ހާބަރު ކަޑަތައް ހުރި ސަރަހައްދުގައި ހަދާ ފުޑް ކޯޓުގައި ކެއިން ބުއިމުގެ ޚިދުމަތް ދޭނެ ފަރާތްތައް ހޯދުމަށް އެސްޓީއޯއިން އިއުލާންކުށްފިއެވެ.
ބުދަ ދުވަހު އެސްޓީއޯއިން ކޮށްފައިވާ އިއުލާނުގައި ވަނީ ފުޑް ކޯޓުގައި ޚިދުމަތް ދޭން ބޭނުންވާ ފަރާތްތައް ރަޖިސްޓްރީކުރުން އަންނަ ޑިސެމްބަރު މަހުގެ 3 ވަނަ ދުވަހާއި 4 ވަނަ ދުވަހު ހެނދުނު 8:30އިން 2:00އަށް އެސްޓީއޯ ހެޑް އޮފީހުގައި އޮންނާނެ ކަމަށެވެ. އަދި ޑިސެމްބަރު މަހުގެ 4 ވަނަ ދުވަހުގެ މެންދުރުފަހު 2:00އާއި ހަމަޔަށް މައުލޫމާތު ސާފުކުރެވޭނެކަމަށް އެސްޓީއޯއިން ބުނެއެވެ. ރަޖިސްޓްރީ ކުރާ ފަރާތްތަކުގެ ތެރެއިން މައުލޫމާތު ސާފުކުރުމަށް އެދޭ ފަރާތްތަކަށް ޑިސެމްބަރު މަހުގެ 6ވަނަ ދުވަހުގެ 2:00ގެ ކުރިން ޖަވާބު ފޮނުވާނެކަމަށް އެސްޓީއޯއިން ބުނެއެވެ. ފުޑް ކޯޓު ހިންގަން ބޭނުންވާ ފަރާތްތަކުން ޕްރޮޕޯސަލް ހުށަހެޅުމުގެ ސުންގަޑިއަކީ ޑިސެމްބަރު 12ވަނަ ދުވަހެވެ. ޕްރޮޕޯސަލްއާއެކު އެއް ލައްކަ ރުފިޔާގެ ބިޑް ސެކިއުރިޓީއެއް ހުށަހަޅަން ޖެހެއެވެ.
މާލޭގެ ހުޅަނގު ދެކުނު ސަރަހައްދުގައި ކުރިން ހާބަރު ކަޑަތައް ހިންގި ސަރަހައްދުގައި ހުރި 40 ވަރަކަށް ކަޑަ ނެގުމަށްފަހު އެތަނުގައި ފުޑް ކޯޓުތައް އެޅުމުގެ މަސައްކަތް އެސްޓީއޯއިން ފެށީ މެއި މަހުއެވެ. އޭރު ހައުސިން މިނިސްޓްރީއިން ބުނީ މަހެއްގެ ތެރޭގައި އެމަސައްކަތް ނިމޭނެކަމަށެވެ.