ކ. މާލެ
|
28 ނޮވެންބަރ 2017 | އަންގާރަ 19:48
މެންބަރު މުޙައްމަދު ޢަބްދުﷲ: އޭނާ ވަނީ ޖުލައި 10 ވަނަ ދުވަހު ޕާޓީން އިސްތިޢުފާ ދެއްވާފަ
މެންބަރު މުޙައްމަދު ޢަބްދުﷲ: އޭނާ ވަނީ ޖުލައި 10 ވަނަ ދުވަހު ޕާޓީން އިސްތިޢުފާ ދެއްވާފަ
މަޖިލިސް
މެންބަރުންގެ ގޮނޑި ގެއްލުން
މެންބަރު މުހައްމާގެ "ގޮނޑި ގެއްލުވާލަން" ސަރުކާރުން ތައްޔާރުވަނީ
ޕާޓީން ވަކިކުރީ މަސީހުގެ އިތުބާރުގެ މައްސަލައިގައި ސޮއިކުރުމުން
މުހައްމާ ވަނީ ޖުލައި 10 ވަނަ ދުވަހު ޕާޓީން ވަކިވެފަ
ކުރިންވެސް މިގޮތަށް ނިންމައި މެންބަރުންތަކެއްގެ ގޮނޑި ގެއްލުނުކަމަށް ވަނީ ބުނެފަ

ރައްޔިތުންގެ މަޖިލީހުގެ އިހަވަންދޫ ދާއިރާގެ މެންބަރު މުޙައްމަދު ޢަބްދުﷲ (މުހައްމާ) ވެރިކަންކުރާ ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސްއިން ވަކިކުރަން އެ ޕާޓީގެ ސުލޫކީ ކޮމިޓީން ނިންމާފައިވާ ކަމަށްބުނެ، ޕީޕީއެމްއިން މުހައްމާއަށް ސިޓީއެއް ފޮނުވައިފިއެވެ.

18 ޖުލައި 2017 ވަނަ ދުވަހު ޕީޕީއެމްގެ ސުލޫކީ ކޮމިޓީއަށް ހުށަހެޅުނު މައްސަލައަކާއި ގުޅިގެން ވެރިކަން ކުރާ ޕީޕީއެމްއިން މުހައްމާ ވަކިކުރަންނިންމައި، އަންގާރަ ދުވަހު މުހައްމާއަށް ސިޓީ ފޮނުވިއިރު، އެ މައްސަލަ ސުލޫކީ ކޮމިޓީއަށް ހުށަހެޅުމުގެ ކުރިން، 10 ޖުލައި 2017 ވަނަ ދުވަހު މުހައްމާ ވަނީ އަމިއްލަފުޅަށް ޕާޓީން ވަކިވެވަޑައިގެންފައެވެ.

ޕާޓީން ވަކިވުމަށް އެދިވަޑައިގެން ޖުލައި 10 ވަނަ ދުވަހު ޕީޕީއެމްގެ މުސްތަޝާރު، ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމަށް ފޮނުއްވެވި ސިޓީއެއްގައި ވަނީ، ސަރުކާރުން ރައްޔިތުންގެ މަޖިލީހާއި ކޯޓުތައް މެދުވެރިކޮށް ޤާނޫނުތަކަށް ގެނައުމަށް އޭރު މަސައްކަތް ކުރަމުން ދިޔަ ބަދަލުތަކަކީ، އޭގެ ސަބަބުން ރައްޔިތުންގެ ޙައްޤުތައް ހިޔާތްކޮށްދީ، ރައްޔިތުންގެ ފަރާތުން އަޑުއުފުލުމަށް އެޅޭ ބޮޑު ހުރަހެއް ކަމަށާއި، އެފަދަ ހާލަތެއްގައި ޕީޕީއެމްގައި މަސައްކަތް ކުރެއްވޭނެ ކަމަށް ޤަބޫލުފުޅު ނުކުރައްވާ ކަމަށެވެ.

