ކ. މާލެ
|
28 ނޮވެންބަރ 2017 | އަންގާރަ 17:05
ކުރީގެ ޕްރޮސިކިއުޓަރ ޖެނެރަލް މުހުތާޒް މުހުސިން
ކުރީގެ ޕްރޮސިކިއުޓަރ ޖެނެރަލް މުހުތާޒް މުހުސިން
ރައީސް އޮފީސް
މުހުތާޒް މުހުސިން
ދައުލަތާ ދެކޮޅަށް މުހުތާޒް ހުށަހެޅުއްވި މައްސަލަ ބެލެން ނެތް ކަމަށް ކޯޓުން ހުކުމް ކުރުމުން އެ މައްސަލަ ކަރެކްޝަންއާ ދެކޮޅަށް ހުށަހަޅައިފި
ޖަލު ކުށްތަކާއި އަދަބުތަކުގެ ތަފްސީލް ހިއްސާ ނުކުރާ މައްސަލަ
ދައުލަތާ ދެކޮޅަށް ހުށަހެޅި މައްސަލަ ބޭރުކޮށްލީ ދައުލަތުން ނެގި އިޖުރާއީ ނުކުތާއާ ގުޅިގެން
މުހުތާޒް ޖަލަށް ލާފައި ވަނީ ރައީސް ޔާމީން ހައްޔަރު ކުރުމަށް ސައްހަ ނޫން ކޯޓު އަމުރެއް ހެދި މައްސަލާގައި

ދިގު މުއްދަތެއްގެ ޖަލު ހުކުމެއް ތަންފީޒް ކުރައްވަމުން ގެންދަވާ ކުރީގެ ޕްރޮސެކިއުޓަރ ޖެނެރަލް މުހުތާޒް މުހުސިން ދައުލަތާ ދެކޮޅަށް ހުށަހެޅުއްވި މައްސަލަ ބެލެން ނެތް ކަމަށް ސިވިލް ކޯޓުން ހުކުމް ކުރުމުން އެ މައްސަލަ މޯލްޑިވްސް ކަރެކްޝަނަލް ސާވިސްއާ ދެކޮޅަށް ހުށަހަޅައިފިއެވެ. 

ކަރެކްޝަންސްއާ ދެކޮޅަށް މުހުތާޒް ދައުވާ ކުރެއްވީ ޖަލުތަކާއި ޕެރޯލްގެ ގާނޫނުގެ ދަށުން ހިއްސާ ކުރަންޖެހޭ ޖަލު ކުށްތަކާއި އެ ކުށްތަކުގެ އަދަބުތައް ހިއްސާ ކުރުމެއް ނެތި ފިޔަވަޅު އަޅަމުންދާ މައްސަލައިގަ އެވެ. އަދި ގާނޫނުގެ ދަށުން ދޭން ލާޒިމް ކުރާ ޖަލު ކުށް ކަމަށް ކަނޑައަޅާފައިވާ ކުށްތަކުގެ ތަފްސީލާއި، ޑިސިޕްލިނަރީ ނިޒާމު ހިނގާ ގޮތާއި، ކަނޑައެޅޭ އަދަބުތަކުގެ ކޮޕީ ދީފައިނުވާ މައްސަލައިގައި ވެސް މުހުތާޒް ދައުވާ ކުރައްވާފައިވެއެވެ.

ޖަލުތަކާއި ޕެރޯލްގެ ގާނޫނުގެ 101 ވަނަ މާއްދާގެ (ހ) ގައި ބުނެފައިވަނީ އެ ގާނޫނުގެ ދަށުން ޖަލު ކުށް ކަމަށް ކަނޑައަޅާފައިވާ ކުށްތަކުގެ ތަފްސީލާއި، ޑިސިޕްލިނަރީ ނިޒާމު ހިނގާ ގޮތާއި، ކަނޑައެޅޭ އަދަބުތަކުގެ ކޮޕީއެއް ގައިދީންނަށް ފެންނަ ތަނެއްގައި ބަހައްޓައި އަދި ގައިދީއަކު އެދިއްޖެނަމަ، އޭނާއަށް އޭގެ ކޮޕީއެއް ދޭންވާނެ ކަމަށެވެ.

ގާނޫނުގެ ދަށުން ދޭން ލާޒިމް ކުރާ ޖަލު ކުށް ކަމަށް ކަނޑައަޅާފައިވާ  ކުށްތަކުގެ ތަފްސީލާއި، ޑިސިޕްލިނަރީ ނިޒާމު ހިނގާ ގޮތާއި، ކަނޑައެޅޭ އަދަބުތަކުގެ ކޮޕީ ނުދޭތީ ޖަލު ކުށްތަކާ ގުޅިގެން ގައިދީންނަށް ފިޔަވަޅު އެޅުން ހުއްޓުވުމުގެ ވަގުތީ އަމުރަކަށް ވެސް މުހުތާޒް އެދިވަޑައިގެންނެވި އެވެ.

ރާއްޖެއެމްވީ އަށް މައުލޫމާތު ދެއްވަމުން މުހުތާޒްގެ ގާނޫނީ ވަކީލް ވިދާޅުވީ ދައުލަތާ ދެކޮޅަށް މުހުތާޒް ހުށަހެޅުއްވި މައްސަލަ ސިވިލް ކޯޓުން ނުބެލޭނެ ކަމަށް ހުކުމް ކުރީ އެ މައްސަލައިގެ ޑިސްޕިއުޓް މަރުހަލާ ނިމި މައްސަލައިގެ ޝަރީޢަތް ފަށާފައި ވަނިކޮށް ކަމަށެވެ. 

އެގޮތުން އެ މައްސަލަ ބެލެން ނެތް ކަމަށް ސިވިލް ކޯޓުން ހުކުމް ކުރީ ހަމައެކަނި އެ މައްސަލަ ދައުލަތާ ދެކޮޅަށް ދައުވާ ކޮށްފައި ވާތީ އެ މައްސަލަ ދައުލަތުގެ ވަކި މުއައްސަސާއަކަށް ރައްދު ނުވާ ކަމަށް ބުނެ  ދައުލަތުން ނެގި އިޖުރާއީ ނުކުތާއާ ގުޅިގެން ކަމަށް މުހުތާޒްގެ ވަކީލް ވިދާޅުވިއެވެ. 

ދައުލަތުން ބުނަމުން ގޮސްފައިވަނީ ޖަލު ކުށްތަކާއި އަދަބުތައް ޖަލުގައި ހުންނަ ނޯޓިސް ބޯޑުން ފެންނަން ހުންނާނެ ކަމަށެވެ. އެހެން ނަމަވެސް، މުހުތާޒް ވިދާޅުވަމުން ގެންދެވީ އޭނާ ބަންދުކޮށްފައި ހުންނަ ތަނުން ނިކުމެވަޑައިނުގެންނެވޭ ކަމަށާއި އެހެންކަމުން ނޯޓިސް ބޯޑުގައި ހުންނަ އެއްޗެއް ފެނިވަޑައިނުގަންނަވާނެ ކަމަށެވެ.

މުހުތާޒް 17 އަހަރަށް ޖަލަށް ލާފައިވަނީ ރައީސް އަބްދުﷲ ޔާމީން ހައްޔަރުކުރަން ސައްހަ ނޫން ކޯޓު އަމުރެއް ހެދި ކަމަށް ބުނާ މައްސަލައިގަ އެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: ހުޝާމް މުހަޢްމަދް
- ކޮމެންޓް