ކެންސަރަށް ފަރުވާ ހޯދުމަށް ކުރި ސާޖަރީއަށް ފަހު ސެވިއްޔާގެ ކޯޗު އެޑުއާޑޯ ބެރީޒޯ ހޮސްޕިޓަލުން ދޫކޮށްލައިފިއެވެ.
ސެވިއްޔާ އިން ނެރުނު ބަޔާނެއްގައި ބުނީ ސާޖަރީއަށް ފަހު ހަތަރު ދުވަސް ވަންދެން އޭނާގެ ހާލަތު އޮބްޒާވް ކުރެވުނު ކަމަށެވެ. އަދި ހޮސްޕިޓަލުގައި ބާއްވައިގެން އޭނާއަށް ފަރުވާދޭން ޖެހޭ ވަރަށް ވުރެ އޭނާގެ ހާލަތު ރަނގަޅު ވުމުން ހޮސްޕިޓަލުން ދޫކޮށްލާފައިވާ ކަމަށް ވެސް އެ ބަޔާނުގައި ވެއެވެ. އޭނާ ކެންސަރުން ސަލާމްތްވަންދެން އޭނާގެ ފަރުވާގެ ކަންކަން ކުރިޔަށްދާނީ އޭނާގެ ގޭގައި ކަމަށް ވެސް މި ބަޔާނުގައި ވެއެވެ.
މިދިޔަ ހަފްތާގެ އަންގާރަ ދުވަހުގެ ވަގުތެއްގައި ބެރީޒޯގެ ސާޖަރީ ހެދިއިރު މީގެ ކުރިން ސެވިއްޔާއިން ވަނީ އޭނާގެ ސާޖަރީ ކާމިޔާބު ކަމަށް ހާމަކޮށްފައެވެ. އޭނާއަށް އަލުން އެނބުރި ކޯޗުގެ ޒިންމާތައް އަދާކުރުމަށް އާދެވޭނެ ދުވަހެއް ނޭނގޭ ކަމަށް ވެސް ސެވިއްޔާއިން ބުނެފައިވެ އެވެ. އޭނާއަށް ކޯޗުގެ ޒިންމާތައް ހަވާލުކުރާނީ ސާޖަރީއަށް ފަހު ކަންކަން ކުރިޔަށްދާ ގޮތް ވަރަށް ގާތުން ބެލުމަށް ފަހު އޭނާއަށް އެ މަގާމު ފުރޭނެ ކަމުގެ ފުރިހަމަ ޔަގީންކަން ލިބުމުން ކަމަށް ބުނެފައި ވެއެވެ. ސެވިއްޔާއިން ބުނެފައި ވަނީ އަވަސް މުސްތަގުބަލެއްގައި ބެރީޒޯ ކޯޗުގެ ޒިންމާތަކާއި އަލުން އަނބުރާ ހަވާލުވާނެ ކަމުގެ ފުރިހަމަ ޔަގީންކަން އެބައޮތް ކަމަށެވެ.
Eduardo Berizzo has been discharged from hospital and will continue his post-operative recovery from home #AguanteToto pic.twitter.com/qW6sDGhKtt
— Sevilla FC (@SevillaFC_ENG) December 2, 2017
ބެރީޒޯއަށް ޕްރޯސްޓޭޓް ކެންސަރު ޖެހިފައިވާ ކަމަށް ސެވިއްޔާއިން ހާމަކުރީ ޔުއެފާ ޗެމްޕިއަންސް ލީގުގައި ލިވަޕޫލާ ދެކޮޅަށް ކުޅުނު މެޗަށް ފަހު އެ ޓީމުގެ ރަސްމީ ވެބްސައިޓުގައި އާންމުކުރި ބަޔާނަކުންނެވެ. މި މެޗުގެ ފުރަތަމަ ހާފުގައި ލިވަޕޫލުން ތިން ލަނޑުގެ ލީޑެއް ނެގި ނަމަވެސް ސެވިއްޔާއިން ފަހަތުން އަރައި ތިން ލަނޑު ޖަހައި އެ މެޗުން ޕޮއިންޓެއް ހޯދިއެވެ.
