ކ. މާލެ
|
28 ނޮވެންބަރ 2017 | އަންގާރަ 12:30
ސުމޮން މިއާ
ސުމޮން މިއާ
ރާއްޖެއެމްވީ
އިއްސެގެ މަރުގެ މައްސަލަ
ރަހުމް ކުޑަ ގޮތަކަށް އިއްސެ މަރާލި ގޮތުގެ ތަފްސީލް ސުމަން މިއާގެ ދުލުން
އިއްސެ މަރާލަން ނިންމީ ޝަކުވާ ބޮޑު ކަމުން
އިއްސެގެ ސަބަބުން އަންހެނުންނާ މައްސަލަ ޖެހުނު
އިއްސެ މަރާލުމަށް ފަހު މާލެ އައިސް ރާއްޖެއިން ފުރައިގެން ދާން ވިސްނިން

ޖޫން މަހުގެ 16 ވަނަ ދުވަހު ހއ. އިހަވަންދޫގައި، ރަހުމު ކުޑަ ގޮތަކަށް މަރާލާފައި އޮއްވާ ފެނުނު ޅ. ހިންނަވަރު އިސްމައީލް އުމަރު، (54އ) މަރާލި ގޮތް އޭނާގެ މަރުގެ ދައުވާ ލިބޭ ބަންގްލަދޭޝްގެ ރައްޔިތެއް ކަމަށްވާ ސުމޮން މިއާގެ ދުލުން ތަފްސީލްކޮށް ކްރިމިނަލް ކޯޓުގައި ކިޔައިދީފި އެވެ.

ކްރިމިނަލް ކޯޓުގައި ހޯމަ ދުވަހު ބޭއްވި އެ މައްސަލައިގެ އިބްތިދާއީ އަޑުއެހުމުގައި އިއްސެ މަރާލި ގޮތާ މަރާލަން ޖެހުނު ސަބަބު ތަފުސީލް ކޮށް ސުމޮން މިއާ ކިޔައިދީފައި ވަނީ ތަރުޖަމާނެއްގެ އެހީގައެވެ. އަދި އިއްސެ މަރާލި ކަމަށް އޭނާ އިއުތިރާފްވީ އެއްވެސް މަޖޫބުރު ކަމެއް ނެތި ކަމަށް ސުމޮން މިއާ ބުންޏެވެ.

އިއްސެ މަރާލަން ޖެހުނު ސަބަބު ކިޔައި ދެމުން ސުމޮން މިއާ ބުނީ އިއްސެ މަރާލަން ޖެހުނީ ޝަކުވާ ބޮޑު ކަމުން ކަމަށެވެ. އެގޮތުން އޭނާ އައިސްޕްލާންޓުގައި މަސައްކަތް ކުރި އިރު، އިތުރު ގަޑީގެ ފައިސާ ނުދޭތީއާއި، އަންހެނުންނަށް ގުޅައިގެން ހުންނަ އިރު އިއްސެ އެކަމާ ޝަކުވާކޮށް އެއްޗެހި ކިޔާ ހަދާ ކަމަށެވެ. އަދި އިއްސެގެ ސަބަބުން ބަންގްލަދޭޝް ގައި ހުރި އޭނާގެ އަންހެނުންނާ މައްސަލަ ޖެހި އަންހެނުން އޭނާގެ ގެ ދޫކޮށް ގޮސްފައިވާ ކަމަށް ސުމޮން މިއާ ބުންޏެވެ. ހަމަ އެހެންމެ އަންހެނުން ގެއިން ނިކުމެގެން ދިއުމަށް ފަހު އަންހެނުންގެ ފޯނަށް ނުގުޅޭ ކަމަށް ސުމޮން ބުންޏެވެ.

ސުމޮން ބުނީ އަންހެނުން ގެއިން ނިކުމެގެން ދިއުމުގެ ކުރިން ނުގުޅުމަށް ބުނި ކަމަށެވެ. އަދި ސުމޮންގެ ގެއިން ނިކުމެގެން އަންހެނުން ދިޔައީ އަންހެނުންގެ އަމިއްލަ ގެ އަށް ކަމަށް ސުމޮން ބުންޏެވެ.

