ކ. މާލެ
|
11 ޑިސެންބަރ 2017 | ހޯމަ 13:04
ނަޕޯލީ އާއި ފިއޮރެންޓީނާ ކުޅުނު މެޗުގެ ތެރެއިން
ނަޕޯލީ އާއި ފިއޮރެންޓީނާ ކުޅުނު މެޗުގެ ތެރެއިން
ގެޓީ އިމޭޖަސް
އިޓާލިއަން ސެރީއޭ
އިޓާލިއަން ސެރީއޭ: އެއްވަނައަށް އެރުމަށް ލިބުނު ފުރުސަތު ނަޕޯލީއިން ނަގާލައިފި
ނަޕޯލީ އާއި ފިއޮރެންޓީނާ ކުޅުނު މެޗު ނިމިފައިވަނީ 0-0 ގެ ނަތީޖާއަކުން އެއްވަރުވެގެން
އަަމިއްލަ ދަނޑުގައި ބޯލޯންޔާއާ ދެކޮޅަށް ކުޅުނު މެޗުން މިލާން މޮޅުވީ 2-1 ގެ ނަތީޖާއަކުން
ޗިއޭވޯ ވެރޯނާ އާއި ރޯމާ ބައްދަލުކުރި މެޗު ނިމިފައިވަނީ 0-0 ގެ ނަތީޖާއަކުން އެއްވަރުވެގެން

އިޓާލިއަން ސެރީއޭގެ ޕޮއިންޓް ތާވަލުގެ އެއްވަނައަށް އެރުމަށް ލިބުނު ފުރުސަތު ނަޕޯލީއިން ނަގާލައިފިއެވެ.

މި މެޗާއި ކުރިމަތިލިއިރު އެއްވަނައިގައި އޮތް އިންޓަ މިލާންއަށް ވުރެ ދެ ޕޮއިންޓް ފަހަތުގައި އޮތް ނަޕޯލީއަށް މި މެޗުން މޮޅުވެގެން ޕޮއިންޓް ތާވަލުގެ އެއްވަނައަށް އެރުމުގެ ފުރުސަތު އޮތެވެ. އެހެން ނަމަވެސް ފިއޮރެންޓީނާއާ ދެކޮޅަށް އަމިއްލަ ދަނޑުގައި ކުޅުނު މެޗު 0-0 ގެ ނަތީޖާއަކުން އެއްވަރުވުމާއި ވިދިގެން ނަޕޯލީއަށް ވަނީ މި ފުރުސަތު ގެއްލިފައެވެ.

ދެ ޓީމުގެ ފަރާތުން ވެސް ހަމަހަމަ ކުޅުމެއް ފެނިގެންދިޔަ މި މެޗުގައި ދެ ޓީމަށް ވެސް ވަނީ ލަނޑު ޖެހުމަށް ރަނގަޅު ފުރުސަތުތައް ލިބި ބޭކާރުވެފައެވެ. ނަޕޯލީއިން ގިނަ ވަގުތު ބޯޅަ ގެންގުޅެ ލަނޑު ޖެހުމަށް މަސައްކަތްކުރި ނަމަވެސް ފިއޮރެންޓީނާ ވެސް ވަނީ ކައުންޓާ އެޓޭކުގައި ލަނޑު ޖެހުމަށް ފުރުސަތުތައް ތަނަވަސް ކޮށްފައެވެ.

އެގޮތުން ފިއޮރެންޓީނާގެ ފޯވާޑުންނަށް ވަނީ ކައުންޓާގައި ލަނޑު ޖެހުމަށް ހުސް ތިން ފުރުސަތު ލިބި ބޭކާރުވެފައެވެ. ނަޕޯލީއަށް މި މެޗުގައި ލިބުނު އެންމެ ރަނގަޅު ފުރުސަތަކީ އެ ޓީމުގެ މިޑްފީލްޑަރު ޕިއޮޓްރް ޒިލެންސްކީއަށް ލިބުނު ފުރުސަތެވެ. އޭނާ ފޮނުވާލި ހަމަލާ ދިޔައީ ފިއޮރެންޓީނާގެ ގޯލުގެ ދަނޑީގައި ޖެހުމަށްފަހު ކުޅުމުން ބޭރަށެވެ.