ބެރީޒޯގެ ބަދަލުގައި ސެވިއްޔާގެ ކޯޗުގެ ހުރިހާ ޒިންމާތަކާއި ވަގުތީ ގޮތުން ހަވާލުވެގެން ހުރީ އޭނާގެ އެސިސްޓަންޓް ކޯޗުގެ ގޮތުގައި ހަރަކާތްތެރިވަމުން ދިޔަ އާނެސްޓޯ މަރޫޗީ ކަމަށް ވެސް އެ ކްލަބުން ބުނެފައިވެ އެވެ. ސެލްޓަ ވީގޯގެ ކޯޗުގެ މަގާމުގައި ބެރީޒޯ ހުރިއިރު ވެސް މަރޫޗީ ވަނީ އޭނާގެ އެސިސްޓަންޓް ކޯޗުގެ މަގާމު ފުރާފައެވެ.
ބެރީޒޯ ކެންސަރަށް ފަރުވާ ހޯދުމަށް ކޯޗުގެ ޒިންމާތަކުން ދުރުވެފައިވާއިރު އޭނާގެ އިރުޝާދުގެ ދަށުން ސެވިއްޔާ އެންމެ ފަހުން މެޗެއް ކުޅެފައި ވަނީ ސްޕެނިޝް ލަލީގާގައި ވިލަރެއާލްއާ ދެކޮޅަށެވެ. އެ މެޗުގައި ސެވިއްޔާއިން ވަނީ ފަހަތުން އަރައި 3-2 ގެ ނަތީޖާއަކުން ވިޔަރެއާލް ބަލިކޮށްފައެވެ.
ސެލްޓަވިގޯގައި ތިން އަހަރު ހޭދަކުރުމަށް ފަހު، މި ސީޒަނުގައި ސެވިއްޔާގެ ކޯޗުކަމާ ބެރިޒޯ ހަވާލުވީ ދެ އަހަރުގެ އެއްބަސްވުމެއްގެ ދަށުންނެވެ. ބެރިޒޯގެ އިރުޝާދުގެ ދަށުން މި ސީޒަނުގައި ސެވިއްޔާ ވަނީ 21 މެޗު ކުޅެފައެވެ. އޭގެ ތެރެއިން 12 މެޗުން ސެވިއްޔާ މޮޅުވެފައިވާ އިރު، ފަސް މެޗުން ވަނީ ބަލިވެފައެވެ. ބާކީ ހަތަރު މެޗު ނިމުނީ އެއްވަރުވެގެންނެވެ.
އުމުރުން މިހާރު 48 އަހަރުގެ ބެރިޒޯ ވަނީ ކުޅުންތެރިއެއްގެ ގޮތުގައި ސެލްޓަވިގޯ އާއި ރިވާޕްލޭޓް އަދި ނިއުވެލްސް އޯލްޑް ބޯއިސް ފަދަ ކްލަބްތަކަށް ކުޅެފައެވެ. އޭނާ ވަނީ އާޖެންޓީނާގެ ގައުމީ ޓީމަށް ވެސް ކުޅެފައެވެ. ޗިލީގެ އެސިސްޓެންޓް ކޯޗުގެ މަގާމު ވެސް ފުރާފައިވާ ބެރީޒޯ ވަނީ މީގެ ކުރިން ސެލްޓަވީގޯ އަދި އެސްޓޫޑިއަންޓޭސްއަށް ވެސް ކޯޗުކަން ކޮށްދީފައެވެ.
އޭނާއަށް އަވަސް ޝިފާއަކަށް އެދި ފުޓްބޯޅައިގެ ދުނިޔޭގެ ފަރާތްތަކުން އަންނަނީ ޝުއޫރުތައް ފާޅުކުރަމުންނެވެ.