ކ. މާލެ
|
27 ނޮވެންބަރ 2017 | ހޯމަ 15:06
ހުކުރު މިސްކިތުގެ ލޭންޑްސްކޭޕު ބަދަލުކޮށް ކެފޭއެއް ގާއިމްކުރަން ސަރުކާރުން ވަނީ ނިންމާފަ
ހުކުރު މިސްކިތުގެ ލޭންޑްސްކޭޕު ބަދަލުކޮށް ކެފޭއެއް ގާއިމްކުރަން ސަރުކާރުން ވަނީ ނިންމާފަ
މިހާރު
އާސާރީ ތަރިކަ ނެތިކޮށްލުން
ބައިތުލްމާލުގެ ފޫ ކަހާލުމަށް ފަހު ތާރީޚާއި ސަގާފަތުގެ ބޮޑު ޖަރީމާއަކަށް!
ސަގާފީ ތަރިކައަކީ މުސްތަގުބަލުގެ ޖީލުތަކަށް ފޯރުކޮށްދޭންޖެހޭ ތަކެތި
މާލޭގެ އާސާރީ ބިނާތައް ނެތިކޮށް ކެފޭތަކާއި އޮފީސް އިމާރާތް
އާސާރީ ތަރިކައަކީ ހަމައެކަނި މި ޖީލުގެ މީހުންގެ އެއްޗެއް ނޫން

ސަގާފަތާއި އާދަކާދައަކީ ގައުމެއް ނުވަތަ ވަކިވަކި މުޖުތަމައުތަކުގެ އައިޑެންޓިޓީއެވެ. މި އައިޑެންޓިޓީ މައިގަނޑު ގޮތެއްގައި ބިނާވެފައި އޮންނަނީ ސަގާފީ ތަރިކައިގެ މައްޗަށެވެ. ސަގާފީ ތަރިކައަކީ ކާބަފައިންގެ ފަރާތުން ވާރުތަވެ، ޖީލުތަކުން ބަލަހައްޓައި، މުސްތަގުބަލުގައި އަންނަ ޖީލުތަކާ ހަމައަށް ފޯރުކޮށްދޭ ތަކެއްޗެވެ. ސަގާފީ ތަރިކަ ދެ ބަޔަކަށް ބަހާލެވޭއިރު، އޭގެ ތެރޭގައި ހިމެނެނީ މާއްދީ ތަކެއްޗާއި މައުނަވީ ތަކެއްޗެވެ. އަތްލެވޭ ތަރިކައާއި އަތްނުލެވޭ ތަރިކައެވެ. އަތްލެވޭ ތަކެތީގެ ތެރޭގައި ހިމެނެނީ އާސާރީ އިމާރާތްތަކާއި، ބިނާތަކާއި، ފޮތްތައް ފަދަ ތަކެއްޗެވެ. އަތްނުލެވޭ ތަރިކައިގެ ތެރޭގައި ހިމެނެނީ ދޫދޫމަތިން ދައުރުވަމުންދާ ވާހަކަތަކާއި ފޯކުލޯއާއި އިލްމާއި ކުޅިވަރުފަދަ ކަންކަމެވެ.