ސެރީއޭގައި އޭސީ މިލާން ވެސް ވަނީ އައު ކޯޗު ޖެނާރޯ ގަޓޫސޯގެ އިރުޝާދުގެ ދަށުން ފުރަތަމަ މޮޅު ހޯދާފައެވެ. އަމިއްލަ ދަނޑުގައި ބޯލޯންޔާއާ ދެކޮޅަށް ކުޅުނު މެޗުން މިލާން މޮޅުވީ 2-1 ގެ ނަތީޖާއަކުންނެވެ. މި މެޗުގެ ފުރަތަމަ ލަނޑު 10 ވަނަ މިނެޓުގައި މިލާންއަށް ޖަހައިދިނީ ޖިއަކޯމޯ ބޮނަވެންޓޫރާއެވެ. އެހެން ނަމަވެސް މެޗުގެ 23 ވަނަ މިނެޓުގައި ސައިމޮން ވާޑީ ވަނީ ލަނޑެއް ޖަހައިދީ ބޮލޯންޔާއަށް މެޗުގެ ނަތީޖާ ހަމަހަމަކޮށްދީފައެވެ.

ދެ ޓީމު އެއްވަރުވެ އޮވެ ފުރަތަމަ ހާފު ނިމިގެން ދިޔައިރު މިލާންއިން ވަނީ ދެވަނަ ހާފަށް ނުކުމެ އެ ޓީމުގެ ކުޅުން އިތުރަށް ވަރުގަދަ ކޮށްފައެވެ. ނަތީޖާއެއްގެ ގޮތުން މެޗުގެ 76 ވަނަ މިނެޓުގައި ބޮނަވެންޓޫރާ ވަނީ އޭނާ މެޗުގައި ޖެހި ދެވަނަ ލަނޑު ޖަހައި މި މެޗުން މިލާންއަށް ތިން ޕޮއިންޓް ހޯދައިދީފައެވެ.

ސެރީއޭގައި ކުޅުނު އެހެން މެޗުތަކަށް ބަލާލާއިރު ޗިއޭވޯ ވެރޯނާ އާއި ރޯމާ ބައްދަލުކުރި މެޗު ނިމިފައިވަނީ 0-0 ގެ ނަތީޖާއަކުން އެއްވަރުވެގެންނެވެ. ސްޕަލް އަދި ހެލާސް ވެރޯނާ ކުޅުނު މެޗު ވެސް ނިމުނީ މި ނަތީޖާއިން އެއްވަރުވެގެންނެވެ. އަމިއްލަ ދަނޑުގައި އުދިނޭޒީ ވަނީ 2-0 ގެ ނަތީޖާއަކުން ބެނެވެންޓޯ ބަލިކޮށްފައެވެ. ސަސޫލޯ އާއި ކްރޮޓޯންގެ ކުރިމަތިލުން ނިމުނީ 2-1 ގެ ނަތީޖާއަކުން ސަސޫލޯގެ މައްޗަށް ބުރަ ވެގެންނެވެ.

ސެރީއޭގެ ޕޮއިންޓް ތާވަލުގެ އެއްވަނައިގައި ކުޅުނު 16 މެޗުން ލިބުނު 40 ޕޮއިންޓާއެކު އޮތީ އިންޓަ މިލާންއެވެ. ދެވަނައިގައި އޮތް ނަޕޯލީއަށް ލިބިފައިވަނީ 39 ޕޮއިންޓްއެވެ. ތިންވަނައިގައި 38 ޕޮއިންޓާއެކު ޔުވެންޓަސް އޮތްއިރު ހަތަރު ވަނައިގައި 35 ޕޮއިންޓާއެކު އޮތީ ރޯމާއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 21 ގަޑިއިރު ކުރި
ރިވިއު ކުރީ: ހުޝާމް މުހަޢްމަދް
- ކޮމެންޓް