިމިއާ ލީގުގައި ވިދާލި ސައްޓު ޓީސީ އަށް ސޮއިކޮށްފި
ސައްޓު ޓީސީ އަށް ސޮއިކުރީ އެހެން ކްލަބްތަކުން ބޮޑު އަގެއް ހުށަހަޅާފައިވަނިކޮށް

އުރީދޫ ދިވެހި ޕްރިމިއާ ލީގުގައި މިލަންދޫ ޓީމުން ވިދާލި އޭދަފުށީގެ އިޝާން އިބްރާހިމް (ސައްޓު) ޓީސީ ސްޕޯޓްސް ކްލަބަށް ސޮއިކޮށްފިއެވެ.

އުމުރުން 29 އަހަރުގެ ސައްޓު ޓީސީ އަށް ސޮއިކުރިކަން އެ ކްލަބުން ރާއްޖެއެމްވީ އަށް ވަނީ ކަށަވަރުކޮށްދީފައެވެ.

ކުރިޔަށް އޮތް ސީޒަނަށް ގިނަ ކްލަބްތަކުން ހޯދަން މަސައްކަތްކުރި ސައްޓު ޓީސީ އަށް ސޮއިކޮށްފައިވާއިރު، އޭނާ ހޯދަން ބައެއް ކްލަބް ތަކުން ވަނީ ބޮޑު އަގެއް ހުށަހަޅާފައެވެ. އެހެންނަމަވެސް ރާއްޖެއެމްވީ އަށް މައުލޫމާތު ލިބިފައިވާ ގޮތުގައި ސައްޓު އެ ކްލަބަށް ބަދަލުވީ އެހެން ކްލަބްތަކުން ހުށަހަޅި އަގަށް ވުރެ މަދު އަގަކަށް ކަމަށެވެ.

ޓީސީން ބުނީ ސައްޓު އެ ކްލަބަށް ސޮއުކުރީ ފުރުސަތު ގިނައިން ލިބި ކުރިއެރުން މިވަގުތު ހޯދެން އޮތް ކްލަބަކީ ޓީސީކަމަށް ގަބޫލުކުރެވޭތީކަމަށެވެ.

 

ރާއްޖެއެމްވީ އަށް މައުލޫމާތު ލިބިފައިވާ ގޮތުގައި ޓީސީ އަށް ކުޅެމުން އަންނަ ނާއިޒް ހަސަން (ދާދު) ވަނީ މާޒިޔާ އަށް ކުޅެން އެއްބަސްވެފައެވެ. މިކަން އަދި ކަށަވަރުނުވާއިރު، ޓީސީ އަށް ސައްޓު ގެނައީ ދާދުގެ ރިޕްލޭސްމެންޓަކަށް ކަމަށް ބެލެވެއެވެ.

އޭދަފުށި ބެންކުގައި ސައްޓު ވަޒީފާ އަދާކުރާއިރު، އޭނާ ދިވެހި ޕްރިމިއާ ލީގުގައި މިލަންދޫގެ މެޗު ކުޅެން މާލެ އައީ އެއްވެސް ތަމްރީންތަކެއް ނުލައެވެ. އެހެންނަމަވެސް ދިވެހި ޕްރިމިއާ ލީގުގައި ސައްޓު ވަނީ މޮޅު ކުޅުމެއް ދައްކާފައެވެ. އެގޮތުން އޭނާ ވަނީ މިލަންދޫ ޓީމަށް ކުޅުނު 13 މެޗުގައި 8 ލަނޑު ޖެހުމުގެ އިތުރުން ފަސް މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމުވެސް ހޯދާފައެވެ.

ސައްޓުގެ އިތުރުން ޓީސީން އަންނަނީ އެޓީމު ވަރުގަދަ ކުރުމަށް ކުޅުންތެރިން ހޯދުމަށް މަސައްކަތްކުރަމުން އަންނައިރު، އެކްލަބުގެ އަހުމަދު ފައްރާހު އާއި އިބްރާހިމް ވަހީދު ހަސަން އާއި އަހުމަދު ރިލުވާން އާއި މުހައްމަދު އައްޒާމުގެ އިތުރުން މި ސީޒަނުގައި އެ ޓީމުގައި މޮޅު ކުޅުމެއް ދެއްކި ހުނަރުވެރި ފޯވާޑް އިބްރާހިމް މަހުދީ ހުސައިން (ފޭދޫ އިއްބެ) ވަނީ އެއްބަސްވުން އާކޮށްފައެވެ.

މި ސީޒަން ޓީސީއިން ނިންމާލީ ހުސްއަތާ ކަމުގައި ވިޔަސް އެ ޓީމުން ވަނީ މި ސީޒަނުގައި ރަނގަޅު ކުޅުމެއް ދައްކާފައެވެ. އެގޮތުން އެ ޓީމުން އުރީދޫ ދިވެހި ޕްރިމިއާ ލީގުގެ ދެވަނަ ހޯދިއިރު ޕްރެޒިޑެންޓްސް ކަޕްގެ ފައިނަލްއާއި އެފްއޭ ކަޕްގެ ފައިނަލުގައި ވެސް ވާދަކުރިއެވެ. މި ހުރިހާ ފައިނަލްއަކުން ވެސް އެ ޓީމު ބަލިވީ ނިއު ރޭޑިއަންޓް ސްޕޯޓްސް ކްލަބް އަތުންނެވެ.

 

އަންނަ އަހަރުގެ އޭއެފްސީ ކަޕްގައި ވެސް ޓީސީއިން ވާދަކުރާއިރު އެ ޓީމުން އަންނަނީ އެ މުބާރާތައް ޓީމު ވަރުގަދަ ކުރުމަށް މަސައްކަތް ކުރަމުންނެވެ. އެ މުބާރާތުގައި ޓީސީ އެންމެ ފުރަތަމަ ވާދަކުރަން ޖެހޭނީ ޕްރިލިމިނަރީ ބުރުގައެވެ. މި ބުރުގައި ބަންގްލަދޭޝަގް ފެޑެރޭޝަން ކަޕްގެ ޗެމްޕިއަންނުންނާ ދެކޮޅަށް އެ ޓީމު ކުޅޭ ފުރަތަމަ ލެގު ޖެނުއަރީ މަހުގެ 23 ވަނަ ދުވަހު އޮންނައިރު ދެވަނަ ލެގު އޮންނާނީ ޖެނުއަރީ މަހުގެ 30 ވަނަ ދުވަހުއެވެ.

ޓީސީއަށް ޕްރިލިމިނަރީ ބުރު ފަހަނައަޅައި ދެވިއްޖެނަމަ އެ ޓީމު ދެން ކުޅެން ޖެހޭނީ ޕްލޭއޮފްގެ ދެ ލެގެވެ. ޕްލޭއޮފްގައި އެ ޓީމު ނުކުންނާނީ އިންޑިއާގެ ބެންގަލޫރު އެފްސީ އަދި ބޫޓާންގެ ޓްރާންސްޕޯޓް ޔުނައިޓެޑާއި ދެ ޓީމު ކުޅޭ މެޗުން މޮޅުވާ ޓީމަކާއި ދެކޮޅަށެވެ.

މި ސީޒަނާއި ޓީސީއިން ކުރިމަތިލީ ބަންގްލަދޭޝްގައި ބޭއްވި ޝެއިހް ކަމާލް އިންޓަނޭޝަނަލް ކްލަބް ކަޕްގެ ޗެމްޕިއަނުންގެ ގޮތުގައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ދުވަަސް ކުރިން
ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް
- ކޮމެންޓް