ކ. މާލެ
|
28 ނޮވެންބަރ 2017 | އަންގާރަ 09:06
ސަރުކާރާ އިދިކޮޅު މަޖިލިސް މެމްބަރުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގެ ތެރެއިން
ސަރުކާރާ އިދިކޮޅު މަޖިލިސް މެމްބަރުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގެ ތެރެއިން
މުހައްމަދު ފަޒީން
މަޖިލިސް މެމްބަރުންގެ ގޮނޑި
ރައްޔިތުންގެ މަޖިލީހުގެ 12 މެމްބަރެއްގެ މައްޗަށް ދައުވާ ކުރާ މައްސަލައިގެ އަޑުއެހުމެއް މާދަމާއަށް ތާވަލް ކޮށްފި
މެމްބަރުންގެ މައްޗަށް ކުރަނީ ގާނޫނު ތަންފީޒްކުރާ މުވައްޒަފަކަށް ހުރަސް އެޅުމުގެ ދައުވާ
ވަކީލުން އައްޔަން ކުރުމަށް 10 ދުވަހުގެ މުއްދަތެއް ވަނީ ދީފައި
މައްސަލައިގެ ފުރަތަމަ އަޑުއެހުން ބާއްވާފައި ވަނީ ސެޕްޓެންބަރު މަހުގެ 26 ވަނަ ދުވަހު

ރައްޔިތުންގެ މަޖިލީހުގެ 12 މެމްބަރަކު ފުލުހުންގެ ސަފުތައް ފަޅާލައި ރައްޔިތުން މަޖިލިސްކުރާގެއަށް  ވެންނެވި ކަމަށް ބުނާ މައްސަލާގައި ދައުލަތުން ކުރާ ދައުވާގެ އަޑުއެހުމެއް ބުދަ ދުވަހަށް ކްރިމިނަލް ކޯޓުގައި ތާވަލް ކޮށްފިއެވެ. 

ރާއްޖެއެމްވީ އަށް މައުލޫމާތު ދެއްވަމުން އެ މައްސަލައިގައި ދައުވާ ލިބޭ ހެންވޭރު އުތުރު ދާއިރާގެ މެމްބަރު އަބްދުﷲ ޝާހިދު ވިދާޅުވީ ބުދަ ދުވަހު މައްސަލައިގެ އަޑުއެހުމެއް ބާއްވާނެ ކަން ކްރިމިނަލް ކޯޓުން އަންގާ ޗިޓް ފޮނުވާފައިވާ ކަމަށެވެ. އަދި މައްސަލައިގެ އަޑުހުން ތާވަލް ކޮށްފައި ވަނީ ބުދަ ދުވަހުގެ މެންދުރު ފަހު 3:00 އަށް ކަމަށް އަބްދުﷲ ޝާހިދު ވިދާޅުވިއެވެ. 

މެންބަރުންގެ މައްޗަށް ކޮށްފައިވަނީ ގާނޫނު ތަންފީޒް ކުރާ މުވައްޒަފެއްގެ މަސައްކަތަށް ގަސްދުގައި ހުރަސް އެޅުމުގެ ދައުވާ އެވެ. ދައުވާ ކޮށްފައިވަނީ މިދިޔަ އޮގަސްޓް މަހުގެ 17 ވަނަ ދުވަހު އެވެ. 

ދައުވާ ކޮށްފައި ވަނީ ޖުލައި މަހުގެ 24 ވަނަ ދުވަހު ރައްޔިތުންގެ މަޖިލީހަށް ވަން މައްސަލައާ ގުޅިގެންނެވެ. އެ މައްސަލައާ ގުޅިގެން ގިނަ އަދަދެއްގެ މެންބަރުން ފުލުސް އޮފީހަށް ހާޒިރުކޮށް ތަހުގީގު ހިންގާފައި ވެއެވެ.

މި މައްސަލައިގެ ފުރަތަމަ އަޑުއެހުން ބާއްވާފައި ވަނީ ސެޕްޓެންބަރު މަހުގެ 26 ވަނަ ދުވަހުއެވެ. އެ ދުވަހުގެ އަޑުއެހުމުގައި ދައުލަތުން ދައުވާ އިއްވުމަށް ފަހު މައްސަލަައާއިގެން ކުރިއަށް ދިއުމަށްޓަކައި ވަކީލުން އައްޔަން ކުރުމަށް 10 ދުވަހުގެ މުއްދަތެއް ޝަރީޢަތުން ވަނީ ދީފައެވެ. 