ސުމޮން ބުނިގޮތުގައި އޭނާ ފުރަތަމަ މަސައްކަތް ކުރީ ފެލިވަރުގަ އެވެ. އެހެން ނަމަވެސް އޭނާ އެތަނުގައި މަސައްކަތް ކުރަމުން ދަނިކޮށް، ފެލިވަރުގެ މެނޭޖަރު އޭނާ އިހަވަންދޫ އައިސް ޕްލާންޓަށް ފޮނުވުމަށް ނިންމި ކަމަށް ސުމޮން ބުންޏެވެ. އަދި އިހަވަންދޫއަށް އޭނާ ދިޔައީ ދާހިތުން ނޫން ކަމަށާއި، ވަޒީފާގައި ހުންނަން ބޭނުން ނަމަ އިހަވަންދޫއަށް ދިއުމަށް އޭނާ އަށް އެންގި ކަމަށް ސުމޮން މިއާ ބުންޏެވެ. ނަމަވެސް އޭނާ ފެލިވަރަށް ބަދަލު ކޮށް ދިނުމަށް އިއްސެ ގާތު އެދުނު ކަމަށާއި ނަމަވެސް އިއްސެ އޭނާގެ ވާހަކަތައް އަޑު ނާހާ އަބަދު ޒުވާބުކޮށް އެއްޗިހި ކިޔާ ހަދާ ކަމަށް ސުމޮން ބުންޏެވެ.

އިއްސެ މަރާލުމުގެ ދެތިން ދުވަސް ކުރިން ފިލައިގެން ގޮސް ސުމޮން އެހެން ތަނެއްގައި އުޅުނީ ވެސް އެހެންވެ ކަމަށް އޭނާ ބުންޏެވެ. ސުމޮން ބުނިގޮތުގައި ފިލައިގެން ގޮސް ހުރީ އައިސް ޕްލާންޓާ އެހާ ދުރު ނޫން ހިސާބެއްގައި ހުރި ތަނެއްގަ އެވެ. އަދި އޭނާާ ބުނީ އޭނާ ނިންމައިގެން ހުރީ އިއްސެ މަރާލުމަށް ފަހު ބަންގްލަދޭޝް އަށް ފިލައިގެން ދިއުމަށެވެ.

ސުމޮން ބުނިގޮތުގައި އޭނާ އިއްސެ މަރާލުމަށް އައިސްޕްލާންޓަށް ދިޔައީ 12 ވަރަކަށް ފޫޓު ހުންނަވަރުގެ ވާގަނޑެއް ހިފައިގެންނެވެ. އޭނާ ބުނިގޮތުގައި ފުރަތަމަ ހިތުލައިގެން ދިޔައީ ވާގަނޑު ބޭނުން ކޮށްގެން އިއްސެ މަރާލުމަށެވެ. އޭރު އިއްސެ އޮތީ ނިދާފައި ކަމަށާއި، ހަމައެކަނި ވާގަނޑު ބޭނުންކޮށްގެން މަރާނުލެވިދާނެ ކަމަށް ވިސްނުމުން އެ ކޮޓަރި ތެރޭގައި ހުރިކަބަޑުން ގާތްގަނޑަކަށް ފޫޓެއް ހުންނަ ވަރުގެ ވަޅި އެއް ނެގުމަށް ފަހު އިއްސެ ކައިރިއަށް ދިޔައީ ކަމަށް ބުންޏެވެ.

ސުމޮން ބުނި ގޮތުގައި އިއްސެ ނިދާފައި އޮތް ކޮޓަރިއަށް އޭނާ ވަނީ ފަތިހުގެ ވަގުތެއްގަ އެވެ. އެ ކޮޓަރި އަށް އޭނާ ވަނީ ވަޅި އާއި ކުރިން ގެނައި ވާގަނޑު ވެސް ހިފައިގެންނެވެ. ސުމޮން ބުނީ އޭނާ އެންމެ ފުރަތަމަ މަސައްކަތް ކުރީ ކޮޓަރީގައި ހުރި އެނދެއްގައި އަރިއަކަށް ނިދާފައި އޮތް އިއްސެގެ ކަރު ދަށުން ވާގަނޑު ގެންގޮސް، ކަރަށް ބާރު ކުރުމަށެވެ. އެކަމަކު އެކަން ކާމިޔާބުނުވީ އިއްސެ އަށް ހޭލެވުމުން ކަމަށް ސުމޮން ބުންޏެވެ.

