ކ. މާލެ
|
27 ނޮވެންބަރ 2017 | ހޯމަ 20:41
ގްރީންގެ ކޯޗު ސޮބާހް މުހައްމަދު (ސޮބާ)
ގްރީންގެ ކޯޗު ސޮބާހް މުހައްމަދު (ސޮބާ)
ޓްވިޓަރ
ސޮބާހް މުހައްމަދު (ސޮބާ)
ގްރީން އަކުން ދެން ނުފެންނާނެ، އަންނަ އަހަރު އާ ކްލަބަކުން ފެންނާނެ: ސޮބާ
ސޮބާ ވަނީ ގްރީން ފުރަތަމަ ޑިވިޝަނަށް ޕްރޮމޯޓްކޮށްދީފައި
ސޮބާ ވަނީ މާލޭ ލީގުގައި ގްރީން އަށް ދެވަނަ ހޯދާ ދީފައި

ކްލަބް ގްރީން ސްޓްރީޓުން ދެން ނުފެންނާނެ ކަމަށާއި، އަންނަ އަހަރު ފުރަތަމަ ޑިވިޝަންގެ ކްލަބަކުން ފެންނާނެ ކަމަށް ސޮބާހް މުހައްމަދު (ސޮބާ) ބުނެފިއެވެ.

ރާއްޖެއެމްވީ އަށް މައުލޫމާތު ދެމުން ސޮބާ ބުނީ ގްރީންއާއެކު އެއްބަސްވުން ހެދީ މި ސީޒަނުގެ ނިޔަލަށް ކަމަށާއި، އެހެން ނަމަވެސް ދިވެހި ޕްރިމިއާ ލީގަށް ފަހު ކޯޗުކަމުން ދުރުވާން ނިންމާފައިވާ ކަމަށެވެ.

ސޮބާ ބުނީ ގްރީންގެ ކޯޗުކަމުން ދުރުވާން ނިންމީ ކުއްލިއަކަށް ނޫން ކަމަށާއި، މީގެކުރިން ކްލަބުގެ މެނޭޖްމަންޓް އަދި ކުޅުންތެރިންނާވެސް އެކަމާ ގުޅިގެން ވާހަކަ ދައްކާފައިވާނެ ކަމަށެވެ. އެގޮތުން ސޮބާ ބުނީ ޓީސީ މެޗަކީ ގްރީންގެ ކޯޗުގެ ގޮތުގައި ފެންނާނެ ފަހު މެޗުކަމަށް ކުޅުންތެރިން ކައިރީ ކުރިން ވެސް ބުނެފައިވާނެ ކަމަށެވެ.

ގްރީންގެ ކޯޗުކަމުން ސޮބާ ވަކިވެފައިވާއިރު، އެ ކްލަބަށް މާލީގޮތުން ދަތިތަކެއް ކުރިމަތިވެފައިވާ ކަމަށް މައުލޫމާތު ލިބެއެވެ. އެގޮތުން އެ ކްލަބުގެ ކުޅުންތެރިންނަށް މުސާރަ ނުދޭތާ ތިން މަސްވެފައިވާކަމަށްވެސް މައުލޫމާތު ލިބެއެވެ.

ސޮބާ ބުނީ އަންނަ އަހަރު ފުރަތަމަ ޑިވިޝަންގެ ވަރުގަދަ ކްލަބަކުން ފެނިގެންދާނެ ކަމަށާއި، ކޯޗެއްގެ ހައިސިއްޔަތުން ގްރީންގައި ރަނގަޅު ތަޖުރިބާތަކެއް އަދި ކުރިއެރުންތަކެއް ހޯދިފައިވާކަމަށެވެ.

ސޮބާ ވަނީ މުޅިން އަލަށް ފުރަތަމަ ޑިވިޝަނަށް ގްރީން ސްޓްރީޓް ޕްރޮމޯޓްކޮށްދީ މާލޭ ލީގުގައި އެޓީމަށް ދެވަނަ ހޯދައިދީފައެވެ. އެހެން ނަމަވެސް މާލޭ ލީގުގައި ގްރީން ވަރުގަދަކޮށް ފެނުނު ނަމަވެސް ދިވެހި ޕްރިމިއާ ލީގުގައި އެޓީމަށް ރަނގަޅު ނަތީޖާތަކެއް ނެރެވިފައެއްނުވެއެވެ. ނަތީޖާއެއްގެ ގޮތުގައި ގްރީން އިން ލީގު ނިންމާލީ ގަދަ ހަތަރެއްގައި ނުހިމެނި، ފަސްވަނައިގައެވެ.

ގައުމީ ޓީމުގެ ކުރީގެ ޑިފެންޑަރު ސޮބާ އަކީ 2008 ވަނަ އަހަރު ރާއްޖެއިން ސާފް ޗެމްޕިއަންޝިޕް ކާމިޔާބުކުރިއިރު، ޓީމުގައި ހިމެނުނު ކުޅުންތެރިޔެކެވެ. އޭނާ ވަނީ ރާއްޖޭގެ މަޝްހޫރު ގިނަ ކްލަބްތަކަށް ކުޅެފައެވެ. އޭގެ ތެރޭގައި ނިއުރޭޑިއަންޓް ސްޕޯޓްސް ކްލަބް، ވިކްޓްރީ ސްޕޯޓްސް ކްލަބް އަދި ވީބީ އައްޑޫ އެފްސީ ހިމެނެއެވެ.

ސޮބާ ކޯޗިން ދާއިރާ އަށް ވަނީ ނިއުރޭޑިއަންޓް ސްޕޯޓްސް ކްލަބްގެ އެސިސްޓެންޓް ކޯޗުކަމާ ހަވާލުވި ހިސާބުންނެވެ. އެގޮތުން އޭނާ ވަނީ އެ ކްލަބުގެ ހެޑްކޯޗުކަމުން ނިކޮލާ ކަވަޒޮވިޗް ވަކިކުރުމާއެކު، އޭއެފްސީ ކަޕް އަދި ދިވެހި ލީގުގެ މެޗުތަކުގައިވެސް ނިއު އަށް އިރުޝާދީ އެ ޓީމަށް ރަނގަޅު ނަތީޖާތަކެއް ހޯދައިދީފައެވެ.

 

އެންމެ ފަހުން އަޕްޑޭޓް ކުރީ: 21 ގަޑިއިރު ކުރި
ރިވިއު ކުރީ: ހުޝާމް މުހަޢްމަދް
- ކޮމެންޓް