ކ. މާލެ
|
11 ޑިސެންބަރ 2017 | ހޯމަ 08:42
ސިޓީ މި މެޗުން މޮޅުވި ލަނޑު ޖަހައިދިން އާޖެންޓީނާގެ ޑިފެންޑަރު ނިކޮލަސް އޮޓަމެންޑީ
ސިޓީ މި މެޗުން މޮޅުވި ލަނޑު ޖަހައިދިން އާޖެންޓީނާގެ ޑިފެންޑަރު ނިކޮލަސް އޮޓަމެންޑީ
ގެޓީ އިމޭޖަސް
އިނގިރޭސި ޕްރިމިއާ ލީގު
ޕްރިމިއާ ލީގު: ސިޓީއަށް 11 ޕޮއިންޓްގެ ލީޑެއް
ޔުނައިޓެޑާއި ދެކޮޅަށް ކުޅުނު މެޗުން ސިޓީ މޮޅުވެފައިވަނީ 2-1 ގެ ނަތީޖާއަކުން
މި މެޗުން މޮޅުވުމާއެކު ސިޓީއިން ވަނީ ޖެހިޖެހިގެން 14 ޕްރިމިއާ ލީގު މެޗުން މޮޅުވެފަ
މި މެޗާއިއެކު ޕްރިމިއާ ލީގުގެ ތާވަލަށް މާ ބޮޑެތި ބަދަލުތަކެއް އައިސްފައެއް ނުވޭ

އިނގިރޭސި ޕްރިމިއާ ލީގުގައި މެންޗެސްޓާ ޔުނައިޓެޑާއި ދެކޮޅަށް ކުޅުނު މެޗު  ކާމިޔާބުކޮށް މެންޗެސްޓާ ސިޓީއިން ޕޮއިންޓް ތާވަލުގެ ކުރީގައި 11 ޕޮއިންޓްގެ ލީޑެއް ނަގައިފިއެވެ.

ޔުނައިޓެޑްގެ އޯލްޑް ޓްރެފޯޑް ސްޓޭޑިއަމްގައި ކުޅުނު މެޗުން ސިޓީ މޮޅުވެފައިވަނީ 2-1 ގެ ނަތީޖާއަކުންނެވެ. މި މެޗުގައި ސިޓީއިން ގިނަ ވަގުތު ބޯޅަ ގެންގުޅެ ލަނޑު ޖެހުމަށް ރަނގަޅު ފުރުސަތުތަކެއް ތަނަވަސް ކުރިއިރު ޔުނައިޓެޑުން ވެސް ވަނީ ކައުންޓާގައި ލަނޑު ޖެހުމަށް ފުރުސަތުތަކެއް ތަނަވަސްކޮށްފައެވެ.

މި މެޗުގައި ފެނިގެން ދިޔަ ތިން ލަނޑުގެ ތެރެއިން ދެ ލަނޑު ފެނިފައިވަނީ ފުރަތަމަ ހާފު ނިމެން އުޅެނިކޮށެވެ. މެޗުގެ ފުރަތަމަ ލަނޑު ޖަހާ ލީޑު ނެގީ ސިޓީއިންނެވެ. ފުރަތަމަ ހާފު ނިމެން ދެ މިނެޓަށް ވެފައިވަނިކޮށް ސިޓީގެ ލެރޯއި ސާނޭ ނެގި ކޯނަރެއް ޔުނައިޓެޑުގެ ކުޅުންތެރިންނަށް ސާފު ނުކުރުވުމުގެ ފައިދާ ނަގައި ޑޭވިޑް ސިލްވާ ވަނީ ލަނޑެއް ޖަހައިދީ ސިޓީއަށް ލީޑު ނަގައިދީފައެވެ.