ޕާޓީން ވަކިކުރަން ނިންމައި، ޕީޕީއެމްއިން މުހައްމާއަށް ފޮނުވި ސިޓީގައިވާގޮތުން މުހައްމާއާއި ދެކޮޅަށް ސުލޫކީ ކޮމިޓީއަށް މައްސަލަ ހުށަހަޅާފައިވަނީ ރައްޔިތުންގެ މަޖިލީހުގެ ރައީސް، ޢަބްދުﷲ މަސީހު މުޙައްމަދުގެ އިތުބާރުނެތްކަމުގެ މައްސަލަ މަޖިލީހަށް ހުށަހެޅުމަށް ތާޢީދު ކުރެއްވުމުންނެވެ.

ޕީޕީއެމްއިން މުހައްމާގެ މައްސަލަ ބަލައި ނިންމައި އެބޭފުޅާ ޕާޓީން ވަކިކުރަން ނިންމާފައިވާއިރު، ހަމަ މި މައްސަލައިގައި މީގެ ކުރިން ވެސް އެ ޕާޓީގެ ބައެއް މެންބަރުން ޕާޓީން ވަކިކޮށްފައިވެއެވެ. މުހައްމާއެކޭ އެއްފަދައިން މީގެކުރިން ވަކިކުރި އެހެން މެންބަރުންނަކީ ވެސް ޖުލައި 13 ވަނަ ދުވަހުގެރޭ ފްލޯ ކްރޮސިންގ އާއި ގުޅޭގޮތުން ސުޕްރީމް ކޯޓުން ނިންމެވި ނިންމެވުމުގެ ކުރިން އަމިއްލަފުޅަށް ޕާޓީން ވަކިވެފައިވާ ބޭފުޅުންނެވެ.

ސުޕްރީމް ކޯޓުން ޖުލައި 13 ގައި ނިންމެވި ނިންމެވުމުގައިވަނީ އެ ނިންމެވުމުގެ ފަހުން، މަޖިލީހުގެ މެންބަރުން ޕާޓީ ބަދަލުކޮށްފިނަމަ، ނުވަތަ ޕާޓީން ވަކިވެއްޖެ ނަމަ، ނުވަތަ އެ މެންބަރަކު ނިސްބަތްވެވަޑައިގަންނަވާ ޕާޓީން ވަކިކޮށްފިނަމަ، އެ މެންބަރެއްގެ މަޤާމު ގެއްލޭނެ ކަމަށެވެ.

ނަމަވެސް އެބޭފުޅުން އަމިއްލަފުޅަށް ޕާޓީން ވަކިވި ވަކިވުމަށް ނުބަލައި އިލެކްޝަން ކޮމިޝަނުން ވަނީ ޕީޕީއެމްއިން ބޭނުންވިގޮތަށް އެ ޕާޓީގެ ދަފްތަރުން އެ މެންބަރުން ވަކިކޮށް، އެ ބޭފުޅުންގެ ރައްޔިތުންގެ މަޖިލީހުގެ މެންބަރުކަން ގެއްލިފައިވާކަން އިޢުލާނު ކޮށްފައެވެ.

އެހެންކަމުން ބެލެވޭގޮތުގައި ޕީޕީއެމްއިން މި ނިންމި ނިންމުމަކީ، މެންބަރު މުޙައްމަދު ޢަބްދުﷲގެ ރައްޔިތުންގެ މަޖިލީހުގެ ގޮނޑި ގެއްލުވާލުމަށް ނިންމި ނިންމުމެކެވެ.  

ޕީޕީއެމްއިން ފޮނުވި ސިޓީއާއި ގުޅޭގޮތުން މެންބަރު މުހައްމާގެ ބަހެއް އަދި ވަނީ ލިބޭގޮތް ނުވެފައެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: ހުޝާމް މުހަޢްމަދް
- ކޮމެންޓް