ދައުވާ ކޮށްފައިވާ 12 މެމްބަރުންނަކީ

 1 ހިންނަވަރު ދާއިރާގެ މެންބަރު އިބްރާހިމް މުހައްމަދު ސޯލިހު

 2 ކިނބިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ރިޔާޒް

 3 ތުލުސްދޫ ދާއިރާގެ މެންބަރު މުހައްމަދު ވަހީދު އިބްރާހިމް (ވައްޑެ)

4 ހިތަދޫ މެދު ދާއިރާގެ މެންބަރު އިބްރާހިމް މުހައްމަދު ދީދީ

5 ހިތަދޫ އުތުރު ދާއިރާގެ މެންބަރު މުހައްމަދު އަސްލަމް

6 ކެންދޫ ދާއިރާގެ މެންބަރު އަލީ ހުސެއިން

7 ހެންވޭރު ދެކުނު ދާއިރާގެ މެންބަރު މުހައްމަދު އަބްދުލް ކަރީމް (ރުކުމާ)

8 މާފަންނު ހުޅަނގު ދާއިރާގެ މެންބަރު މުހައްމަދު ފަލާހު

9 ނޮޅިވަރަމް ދާއިރާގެ މެންބަރު ހުސެއިން އަރީފް

10 މަޑުއްވަރީ ދާއިރާގެ މެންބަރު މުހައްމަދު އަމީތު

11 ވިލިނގިލީ ދާއިރާގެ މެންބަރު ސައުދު ހުސެއިން

12 ހެންވޭރު އުތުރު ދާއިރާގެ މެންބަރު އަބްދުﷲ ޝާހިދު

މި މެންބަރުންގެ ތެރެއިން ސައުދާއި، ވައްޑެގެ އިތުރުން އަމީތުގެ މައްޗަށް ވަނީ ހުއްދަ ނޫން ތަނަކަށް ވަނުމުގެ ދައުވާ ވެސް ކޮށްފަ އެވެ. އެ ތިން މެންބަރުންނަށް އެ ދައުވާ ކޮށްފައި ވަނީ މަޖިލިސް މެންބަރުން ނޫން ކަމަށް ކަނޑައަޅާފައިވަނިކޮށް މަޖިލީހަށް ވަން ކަމަށް ބުނެ އެވެ.

މެންބަރުންގެ މައްޗަށް ފުލުހުން ކޮށްފައިވާ ތުހުމަތަކީ ޖުލައި މަހުގެ 24 ވަނަ ދުވަހު މަޖިލިސް އިދާރާ ހިމެނޭ ސަރަހައްދު ބަންދުކޮށްފައިވަނިކޮށް، ފުލުހުންގެ ސަފުތައް ފަޅާލައި މަޖިލިސް އިދާރާއަށް ވަންކަމުގެ ތުހުމަތެވެ. ފުލުހުން ހިންގާފައިވާ ތަހުގީގަށް މި ހުރިހާ މެންބަރުން ވެސް ފުލުހުން އިދާރާއަށް ހާޒިރުކޮށް ސުވާލުކޮށް ބަޔާން ނަގާފައި ވެއެވެ.

މެންބަރުން ވިދާޅުވަމުންދަނީ ރައްޔިތުންގެ މަޖިލީހަށް މެންބަރުން ވެންނެވުން އެއްވެސް ފަރާތަކަށް މަނާ ނުކުރެވޭނެ ކަމަށާއި އަދި ފުލުހުންނަށް އެ ތުހުމަތު ކުރެވިދާނެ ކަމަށް ވެސް ގަބޫލުނުކުރާ ކަމަށެވެ.

ޖުލައި މަހުގެ 24 ވަނަ ދުވަހު މެންބަރުންތައް މަޖިލީހަށް ވަނުމާ އެކު ފުލުހުންނާއި ސިފައިން ވަދެ މެންބަރުންތައް ވަނީ ނެެރެފަ އެވެ. މިއީ ރާއްޖޭގެ ބަރުލަމާނީ ހަޔާތުގައި އެގޮތަށް ސިފައިންނާއި ފުލުހުން ވަދެ މެންބަރުން ނެރުނު ފުރަތަމަ ފަހަރެވެ.

ރައްޔިތުންގެ މަޖިލީހުގެ 12 މެމްބަރަކު ފުލުހުންގެ ސަފުތައް ފަޅާލައި ރައްޔިތުން މަޖިލިސްކުރާގެއަށް  ވެންނެވި ކަމަށް ބުނާ މައްސަލާގައި ޕްރޮސެކިއުޓާ ޖެނަރަލް އައިޝަތު ބިޝާމް ހެއްކަށް ނުފޫޒު ފޯރުވާ ކަމުގެ ތުހްމަތު އިދިކޮޅު އިއްތިހާދުން ވަނީ ކޮށްފަ އެވެ. 

ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު އަދި އިދިކޮޅު އިއްތިހާދުގެ ތަރުޖަމާނު އަހްމަދު މަހްލޫފު ވިދާޅުވެފައި ވަނީ ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންގެ މައްޗަށް ކޮށްފައިވާ ދައުވާގައި ހެކިބަސްދޭން ތިބި ފުލުހުންނާ ޕީޖީ އޮފީހުގައި ބައްދަލުކޮށްފައިވާ ކަމަށެވެ.

އޭނާ ވިދާޅުވެފައި ވަނީ އެ މައުލޫމާތު ލިބުނީ ޕީޖީ އޮފީހަށް ގެންދިޔަ ފުލުހެއްގެ ފަރާތުން ކަމަށެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: ހުޝާމް މުހަޢްމަދް
- ކޮމެންޓް