ރާއްޖޭގެ ސަރަހައްދުގައި ޑިސެމްބަރު މަހު ތޫފާނެއް އުފެދިދާނެ ކަމުގެ އިންޒާރު އެއްވެސް ފަރާތަކުން ދީފައިނުވާ ކަމަށް މޫސުމާ ބެހޭ ގައުމީ އިދާރާއިން ހާމަކޮށްފިއެވެ.
އެއިދާރާއިން މިހެން ބުނީ ޑިސެމްބަރު މަހުގެ 4 ވަނަ ދުވަހު ރާއްޖެ ހިމެނޭ ސަރަހައްދަށް ތޫފާނެއް އަންނާނެ ކަމުގެ އިންޒާރު ދީފައިވާ ކަމަށް ޚަބަރު ފެތުރިފައި ވާތީ، އެކަމުގެ ސައްހަ މައުލޫމާތު ރައްޔިތުންނަށް އަންގައިދިނުމުގެ ގޮތުން ނެރެފައިވާ ނޫސްބަޔާނެއްގައެވެ.
މެޓް އޮފީހުން ބުނީ ދިވެހިރާއްޖެ އޮޮތް ސަރަހައްދުގައި ޑިސެމްބަރު މަހު ތޫފާނެއް އުފެދިދާނެ ކަމުގެ އިންޒާރު ސަރަހައްދުގެ ކަމާބެހޭ އެއްވެސް އިދާރާއަކުން ދީފައިވާ ނުވާ ކަމަށެވެ.
އެއިދާރާއިން ދަނީ ރާއްޖޭގެ މޫސުމާ ބެހޭ މައުލޫމާތު 24 ގަޑިއިރު ރައްޔިތުންނާ ހިއްސާކުރަމުން ކަމަށާއި، ރާއްޖެ ސަރަހައްދުގައި ތޫފާނެއް އުފެދުމުގެ ފުރުސަތު އޮތްނަމަ، ދުރާލާ އެމައުލޫމާތު ރައްޔިތުންނާ ހިއްސާކުރާނެ ކަމަށް ވެސް ބުނެފައިވެއެވެ.
މެޓް އޮފީހުން ބުނީ މިހާރު ރާއްޖެއަށް ކުރަމުންދާ ވިއްސާރައަކީ މިސަރަހައްދުގައި އުފެދިފައިވާ ލޯޕްރެޝަރ ޓްރަފެއްގެ ސަބަބުން ކުރަމުންދާ ވިއްސާރައެއް ކަމަށެވެ.
ކުރިއަށް އޮތް 24 ގަޑިއިރު މޫސުން ލަފާކުރާ ގޮތަށް ބަލާއިރު، ރާއްޖޭގެ އެކިހިސާބަށް ވިއްސާރަކުރާނެ ކަމަށާއި، ބައެއް ރަށްތަކަށް ގުގުރުމާއެކު ބޯކޮށް ވާރޭވެހޭނެ ކަމަށް މެޓް އޮފީހުން ބުނެއެވެ.
މެޓް އޮފީހުން ބުނީ މިއަދު ހެނދުނު 10:00 އިން މާދަމާގެ 10:00 އަށް ރާއްޖޭގެ މޫސުން ލަފާކުރާ ގޮތަށް ބަލާއިރު، ދެކުނުގެ އަތޮޅުތަކަށް ހުޅަނގުދެކުނާއި ހުޅަނގުން ގަޑިއަކު 13 މޭލާ 20 މޭލާ ދެމެދުގެ ބާރުމިނުގައި އަދި އެހެން ހިސާބުތަކަށް ހުޅަނގާއި ހުޅަނގުއުތުރުން ގަޑިއަކު 5 މޭލާ 15 މޭލާ ދެމެދު ބާރުމިނުގައި ވައިޖެހޭނެ ކަމަށެވެ.
އަދި ވިލާގަނޑުގައި ގަޑިއަކު ގާތްގަނޑަކަށް 40 މޭލަށް ވައިގަދަވުން އެކަށީގެންވާ ކަމަށް ވެސް މެޓް އޮފީހުން މައުލޫމާތުދެއެވެ.
މެޓް އޮފީހުން ބުނީ ދެކުނުގެ ކަނޑުތައް ގަދަވާނެ ކަމަށާއި އެހެން ހިސާބުތަކުގެ ކަނޑުތައް އާދައިގެ ވަރަކަށް މަޑުވެފައި ވިލާގަނޑުގައި އާދައިގެ ވަރަކަށް ގަދަވާނެ ކަމަށެވެ.