ކ. މާލެ
|
29 ނޮވެންބަރ 2017 | ބުދަ 12:18
ރައްޔިތުންގެ މަޖިލީހުގެ 12 މެމްބަރުންގެ މައްޗަށް ކުރާ ދައުވާގެ ފުރަތަމަ އަޑުއެހުމަށް ވަޑައިގެންނެވުމަށްފަހު މެމްބަރުން ފޮޓޯ އަކަށް ހުއްޓިވަޑައިގެން
ރައްޔިތުންގެ މަޖިލީހުގެ 12 މެމްބަރުންގެ މައްޗަށް ކުރާ ދައުވާގެ ފުރަތަމަ އަޑުއެހުމަށް ވަޑައިގެންނެވުމަށްފަހު މެމްބަރުން ފޮޓޯ އަކަށް ހުއްޓިވަޑައިގެން
މުހައްމަދު ޝަރުހާން
މެމްބަރުންގެ މައްޗަށް ދައުވާ
މެމްބަރުންނަށް ޝަރީއަތް ހިންގާ މައްސަލާގައި ރައީސް މައުމޫން ފާޑު ވިދާޅުވެއްޖެ
12 މެމްބަރުންގެ މައްޗަށް ދައުވާ ކުރަނީ ގާނޫނު ތަންފީޒުކުރާ މުވައްޒަފަކަށް ގަސްތުގައި ހުރަސް އެޅިކަމަށް ބުނެ
12 މެމްބަރުންގެ މައްޗަށް ކުރާ ދައުވާގެ ޝަރީއަތުގެ އަޑުއެހުމެއް މެންދުރުފަހު 3 ޖަހާއިރަށް ވަނީ ތާވަލްކޮށްފަ
މިމައްސަލައިގެ ފުރަތަމަ އަޑު އެހުން ބާއްވާފައިވަނީ ސެޕްޓެމްބަރު މަހުގެ 26 ވަނަ ދުވަހު

ރައްޔިތުންގެ މަޖިލީހުގެ 12 މެމްބަރެއްގެ މައްޗަށް ޝަރީއަތް ހިންގާ މައްސަލާގައި ކުރީގެ ރައީސް މަޢުމޫން ޢަބްދުލްޤައްޔޫމް ފާޑު ވިދާޅުވެއްޖެ އެވެ.

ފުލުހުންގެ ސަފުތައް ފަޅާލައި ރައްޔިތުންގެ މަޖިލިސް ކުރާގެއަށް ވެންނެވި ކަމަށް ބުނެ، ރައްޔިތުންގެ މަޖިލީހުގެ 12 މެމްބަރެއްގެ މައްޗަށް ދައުލަތުން ކުރާ ދައުވާގެ ޝަރީއަތުގެ އަޑުއެހުމެއް ބުދަ ދުވަހުގެ މެންދުރުފަހު 3:00 އަށް ކްރިމިނަލް ކޯޓުގައި ބޭއްވުމަށް ވަނީ ތާވަލްކޮށްފައެވެ.

މިކަމަށް އިޝާރާތް ކުރައްވާ ކުރީގެ ރައީސް މަޢުމޫން ވަނީ، ދިވެހިރާއްޖޭގެ ސިޔާސީ ނިޒާމް ބިނާވެފައިވަނީ ބާރުތައް ވަކިވެފައިވާ ނިޒާމަކަށް ކަމަށް ވިދާޅުވެ، 12 މެމްބަރެއްގެ މައްޗަށް ގަނޑުކޮށް ޝަރީއަތް ހިންގުމަށް ކްރިމިނަލް ކޯޓަށް ހާޒިރު ކުރުމަކީ ތިން ބާރު ވަކިވެފައިވާ ސިޔާސީ ނިޒާމަކާއި ފުށުއަރާ، ތާކުންތާކު ނުޖެހޭ ނިންމުމެއް ކަމަށް ދޭހަވާފަދަ މޭރުމަކުން ޓްވީޓް ކުރައްވާފައެވެ.

ރައްޔިތުންގެ މަޖިލިސް ކުރާގޭގެ ސަރަހައްދު ބަންދުކޮށްފައިވަނިކޮށް، މަޖިލިސް ކުރާގެ އަށް ޖުލައި މަހުގެ 24 ވަނަ ދުވަހު ވަން މައްސަލާގައި އެމަޖިލީހުގެ ގިނަ މެމްބަރުންތަކެއް ފުލުސް އޮފީހަށް ހާޒިރުކޮށް ތަހުގީގު ހިންގާފައިވެއެވެ. މީގެ ތެރެއިން 12 މެމްބަރެއްގެ މައްޗަށް ގާނޫނު ތަންފީޒުކުރާ މުވައްޒަފެއްގެ ވާޖިބަށް ގަސްތުގައި ހުރަސް އެޅުމުގެ ދައުވާ މިދިޔަ އޯގަސްޓް މަހުގެ 17 ވަނަ ދުވަހު ދައުލަތުން އުފުލާފައިވެއެވެ.

ޤާނޫނު ތަންފީޒުކުރާ މުވައްޒަފަކަށް ގަސްތުގައި ހުރަސް އެޅުމުގެ ދައުވާ އުފުލާފައިވާ ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންނަކީ:

  1. ހިންނަވަރު ދާއިރާގެ މެމްބަރު އިބްރާހިމް މުޙައްމަދު ޞާލިޙް
  2. ކިނބިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ރިޔާޒު
  3. ތުލުސްދޫ ދާއިރާގެ މެމްބަރު މުޙައްމަދު ވަހީދު އިބްރާޙިމް (ވައްޑެ)
  4. ހިތަދޫ މެދު ދާއިރާގެ މެމްބަރު އިބްރާޙިމް މުޙައްމަދު ދީދީ
  5. ހިތަދޫ އުތުރު ދާއިރާގެ މެމްބަރު މުޙައްމަދު އަސްލަމް
  6. ކެންދޫ ދާއިރާގެ މެމްބަރު އަލީ ހުސެއިން
  7. ހެންވޭރު ދެކުނު ދާއިރާގެ މެމްބަރު މުޙައްމަދު އަބްދުލް ކަރީމް (ރުކުމާ)
  8. މާފަންނު ހުޅަނގު ދާއިރާގެ މެމްބަރު މުޙައްމަދު ފަލާހް
  9. ނޮޅިވަރަމް ދާއިރާގެ މެމްބަރު ހުސެއިން އަރީފް
  10. މަޑުއްވަރީ ދާއިރާގެ މެމްބަރު މުޙައްމަދު އަމީތު
  11. ވިލިނގިލީ ދާއިރާގެ މެމްބަރު ސައުދު ހުސެއިން
  12. ހެންވޭރު އުތުރު ދާއިރާގެ މެމްބަރު އަބްދުﷲ ޝާހިދު

މިމައްސަލައިގެ ފުރަތަމަ އަޑުއެހުން ސެޕްޓެމްބަރު މަހުގެ 26 ވަނަ ދުވަހު ވަނީ ބާއްވާފައެވެ. ކްރިމިނަލް ކޯޓުގައި އެދުވަހު ބޭއްވި އަޑުއެހުމުގައި ދައުލަތުން ދައުވާ އިއްވުމަށް ފަހު، މައްސަލައާއިގެން ކުރިއަށް ދިއުމަށްޓަކައި ވަކީލުން އައްޔަން ކުރުމަށް 10 ދުވަހުގެ މުއްދަތެއް ދީފައިވެއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: ހުޝާމް މުހަޢްމަދް
- ކޮމެންޓް