ސަގާފީ ތަރިކަ ރައްކާތެރިކުރުމަކީ ގައުމެއްގެ އައިޑެންޓިޓީ ދެމެހެއްޓުމަށް ކޮންމެހެން ވެސް ލާޒިމުކަމެކެވެ. އަންނާން އޮތް ޖީލުތަކާ ހަމައަށް ކާބަފައިންގެ މަސައްކަތްތަކާއި، ދިރިއުޅުމާއި، ގައުމުގައި ހިނގާފައިވާ ބޮޑެތި ހާދިސާތައް ފޯރުކޮށްދިނުމަށް ތަރިކަ ރައްކާތެރިކޮށް ޖީލުތަކާއި ހަމައަށް ފޯރުކޮށްދޭންޖެހެ އެވެ. އެހެން ނަމަވެސް، އަޅުގަނޑުމެން ދިވެހިންނަކީ ތާރީޚާއި ސަގާފަތާއި، ތަރިކަ ރައްކާތެރިކުރުމުގައި ވަރަށް ބޮޑަށް ޣާފިލުވެފައިވާ ބައެކެވެ. މިގައުމުގެ އެކި ވެރިކަންތަކުގައި ސަގާފީ ތަރިކަ ނެތިކޮށް ސުންނާފަތި ކޮށްލާފައިވާކަން ތާރީޚީ ފަތްފުށްތަކުން ފެންނާން އެބަހުއްޓެވެ. އެހެން ނަމަވެސް، މިހާރު ރާއްޖޭގައި ފެށިފައިމިވަނީ ސަގާފީ ތަރިކައާއި އާސާރީ ތަކެތި ފަނާކޮށްލުމުގެ މުޅިން އާ ބާބެކެވެ.

ގައުމުގެ ބައިތުލްމާލުގެ ފޫކަހައި، ނާޖާއިޒު މުއްސަނދިކަން ބަޔަކު ލިބިގަތުމަށް ފަހު، ދިވެހިންގެ ސަގާފަތާއި ތާރީޚުން ވެސް "ވައްކަން" ކުރަން ފެއްޓީ ހެއްޔެވެ؟ މިކުރަނީ ސުވާލެކެވެ. އާސާރީ މިސްކިތްތަކާއި ބިނާތައް ތަޅައި ސުންނާފަތިކޮށް، މަހާނަގަލާއި ޒިޔާރަތްތަކަށް ދަންދެން ފަނާކޮށްލަނީ އެވެ. ފުރަމާލޭގައި ހުންނަ  ސަގާފީ ތަރަކައިގެ މުހިންމު ބިނާތައް އެގޮތް މިގޮތަށް ބަދަލުކުރަނީ އެވެ. މިއީ ދިވެހިރާއްޖޭގެ މިހާރާއި އަދި މުސްތަގުބަލުން ވެސް ކުރާ ވައްކަމެއް ކަމަށް ބުނާ މީހުން މަދެއް ނޫނެވެ. މިއީ މިހާރުގެ ދިވެހިންނާއި، މާޒީވި ޖީލުތަކާއި އަދި އަންނާން އޮތް ޖީލުތަކަށް ވެސް ޣައްދާރުވާން ބޭނުން ވެގެން ކުރާ ކަމެއް ހެއްޔެވެ؟

ދިވެހިރާއްޖޭގެ ތާރީޚުގައި އެކި ރަސްރަސްކަމާއި ވެރިކަންތައް ފާއިތުވެ ހިނގައްޖެއެވެ. މާލޭގެ ބިމުގެ ދަތިކަން އެ ވެރިކަންތަކުގައި ވެސް އިންތިހާއަށް އޮތީ ދިމާވެފަ އެވެ. ނަމަވެސް، އޭގެން އެއްވެސް ވެރިކަމަކުން އަލިރަސްގެފާނުގެ ޒިޔާރަތް ސުންނާފަތިކޮށް އެތަނުގައި ޕަމްޕް ސްޓޭޝަނެއް ގާއިމުކުރާކަށް ނޫޅެއެވެ. ކަޅުވަކަރު މިސްކިތް 1980 ގައި ސަލްޓަން ޕާކުގައި ރޭވިފަހުން ފާއިތުވި ވެރިކަންތަކުން އެތަނުގައި އައިސް ރިންކެއް އަޅާކަށް ނޫޅެއެވެ. ބިހުރޯޒު ކަމަނާ މިސްކިތް ބިމާ ހަމަކޮށް، އޮފީސް އިމާރާތެއް އަޅާކަށް ނޫޅެ އެވެ. ހުކުރު މިސްކިތް ހުރިތަނުގައި ކެފޭ ހަދައި ނާޗަރަންގީ ކުޅެން ވިސްނާފައިވެސް ނެތެވެ.

