މިހާރު ޖަލުގައި ހުންނެވި ޢަދާލަތު ޕާޓީގެ ރައީސް ޝައިޚް އިމްރާން ޢަބްދުﷲ ސުޕްރީމް ކޯޓަށް ހުށަހެޅުއްވި އިސްތިއުނާފްގެ މައްސަލަ އެކޯޓުން ބަލައިގަނެވެން ނެތް ކަމަށް ކަނޑައަޅައި އެމައްސަލަ ބޭރުކޮށްލައިފިއެވެ.
އިމްރާން އިސްތިއުނާފް ކުރަން ހުށަހަޅުއްވާފައި ވަނީ އިމްރާންގެ މައްޗަށް ހުކުމްކޮށްފައިވާ ޓެރަރިޒަމްގެ މައްސަލަ ހައިކޯޓުން އިސްތިއުނާފް ކޮށްފައިވަނީ ޝަރުޢީ އަދި ޤާނޫނީ ހަމަތަކާ ޚިލާފަށް ކަމަށް ބުނެ އޭގެ ސަބަބު ބަޔާން ކުރައްވާފައެވެ.
މިދިޔަ ޖޫން މަހުގެ 15 ވަނަ ދުވަހު ހުށަހެޅި އެމައްސަލަ، 5 މަސް ފަހުން ސުޕްރީމް ކޯޓުން ބޭރުކޮށްލާފައި ވަނީ މިމަހުގެ 22 ވަނަ ދުވަހުއެވެ.
ސުޕްރީމް ކޯޓުން މިމައްސަލަ ބޭރުކޮށްލި ސަބަބެއް ކަމުގައި ބުނެފައި ވަނީ އެމައްސަލައަކީ ދިވެހިރާއްޖޭގެ ހައިކޯޓުގައި އިސްތިއުނާފު މަރުޙަލާގައި ފައިސަލާ ކުރަނިވި ޙުކުމެއް ކޮށްފައިވާ މައްސަލައަކަށް ވެފައި، އެމައްސަލަ ސުޕްރީމް ކޯޓުގައި އިލްތިމާސަށް ހުށަހެޅި ސަބަބު ތަކަށް ބެލިއިރު، ދިވެހިރާއްޖޭގެ ހައިކޯޓުގެ ހުކުމް ރަނގަޅު ނޫން ކަމަށް ބަލަން ޖެހޭ އެއްވެސް އަސާސެއް އޮތްކަމަށް ބެލެވެން ނެތަތީއާއި، ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަމްބަރު 2016/HC-A/103 ޤަޟިއްޔާގައި ކޮށްފައިވާ ހުކުމަކީ ޝަރުޢީ އަދި ޤާނޫނީ ހަމަތަކާ އެއްގޮތަށް ހުކުމް ކޮށްފައިވާތީއެވެ. އަދި އެހުކުމަށް އެއްވެސް ބަދަލެއް ގެންނަން ޖެހޭ ފަދަ ޝަރުޢީ އަދި ޤާނޫނީ އެއްވެސް ސަބަބެއް ނެތަތީ، ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަމްބަރު 2016/HC-A/103 ޤަޟިއްޔާއަކީ ޤާނޫން ނަންބަރު 22/2012 (ދިވެހިރާއްޖޭގެ ކޯޓު ތަކުގެ ޤާނޫނު) ގެ 16 ވަނަ މާއްދާ އާއި، ސުޕްރީމް ކޯޓުގެ ޤަވާޢިދުގެ 42 ވަނަ މާއްދާގެ ދަށުން ހުއްދަ ދޭންޖެހޭ މައްސަލައަކަށް ނުވާތީ، މިމައްސަލަ ބަލައިނުގަތުމަށް ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ މަޖިލީހުން ނިންމަވާފައިވާ ކަމަށް ސުޕްރީމް ކޯޓުން ވަނީ ބުނެފައެވެ.
އިމްރާން 12 އަހަރަށް ޖަލަށްލާފައި ވަނީ އެމްޑީޕީއާއި އަދާލަތު ޕާޓީ އިސްކޮށް އޮވެ 2015 ވަނަ އަހަރު މާލޭގައި ބޭއްވި "މޭޑޭ މުޒާހަރާ"ގައި އިމްރާން ދެއްކެވި ވާހަކަތަކުގެ މައްޗަށް ބިނާކޮށް ދައުލަތުން ކުރި ޓެރަރިޒަމްގެ ދައުވާ ސާބިތުވާ ކަމަށް ކަނޑައެޅުމަށް ފަހުއެވެ.