ކ. މާލެ
|
28 ނޮވެންބަރ 2017 | އަންގާރަ 11:42
މޯލްޑިވްސް ކަސްޓަމްސް ސާރވިސްގެ މައި އޮފިސް
މޯލްޑިވްސް ކަސްޓަމްސް ސާރވިސްގެ މައި އޮފިސް
މުހައްމަދު ޝަރުހާން
ކަސްޓަމްސް
ހުޅުމާލޭގައި 15 ބުރީގެ ހަތަރު ޓަވަރު އިމާރާތްކޮށްދޭނެ ބަޔަކު ހޯދަން ކަސްޓަމްސްއިން އިއުލާން ކޮށްފި
15 ބުރީގެ ހަތަރު ޓަވަރު އަޅަނީ ކަސްޓަމްސްގެ ކޯޕަރޭޓިވް ސޮސައިޓީން
ސްޓެލްކޯއިން ވެސް 15 ބުރީގެ ދެ ޓަވަރު
އައިލެންޑް އޭވިއޭޝަނުން ވެސް 15 ބުރީގެ ތިން ޓަވަރު

ހުޅުމާލޭގައި 15 ބުރީގެ ހަތަރު ޓަވަރު އިމާރާތް ކޮށްދޭނެ ބަޔަކު ހޯދުމަށް މޯލްޑިވްސް ކަސްޓަމްސް ސާރވިސްގެ ކަސްޓަމްސް ކޯޕަރޭޓިވް ސޮސައިޓީން އިއުލާނު ކޮށްފިއެވެ. 

ކަސްޓަމްސްއިން ބުނީ ހަތަރު ޓަވަރު އަޅާދިނުމަށް ޝައުގުވެރިވާ ފަރާތްތަކުން އަންނަ ޑިސެމްބަރު މަހުގެ ހަތަރު ވަނަ ދުވަހުގެ 14:00ގެ ކުރިން އެކަމުގެ ލިއުން ފޮނުވުން އެދޭ ކަމަށެވެ.

ކަސްޓަމްސްގެ ކޯޕަރޭޓިވް ސޮސައިޓީން އިމާރާތް ކުރާ 15 ބުރީގެ ހަތަރު ޓަވަރަކީ މިހާރު ސަރުކާރުން ފަށާފައިވާ "ހިޔާ" މަޝްރޫގެ ދަށުން ހިންގާ ޕްރޮޖެކްޓެއް ކަމެއް ސާފެއް ނުވެއެވެ. 

ސަރުކާރުން ބުނެފައި ވަނީ "ހިޔާ" މަޝްރޫއުގެ ދަށުން 25 ބުރީގެ 62 ޓަވަރު އިމާރާތް ކުރެވޭނެ ކަމަށެވެ. އެ މަޝްރޫއު އިފްތިތާހު ކުރިއިރު ކަސްޓަމްސްއިން ވެސް އެ ޕްރޮޖެކްޓްގައި ބައިވެރިވެފައިވެއެވެ.

ކަސްޓަމްސްގެ އިތުރުން ސްޓެލްކޯއާއި އައިލެންޑް އޭވިއޭޝަނުންވެސް ވަނީ ޓަވަރު އިމާރާތް ކޮށްދޭނެ ބަޔަކު ހޯދުމަށް އިއުލާނު ކޮށްފައެވެ.

ސްޓެލްކޯއިން އިއުލާން ކޮށްފައި ވަނީ 15 ބުރީގެ ދެ ޓަވަރު އިމާރާތް ކުރުމަށެވެ. އައިލެންޑް އޭވިއޭޝަނުން އިއުލާން ކޮށްފައި ވަނީ 15 ބުރީގެ ތިން ޓަވަރު އިމާރާތް ކުރުމަށެވެ.

ސަރުކާރުން ބުނެފައިވާ ގޮތުން ހިޔާ މަޝްރޫއުގައި ސަރުކާރުގެ އިދާރާތަކާއި ކުންފުނިތަކާއި އެކު ޖުމްލަ 22 ފަރާތަކުން ބައިވެރި ވެއެވެ.


"ހިޔާ" މަޝްރޫއުގެ ދަށުން ހުޅުމާލޭގައި 25 ބުރީގެ 62 ޓަވަރު އެޅުމަށް ނިންމާފައިވާއިރު، 25 ބުރީގެ ޓަވަރެއް އެޅުމަށް އެއްވެސް އިދާރާއަކުން އަދި އިއުލާނު ކޮށްފައެއް ނުވެއެވެ.

ސަރުކާރުން އިއުލާނުކުރި 25 ބުރީގެ 62 ޓަވަރުގެ ތެރެއިން 16 ޓަވަރެއް އިމާރާތް ކުރުމަށް 434 މިލިއަން ޑޮލަރަށް، ޗައިނާ ކޮންސްޓްރަކްޝަން ތާޑް އިންޖިނިއަރިންގ ބިއުރޯ ކޯޕަރޭޝަން ލިމިޓެޑާ ހަވާލުކޮށްފައިވާ ކަމުގެ އަޑުތަކެއް ވަނީ ފެތުރިފަ އެވެ.   

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: ރާއްޖެއެމްވީ ލޯކަލް
- ކޮމެންޓް