އެހެން ނަމަވެސް، މި ސަރުކާރުން އެ ހުރިހާ ކަމެއްވެސް ކޮށްފި އެވެ. ދިވެހިންގެ ސަގާފީ ތަރަކައިގެ ތެރޭގައި ހިމެނޭ ގިނަ ބިނާތަކެއް ނެތިކޮށްލައިފި އެވެ. ގދ. ތިނަދޫއަށް ގެންދަން ކަމަށް ބުނެ ކަޅުވަކަރު މިސްކިތް ރޫޅާލި ގޮތަށް އެ މިސްކިތަށް ހެދި ގޮތެއް އެނގޭ މީހަކު ނެތެވެ. ޕޯޗުގީޒުންގެ އަޅުވެތިކަމުން ރާއްޖެ ސަލާމަތް ކުރެއްވި އައްސުލްތާނު މުހައްމަދު ތަކުރުފާނު ފަސްދާނު ލެވިފައިވާ ޒިޔާރަތް ހުންނަ ބިހުރޯޒު ކަމަނާ މިސްކިތް ތަޅާލައި، އޮފީސް އިމާރާތެއް އެޅުމުގެ މަސައްކަތް އެ ދަނީ ކުރަމުންނެވެ.  އަލިރަސްގެފާނުގެ ޒިޔާރަތުގައި އެވަނީ ޕަމްޕް ސްޓޭޝަނެއް ހަދާފަ އެވެ. މިވަރުން ނިމުނީއެއް ނޫނެވެ. ޔުނެސްކޯއިން އެކުލަވާލާފައިވާ ދުނިޔޭގެ ތަރިކައިގެ ވަގުތީ ލިސްޓުގައި ހިމެނޭ ރާއްޖޭގެ ހުކުރު މިސްކިތުގެ ލޭންޑްސްކޭޕް ބަދަލުކޮށް އެތަނުގައި ކެފޭއަށް އަޅަން އެ ވަނީ ހިފާފަ އެވެ. އެތަނަކީ ރާއްޖޭގެ މިނިވަންކަމުގެ ބަތަލު ރައީސް އިބްރާހިމް ނާސިރު ފަސްދާނުލެވިފައިވާ ތަނެވެ. ސަގާފަތާއި ތާރީޚަށް ވުރެ ކޮފީ ތައްޓާއި ކުޅިވަރު މުހިންމުކަން ވެރިންނަށް ބޮޑުވީމާ ގައުމަކަށް ވާނެ އެއްޗެއް މިވަނީ އެވެ.

އެހެން ނަމަވެސް، ހަނދާން ބަހައްޓަވާށެވެ. ފަނާ ކޮށްލަމުން ތިޔަ ގެންދަނީ ހަމައެކަނި އަހަރެމެން މި ޖީލުގެ ދިވެހިންގެ މުދަލެއް ނޫނެވެ. އެއީ ކާބަފައިންނާއި ކުރިމަގުގައި އުފަންވާނޭ ހުރިހާ ދިވެހި ދަރިންގެ މުދަލެވެ. އާސާރީ ތަކެއްޗަށް ތަރިކައޭ ކިޔަނީ އެއްޖީލުން އަނެއް ޖީލަށް ވާރުތަވާތީކަން ހަނދާން ބަހައްޓަވާށެވެ. ބައިތުލްމާލުން ވަގަށް ނަގާ ފައިސާތަކެއް އަނބުރާ ހޯދިދާނެ އެވެ. އެހެން ނަމަވެސް، އާސާރީ ތަރިކަ ނެތިކޮށްލަައިގެން ދޭ ގެއްލުމަކީ އަނބުރާ އިޔާދަ ކުރެވޭނެ ގެއްލުމެއް ނޫނެވެ. 

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 5 ދުވަަސް ކުރިން
ރިވިއު ކުރީ: ހުޝާމް މުހަޢްމަދް
- ކޮމެންޓް