ތަރުޖަމާނެއްގެ އެހީގައި އިއްސެ މަރާލި ގޮތުގެ ވާހަކަ ކިޔައި ދެމުން ސުމޮން ބުނީ އިއްސެ އަށް ހޭލެވިގެން، ދިފާއުގައި އޭނާގެ ގައިގައި އަތުން ތަޅަން ފެށިއިރު އޭނާ ގެނައި އެއް ފޫޓަށް ވުރެ ދިގު ވަޅި އޮތީ އިއްސެ އޮތް އެނދުގެ މަތީ ބައިގައި ބާއްވައިފަ އެވެ. އެ ވަޅި އެތަނުގައި އޮތްކަން ހަނދާންވުމާ އެކު ވަޅި ނަގައި އެންމެ ފުރަތަމަ ވަޅި ހެރީ އިއްސެގެ ވައަތަށް ކަމަށް ސުމޮން ބުންޏެވެ.

ދެވަނަ ހަމަލާ ދިނީ އިއްސެގެ ކޮނޑުހުޅަށް ކަމަށް ކަމަށް ސުމޮން ބުންޏެވެ. ނަމަވެސް ތިން ވަނަ ހަމަލާއެއް ނުދެވެނީސް އިއްސެ އޭނާގެ އަތުން ވަޅި އަތުލި ކަމަށް ބުންޏެވެ. ނަމަވެސް އަނެއްކާވެސް އިއްސެ އަތުން އެ ވަޅި އަތުލި ކަމަށާއި ވަޅި އަތުލަން އުޅުމުގެ ތެރޭގައި އޭނާގެ އަތް ވެސް ކަފައިގެން ދިޔަ ކަމަށް ސުމޮން ބުންޏެވެ.

ސުމޮން ބުނި ގޮތުގައި އިއްސެ އެނދުން ވައްޓާލުމަށް ފަހު، ތިން ވަނަ ފަހަރަށް އިއްސެގެ ކަރަށް ވަޅިން ހަމަލާދިނެވެ. އަދި އޭގެ ފަހުން އިއްސެގެ ގައިގައި އަތުންނާއި ފައިން ވެސް ތެޅި ކަމަށާއި، އެކަމަކު އޭރު ވެސް އިއްސެ މަރުނުވާ ކަމަށާއި، އެކަން އެނގެނީ އިއްސެގެ އަތް ހަރަކާތް ކުރާތީ ކަމަށް ސުމޮން ބުންޏެވެ.

ސުމޮން ބުނީ އެ ވަގުތު އިއްސެ ކޮންމެވެސް އެއްޗެހިތަކެއް ކިޔަމުން ދިޔަ ކަމަށާއި، ނަމަވެސް އިއްސެ ކިޔަމުން ދިޔަ އެއްޗެހިތަކެއް އޭނާ އަށް ސާފުނުވާ ކަމަށެވެ.

ސުމޮން ބުނިގޮތުގައި އެ ހަމަލާއަށް ފަހު އޭނާ އެތަނުން ނިކުމެގެން ދިޔައީ އެ ކޮޓަރިއަށް އިތުރު ބަޔަކު ނުވަދެވޭނެހެން ހުރިހާ ތަނެއް ތަޅުލުމަށް ފަހު އެވެ. އަދި އިއްސެ މަރާލުމަށް ފަހު އޭނާ ދިޔައީ އެ ރަށުގައި ދިރިއުޅޭ އޭނާގެ ރައްޓެހި ބިދޭސީ މީހެއްގެ ކައިރި އަށް ކަމަށް ސުމޮން ބުންޏެވެ. އަދި އިއްސެއާ އޭނާއާ ދެމެދު މާރާމާރީ އެއް ހިނގި ކަމަށް އެ ބިދޭސީ މީހާ ގާތު ބުނި ކަމަށާއި ނަމަވެސް އިއްސެ މަރާލި ވާހަކަ ނުބުނާ ކަމަށް ސުމޮން ބުންޏެވެ. އަދި އެ ރަށުން ފުރައިގެން ދިއުމަށް ލޯންޗެއް ހަމަޖެއްސުމަށް މަސައްކަތް ކުރި ކަމަށް ވެސް ސުމޮން ބުންޏެވެ.

ސުމޮން ބުނީ އިއްސެގެ ހަށިގަނޑަށް ގޮތެއް ހެދުމަށްޓަކައި އެ ދުވަހުގެ ހެނދުނު އަނެއްކާވެސް އޭނާ އައިސް ޕްލާންޓަށް ވަން ކަމަށެވެ. ސުމޮން ބުނީ ފާޚާނާގެ ފެންލައިޓުން އެ ކޮޓަރިއަށް ވަންއިރު އިއްސެގެ ހަރަކާތެއް ނެތް ކަމަށާއި ހަމަލާ ދިނުމަށް ބޭނުންކުރި އާލާތްތައް އޭރު ވެސް ކޮޓަރީގައި ހުރި ކަމަށެވެ.

