ކ. މާލެ
|
3 ޑިސެންބަރ 2017 | އާދީއްތަ 14:09
ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކުގެ ހައްގުތައް ކުރިއެރުވުމަށް އަންޔަން ކުރެއްވި ތިން އެމްބެސެޑަރުން
ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކުގެ ހައްގުތައް ކުރިއެރުވުމަށް އަންޔަން ކުރެއްވި ތިން އެމްބެސެޑަރުން
މުހައްމަދު ފަޒީން
ނުކުޅެދުންތެރިކަން
ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކުގެ ހައްގުތައް ކުރިއެރުވުމަށް ތިން ބޭފުޅަކަށް އެމްބެސެޑަރުކަން ދެއްވައިފި
އެމްބެސެޑަރުންގެ ގޮތުގައި އައްޔަން ކުރައްވާފައި ވަނީ ޒިހުނަތު އާއި އަންސާމް އަދި ޝަޒްނީ

ދިވެހިރާއްޖޭގެ ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކުގެ ހައްގުތައް ކުރިއެރުވުމަށް ގުޑްވިލް އެމްބެސެޑަރުކަން ތިން ބޭފުޅަކަށް ދެއްވައިފި އެވެ.

ބައިނަލްއަގްވާމީ ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކުގެ ދުވަސް ފާހަގަ ކުރުމަށް ޖެން ހޮޓެލްގައި އާދިއްތަ ދުވަހު ޖެންޑަރ މިނިސްޓްރީން ބޭއްވި ރަސްމިއްޔާތުގައި ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކުގެ ހައްގުތައް ކުރިއެރުވުމަށް ގުޑްވިލް އެމްބެސެޑަރުކަމަށް އައްޔަން ކުރައްވާފައި ވަނީ ޒިހުނަތު ހަސަން އާއި އަންސާމް އަހުމަދު އަދި މަރިޔަމް ފަޒްނީ އެވެ. 

ތިން އެމްބެސެޑަރުންގެ ތެރެއިން ޒިހުނަތަކީ ޕަބްލިކް ސާރވިސް މީޑިއާ (ޕީއެސްއެމް)އިން ހިންގާ ޓީވީއެމްގެ ޕްރެޒެންޓަރެއްގެ އިތުރުން، ހާއްސަ އެހީ އަށް ބޭނުންވާ މީހުންގެ ހައްގުގައި މަސައްކަތްކުރާ ފަރާތެކެވެ. އަންސާމަކީ ޑައުންސިންޑްރޯމް އެސޯސިއޭޝަންގެ ފައުންޑަރ މެމްބަރެކެވެ. ފަޒުނީ އަކީ އަޑުއިވުމުން މަހުރޫމްވެފައިވާ ކުދިންނާއި މީހުންނަށް ކިޔަވައިދެއްވާ ޓީޗަރެކެވެ. 

މިނިސްޓަރު ޒެނީޝާ ވިދާޅުވީ ދެ އަހަރު ދުވަހަށް އައްޔަން ކުރައްވާ އެމްބެސެޑަރުންނަކީ ނުކުޅެދުންތެރިކަން ހުންނަ ކުދިންނާއި މީހުންގެ ހައްގުތައް ކުރިއެރުވުމަށް ކަނޑައަޅާ ބައެއް ކަމަށެވެ. އެކަމަށް ހާއްސަ ސަމާލުކަމެއް ދިނުމަށްވެސް އެމްބެސެޑަރުންގެ އަރިހުން މިނިސްޓަރު ޒެނީޝާ އެދިލެއްވި އެވެ.

ޖެންޑާ މިނިސްޓްރީން ކަނޑައަޅާ އެ އެމްބެސަޑަރުންނަކީ ހާއްސަ އެހީ އަށް ބޭނުންވާ މީހުންގެ ހައްގުތައް ހޯދައިދިނުމަށް ހިލޭ ސާބަހަށް މަސައްކަތް ކުރާނެ ބައެކެވެ.

މިރަސްމިއްޔާތުގައި ޖެންޑަރ މިނިސްޓަރުގެ އިތުރުން ހެލްތް މިނިސްޓަރު އަބްދުﷲ ނާޒިމް އަދި ފޮރިން އެފެއާރޒު މިނިސްޓަރު މުހައްމަދު އާސިމް ބައިވެރިވެ ވަޑައިގެންނެވި އެވެ.

ނަމަވެސް މިރަސްމިއްޔާތުގައި ވާހަކަ ދައްކަވާފައިވަނީ ހަމައެކަނި ޖެންޑަރ މިނިސްޓަރު ޒެނީޝާ އެވެ. ޒެނީޝާ ވެސް ވާހަކަ ދައްކަވާފައިވަނީ މަރުހަބާ ދެންނެވުމުގެ ގޮތުންނެވެ.

ޒެނީޝާގެ ވާހަކަފުޅުގައި ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް އާއި އަނބިކަނބަލުން ފާތުމަތު އިބްރާހީމް، ނުކުޅެދުންތެރިކަން ހުންނަ ކުދިންނާއި މީހުންނަށް ވެދެއްވަމުން ގެއްދަވާ އެހީތެރިކަން ފާހަގަ ކުރައްވާ ޝުކުރު ދައްނަވާ ކަމަށް ވިދާޅުވި އެވެ.  

"ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ހާއްސަ އިސްނެންގެވުމުގެ ދަށުން ނުކުޅެދުންތެރިކަން ހުންނަ 270 ފަރާތަކަށް ސަރުކާރު ހިއްސާވާ ކުންފުނިތަކުން ވަޒީފާ މިހާރު ވަނީ ހަމަޖައްސާ ދެއްވާފަ،" ޒެނީޝާ ވިދާޅުވި އެވެ.

މިރަސްމިއްޔާތުގައި ޖެންޑަރ މިނިސްޓްރީން ހިންގި "ސައިން ލޭންގްއޭޖް" ކޯސްތަކުން ވަނަތައް ހާސިލް ކުރައްވާފައިވާ ފަރާތްތަކަށް ސެޓްފިކެޓް ހަވާލު ކުރައްވާފައި ވެއެވެ.

މީގެއިތުރުން، ނުކުޅެދުންތެރިކަން ހުންނަ ފަރާތެއްގެ ބަސްކޮޅެއް (ސައިން ލޭންގްއޭޖުން) ދައްކާލާފައިވެއެވެ.

ރަސްމިއްޔާތު ނިންމާލުމަށް ފަހު ގައުމީ ސަލާމްކީވަގުތު އެ ރަސްމިއްޔާތުގައި ބައިވެރިވި ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކުން ވަނީ އިޝާރާތުން ގައުމީ ސަލާމް ބުނެދީފައެވެ.  

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: ހުޝާމް މުހަޢްމަދް
- ކޮމެންޓް