ސިޓީއިން މި ލަނޑު ޖެހިތާ ތިން މިނެޓު ނުވަނީސް ޔުނައިޓެޑުން ވަނީ ނަތީޖާ ހަމަހަމަކޮށްފައެވެ. ފުރަތަމަ ހާފުގެ އިތުރު ވަގުތުގެ ތެރޭގައި ޔުނައިޓެޑަށް މި ލަނޑު ޖަހައިދިނީ މާކަސް ރަޝްފޯޑްއެވެ. މި ލަނޑު އޭނާ ޖަހައިދިނީ އަރިމަތިން ނެގި ހުރަހެއް ވަރަށް ރީއްޗަށް ތިރިކޮށްލުމަށްފަހު މުޅިން ހުހަށްހުރެ ގޯލުގެ ތެރެއަށް ފޮނުވާލައިގެންނެވެ.

ދެ ޓީމު އެއްވަރުވެއޮވެ ފުރަތަމަ ހާފު ނިމިގެން ދިޔައިރު ޔުނައިޓެޑުން ވަނީ ދެވަނަ ހާފުގައި އެ ޓީމުގެ ކުޅުން ރަނގަޅުކޮށްފައެވެ. އެހެން ނަމަވެސް މެޗުގެ 54 ވަނަ މިނެޓުގައި ސިޓީއިން ވަނީ މެޗުގެ ލީޑު އަލުން އަނބުރާ ނަގާފައެވެ. މި ލަނޑަކީވެސް ސިޓީއިން ނެގި ކޯނަރެއްގައި ޔުނައިޓެޑުގެ ޑިފެންސުން ހެދި ގޯހެއްގެ ފައިދާ ނަގައި އާޖެންޓީނާގެ ޑިފެންޑަރު ނިކޮލަސް އޮޓަމެންޑީ ޖަހައިދިން ލަނޑެކެވެ.

ޔުނައިޓެޑަށް ވަނީ ނަތީޖާ ހަމަހަމަ ކުރުމަށް ފުރުސަތުތައް ލިބި ބޭކާރުވެފައެވެ. އެގޮތުން މެޗުގެ 84 ވަނަ މިނެޓުގައި ރޮމެލޫ ލުކާކޫ އާއި ހުއާން މަޓާ ފުލުފުލުގައި ފޮނުވާލި ހަމަލާތަކެއް ސިޓީގެ ކީޕަރު އެޑަސަން ވަނީ ދިފާއުކޮށްފައެވެ.

މި މެޗުން މޮޅުވުމާއެކު ސިޓީއިން ވަނީ ޖެހިޖެހިގެން 14 ޕްރިމިއާ ލީގު މެޗުން މޮޅުވެފައެވެ. ހަމައެހެންމެ ސިޓީ އަތުން ބަލިވުމާއެކު އަމިއްލަ ސްޓޭޑިއަމްގައި ބަލިނުވެ 40 މެޗު ހަމަކުރި ޔުނައިޓެޑުގެ ރެކޯޑު ވަނީ ނިމުމަކަށް އައިސްފައެވެ. މި މެޗުގައި ސިޓީއަށް ލަނޑު ޖަހައިދިން ޑިފެންޑަރު އޮޓަމެންޑީއަކީ ހަތަރު ލަނޑާއެކު މި ސީޒަނުގެ ޕްރިމިއާ ލީގުގައި އެންމެ ގިނަ ލަނޑު ޖެހި ޑިފެންޑަރެވެ.
މި މެޗާއިއެކު ޕްރިމިއާ ލީގުގެ ތާވަލަށް މާ ބޮޑެތި ބަދަލުތަކެއް އައިސްފައެއް ނުވެއެވެ. އެގޮތުން 46 ޕޮއިންޓާއެކު މެންޗެސްޓާ ސިޓީ އެއްވަނައިގައި އޮތްއިރު ދެވަނައިގައި 35 ޕޮއިންޓާއެކު އޮތީ މެންޗެސްޓާ ޔުނައިޓެޑްއެވެ. ޗެލްސީއަށް ތިންވަނަ ލިބެނީ 32 ޕޮއިންޓާއެކު އެވެ. ހަތަރު ވަނައިގައި 30 ޕޮއިންޓާއެކު ލިވަޕޫލް އޮތްއިރު ފަސްވަނައިގައި 29 ޕޮއިންޓާއެކު އޮތީ އާސެނަލްއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 21 ގަޑިއިރު ކުރި
ރިވިއު ކުރީ: ހުޝާމް މުހަޢްމަދް
- ކޮމެންޓް