ސުމޮން ބުނީ އެތަނަށް ވަނުމަށް ފަހު އިއްސެގެ ހަށިގަނޑު ދަމާފައި ގެންދިޔައީ އައިސް ޕްލާންޓްގައި ލޮނު އަޅާފައިހުރި ޓޭންކެއް ކައިރިއަށް ކަމަށެވެ. އޭނާ މަސައްކަތް ކުރީ އިއްސެގެ ހަށިގަނޑު އެ ޓޭންކް ތެރެއަށް ވައްޓާލުމަށް ކަމަށާއި އެކަން ކާމިޔާބު ނުވީ އެކަމަށް އޭނާ އަށް އެހީވާން އިތުރު މީހަކު ނެތުމުން ކަމަށް ސުމޮން ބުންޏެވެ. އެހެންވެ، އެތަނުގައި އިއްސެގެ ހަށިގަނޑު ބޭއްވުމަށް ފަހު، ހަމަލާދިން ވަޅި އެ ޓޭންކް ތެރެއަށް ވައްޓާލި ކަމަށް ވެސް ސުމޮން ބުންޏެވެ. .އަދި އޭގެ ފަހުން އެތަނުގައި ހުރި ލޭތައް ކޮންމެވެސް ވަރަކަށް ސާފް ކުރި ކަމަށް ސުމޮން ބުންޏެވެ.

ސުމޮން ކިޔައި ދިން ގޮތުގައި އެތަނުން ނިކުތުމުގެ ކުރިން އިއްސެގެ ވޮލެޓާއި އިއްސެ ގެންގުޅޭ ފޯނު ވެސް ވަނީ ނަގައިފަ އެވެ.

ސުމޮން ބުނީ އިހަވަންދު އަށް ދިޔަ ލޯންޗެއްގައި އޭނާ ކުޅުދުއްފުއްޓަށް ގޮސް މަސައްކަތް ކުރީ އަވަހަށް މާލެ ދެވޭނެ ގޮތެއް ހެދުމަށެވެ. އެކަމަށްޓަކައި، އެ ރަށުގައި މަސައްކަތްކުރާ ބައެއް ބިދޭސީންގެ އެހީތެރިކަން ހޯދި ކަމަށް ސުމޮން ބުންޏެވެ. އަދި ފުލުހުން އޭނާ ހައްޔަރުކުރީ އެރޭ ކުޅުދުއްފުށިން މާލެ ދާން އޮތް ބޯޓަކުން ފުރަން ތައްޔާރުވަމުން ދަނިކޮށް ކުޅުދުއްފުށީ ސައި ހޮޓަލެއްގައި ޗާޖަށް ޖަހާފައި އޮތް އޭނާގެ ފޯނު ނަގަން ދަނިކޮށް ކަމަށް ސުމޮން ބުންޏެވެ.

ސުމޮން ދައުވާ އަށް އިއުތިރާފްވިނަމަވެސް ދައުލަތުގެ ވަކީލް ވިދާޅުވީ ސުމޮންއާ ދެކޮޅަށް ހުށަހަޅާފައިވާ ހެކިންގެ ހެކިބަސް ނެގުމަށް އެދޭ ކަމަށެވެ. އަދި ހެކިބަސް ނެގުމަށް އެދެނީ އެއީ މަރުގެ މައްސަލައެއް ކަމަށް ވާތީ ކަމަށާއި އަދި އެ މައްސަލަ އަކީ މަތީ މަރުހަލާގެ ކޯޓްތަކުން ގޮތެއް ނިންމަން ޖެހޭ މައްސަލަ އެއް ކަމަށް ދައުލަތުގެ ވަކީލް ވިދާޅުވިއެވެ.

ދައުލަތުގެ ވަކީލްގެ އެ ވާހަކަތަކާ ގުޅިގެން މައްސަލަ ބައްލަވާ ގާޒީ އަލީ އާދަމް ވިދާޅުވީ ހަތް ދުވަހުގެ ތެރޭގައި ލިޔުމުން ހެކި ހުށަހެޅުމަށެވެ. އަދި މައްސަލައިގެ އަޑުއެހުމެއް އަންނަ އަހަރުގެ ޖެނުއަރީ މަހުގެ އަށް ވަނަ ދުވަހު ބާއްވާނެ ކަމަށް ގާޒީ އަލީ އާދަމް ވިދާޅުވިއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: ހުޝާމް މުހަޢްމަދް
- ކޮމެންޓް