ކ. މާލެ
|
12 ޑިސެންބަރ 2017 | އަންގާރަ 17:25
ހެރީ ކޭން - އޭނާ އަންނަނީ މި ސީޒަނުގައި ތަފާތު މޮޅު ކުޅުމެއް ދައްކަމުން
ހެރީ ކޭން - އޭނާ އަންނަނީ މި ސީޒަނުގައި ތަފާތު މޮޅު ކުޅުމެއް ދައްކަމުން
ގޫގުލް
ހެރީ ކޭން
އަންނަ އަހަރުގެ އަމާޒަކީ ބެލެންޑޯ ހޯދުން: ކޭން
މި އަހަރަކީ އޭނާގެ ކެރިއަރުގައި އެންމެ ކާމިޔާބު އަހަރު ކަމަށް ކޭން ބުނި
ބެލެންޑޯ ހޯދުމަށް އެންމެ މުހިންމު ކަމަކީ ޓީމާއެކު ގިނަ ތަށިތަކެއް ހޯދުން ކަމަށް ކޭން ބުނި

އަންނަ އަހަރަށް ކަނޑައަޅާފައިވާ ޓާގެޓަކީ ދުނިޔޭގެ އެންމެ މޮޅު ކުޅުންތެރިޔާއަށް ދޭ އެވޯޑު ކަމަށްވާ ބެލެންޑޯ ހޯދުން ކަމަށް ޓޮޓެންހަމްއަށް ކުޅެމުން އަންނަ އިނގިރޭސިވިލާތުގެ ހުނަރުވެރި ފޯވާޑް ހެރީ ކޭން ބުނެފިއެވެ.

ދުނިޔޭގެ އެންމެ މޮޅު ފޯވާޑުންގެ ތެރޭގައި ކޭންގެ ނަން ގުނާލެވޭއިރު މި އަހަރުގެ ބެލެންޑޯ އެވޯޑުގައި އޭނާއަށް ލިބިފައިވަނީ 10 ވަނައެވެ. މި ހިނގާ 2017 ވަނަ އަހަރުގައި ކޭން ވަނީ މިހާތަނަށް 50 ލަނޑު ޖަހާފައެވެ.

އުމުރުން 24 އަހަރުގެ ފޯވާޑް ނޫސްވެރިންނާއި ވާހަކަ ދައްކަމުން ބުނީ މި އަހަރަކީ އޭނާގެ ކެރިއަރުގައި އެންމެ ކާމިޔާބު އަހަރު ކަމަށާއި އަންނަ އަހަރު އޭނާގެ އަމާޒަކީ ޓީމާއެކު ގިނަ ތަށިތަކެއް ކާމިޔާބުކޮށް ބެލެންޑޯ އެވޯޑު ގެންދިޔުން ކަމަށެވެ.

މިއަހަރުގެ ތެރޭގައި 50 ލަނޑު ޖެހިފައިވާ ކަމަށާއި 2018 ވަނަ އަހަރަކީ އަދި މިއަހަރަށް ވުރެ ގިނަ ލަނޑު ޖެހުމަށް ލިބޭ ފުރުސަތެއް ކަމަށާއި މިއަހަރު ވެސް ދިހަވަނައަށް ދިޔުމުން ދެރަވި ކަމަށެވެ. އެއްވަނައަށް ދިޔުމަކީ އަބަދު ވެސް ދެކޭ ހުވަފެނެއް ކަމަށް ކޭން ހާމަކުރިއެވެ.

