ކ. މާލެ
|
29 ނޮވެންބަރ 2017 | ބުދަ 10:19
ފުވައްމުލަކު ގޮނޑުދޮށް ހިމާޔަތް ކުރުމަށް ހޮލެންޑާއެކު 10.7 މިލިއަން ޑޮލަރުގެ އެހީގެ އެއްބަސްވުމުގައި ސޮއި ކުރައްވަނީ
ފުވައްމުލަކު ގޮނޑުދޮށް ހިމާޔަތް ކުރުމަށް ހޮލެންޑާއެކު 10.7 މިލިއަން ޑޮލަރުގެ އެހީގެ އެއްބަސްވުމުގައި ސޮއި ކުރައްވަނީ
ފިނޭންސް މިނިސްޓްރީ
ފުވައްމުލަކު
ފުވައްމުލަކު ގޮނޑުދޮށް ހިމާޔަތް ކުރުމަށް ހޮލެންޑުން 10.7 މިލިއަން ޑޮލަރުގެ އެހީއެއް ދީފި
މިމަޝްރޫއުގެ ދަށުން ފުވައްމުލަކުގެ ގޮނޑުދޮށުގެ 2650 މީޓަރު ހިމާޔަތް ކުރެވޭނެ

ޏ. ފުވައްމުލަކު ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަޝްރޫއުއަށް ނެދަލޭންޑްސް ސަރުކާރުން ދޭ 9 މިލިއަން ޔޫރޯ (ގާތްގަނޑަކަށް 10.7 މިލިއަން އެމެރިކާ ޑޮލަރު) ގެ ހިލޭ އެއްބަސްވުމުގައި ސޮއިކޮށްފިއެވެ.

އަންގާރަ ދުވަހު މި އެއްބަސްވުމުގައި ދިވެހި ސަރުކާރުގެ ފަރާތުން ސޮއިކުރެއްވީ މިނިސްޓަރ އޮފް ފިނޭންސް އެންޑް ޓްރެޜަރީ އަހުމަދު މުނައްވަރުއެވެ. ނެދަލޭންޑްސްގެ ސަރުކާރުން ސޮއިކުރެއްވީ ، ސްރީލަންކާގައި ހުންނަ ނެދަލެންޑް ގެ މިޝަންގެ ޑެޕިއުޓީ ހެޑް، މިސް. އީވާ ވެން ވޯސެމްއެވެ.

ފުވައްމުލަކު ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަޝްރޫޢަކީ ނެދަލޭންޑްސްގެ އެންޓަރޕްރައިސް އޭޖެންސީ (އޯރިއޯ)އިން ދޭ ހިލޭ އެހީ އާއި ކުވައިތު ފަންޑު ފޯރ އެރެބް އިކޮނޮކިމް ޑިވެލޮޕްމަންޓް (ކުވައިތު ފަންޑު)އިން ދޭ ލޯންގެ އެހީގައި ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ ގާތްގަނޑަކަށް މުޅި ޖުމްލަ 25.5 މިލިއަން އެމެރިކާ ޑޮލަރުގެ މަޝްރޫއުކެވެ.

މި މަޝްރޫޢު ހިންގުމަށް ކުވައިތު ފަންޑުން ދީފައިވަނީ 3.6 މިލިއަން ކުވައިތީ ދީނާރު (ގާތްގަނޑަކަށް 11.88 މިލިއަން އެމެރިކާ ޑޮލަރު)ގެ ލޯނެކެވެ. ކުވެއިތު ފަންޑުން ދިން ލޯން އެއްބަސްވުމުގައި ސޮއިކޮށްފައި ވަނީ މިއަހަރުގެ ޖުލައި މަހުގެ 18 ވަނަ ދުވަހު ކަމަށް ފިނޭންސް މިނިސްޓްރީން ބުނެއެވެ.

މި މަޝްރޫއަކީ ފުވައްމުލަކުގެ ތިމާވެއްޓަށާއި، އިޤްތިޞާދީ އަދި އިޖުތިމާއީ ތަރައްގީއަށް ވަރަށް ބޮޑަށް ފައިދާ ކުރާނެ މަޝްރޫޢެއް ކަމަށް ފިނޭންސް މިނިސްޓްރީން ބުނެއެވެ. އެގޮތުން، މި މަޝްރޫއުގެ ސަބަބުން ފުވައްމުލަކުގެ ނާޒުކު ތިމާވެށި ހިމާޔަތްކުރެވި، ދެމެހެއްޓެނިވި ތަރައްގީއަށް މަގުފަހި ވެގެންދާނެ މަޝްރޫއެއް ކަމަށް ފިނޭންސް މިނިސްޓްރީން ބުނެއެވެ. 

މި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން އެންވަޔަރަމަންޓް މިނިސްޓަރު ތޯރިގު އިބްރާހިމް ވިދާޅުވި ގޮތުގައި މި މަޝްރޫއަށް ބޭނުންވާ ފައިސާ ހޯދުމާއެކު މުޅި މަޝްއޫރު 2014 ވަނަ އަހަރު ފަށާފައިވާ ކަމަށެވެ. އަދި މި މަޝްރޫއަކީ މިގޮތަށް ހިންގާ އެންމެ ބޮޑު އެއް މަޝްރޫއަށް ކަމަށްވެސް ތޯރިގް ވިދާޅުވިއެެވެ.

މިމަޝްރޫއުގެ ދަށުން ފުވައްމުލަކުގެ ގޮނޑުދޮށުގެ 2650 މީޓަރު ހިމާޔަތް ކުރާނެ އެވެ. 

ކުވައިތު ފަންޑުން ދީފައިވާ 3.6 މިލިއަން ކުވައިތީ ދީނާރުގެ ލޯނަކީ 1.5 ޕަސެންޓްގެ އިންޓަރެސްޓްގައި ފަސް އަހަރުގެ ގްރޭސް ޕީރިއަޑަކާއެކު 20 އަހަރު ދުވަހުން އަނބުރާ ދައްކާ ގޮތަށް ހަމަޖެހިފައިވާ ކޮންސެޝަނަލް ލޯނެކެވެ.

- ކޮމެންޓް