ބެލެންޑޯ ހޯދުމަށް އެންމެ މުހިންމު ކަމަކީ ޓީމާއެކު ގިނަ ތަށިތަކެއް ހޯދުން ކަމަށާއި އެގޮތުން އިނގިރޭސި ޕްރިމިއާ ލީގާއި ޔުއެފާ ޗެމްޕިއަންސް ލީގުގެ އިތުރުން އެފްއޭ ކަޕް ކާމިޔާބުކުރުމަކީ ދެކޭ ހުވަފެނެއް ކަމަށް ކޭން ބުނެފައިވެއެވެ. އެހެން ނަމަވެސް މި ސީޒަނުގައި ތަށި ހޯދުމަށް އުނދަގޫ ވެފައިވާ ކަމަށާއި ކޮންމެ ކުޅުންތެރިޔަކު ވެސް ބޭނުންވާނީ އަމިއްލަ ނަފްސަށް ލިބޭ އެވޯޑުތަކަށް ވުރެ ޓީމާއެކު ތަށި ކާމިޔާބުކުރަން ކަމަށް ކޭން ބުނެފައިވެއެވެ.

ކޭން މި ބީދައިން ވާހަކަ ދެއްކުމުން ދޭހަވަނީ އޭނާއަށް ޓޮޓެންހަމްގައި ހުރެ ތަށި ނުލިބޭނަމަ އެހެން ޓީމަކަށް ބަދަލުވުމަށް އެދުން ކަމަށް ފުޓްބޯޅަ ދިރާސާ ކުރާ މާހިރުން ބުނެއެވެ.

މީގެކުރިން ދިން އިންޓަވިއުއެއްގައި ކޭން ބުނެފައިވަނީ އޭނާ އަބަދުވެސް މަސައްކަތް ކުރަނީ ދުނިޔޭގެ އެންމެ މޮޅު ކުޅުންތެރިޔާއަށް ވާން ކަމަށާއި އަދި އެކަން ހަގީގަތަކަށް ހެދުމަށް އޭނާ އެންމެ ބޮޑު ނަމޫނާއެއްގެ ގޮތުގައި ބަލައިގަންނަނީ ރެއާލް މެޑްރިޑްގެ ތަރި ކްރިސްޓިއާނޯ ރޮނާލްޑޯއާއި ބާސެލޯނާ އަދި އާޖެންޓީނާގެ ކެޕްޓަން ލިއޮނެލް މެސީ ކަމަށެވެ.

މީގެ އިތުރުން ކޭން ބުނެފައިވަނީ ސޯޝަލް މީޑިއާގެ ސަބަބުން މިފަދަ ކުޅުންތެރިންނާ ގާތް ގުޅުމެއް ބޭއްވުމަށް ވަރަށް ފަސޭހަ ކަމަށާއި އަދި ސީޒަން ނިންމާލުމަށް ފަހު އެނބުރި އޭނާގެ ކުޅުން ބަލާލާއިރު އެ ކުޅުންތެރިންނާ ގާތް ކުރާ ފެންވަރަށް ކުޅެވިފައި ހުންނަކަން ފާހަގަވާ ކަމަށެވެ. އަދި މިކަމުގެ ސަބަބުން އިތުރަށް ކުރިޔަށް ދިއުމަށް ހިތްވަރު ލިބޭ ކަމަށާއި އަދި ހުރި ހަރުފަތަށް ވުރެ އަބަދުވެސް އާ ހަރުފަތަކަށް ދިއުމަށް މަސައްކަތް ކުރާ ކަމަށްވެސް ކޭން ބުނެފައިވެއެވެ.

ކޭން އަންނަނީ މި ސީޒަނުގައި ޓޮޓެންހަމްގައި މޮޅު ކުޅުމެއް ދައްކަމުންނެވެ. މިދިޔަ އަހަރުގެ ޑިސެމްބަރު މަހު 2020 ވަނަ އަހަރުގެ ނިޔަލަށް ޓޮޓެންހަމްގައި މަޑުކުރަން ނިންމާ އައު އެއްބަސްވުމުގައި ސޮއިކޮށްފައިވާ ކޭން ވަނީ އެޓީމަށް ކުޅުނު 179 މެޗުގައި 112 ލަނޑު ކާމިޔާބުކޮށްދީފައެވެ.

 

އެންމެ ފަހުން އަޕްޑޭޓް ކުރީ: 20 ގަޑިއިރު ކުރި
ރިވިއު ކުރީ: ހުޝާމް މުހަޢްމަދް
- ކޮމެންޓް