ކ. މާލެ
|
27 ނޮވެންބަރ 2017 | ހޯމަ 11:46
ރާއްޖެޕްލަސް، ލައިސަންސް ބާތިލުކުރުމުގެ ސަބަބުން ކުންފުންޏަށް މާލީ ގެއްލުންތަކެއް ވަނީ ލިބިފައި
ރާއްޖެޕްލަސް، ލައިސަންސް ބާތިލުކުރުމުގެ ސަބަބުން ކުންފުންޏަށް މާލީ ގެއްލުންތަކެއް ވަނީ ލިބިފައި
ރިޒްނާ ޒަރީރު
ރާއްޖެޕްލަސް
ރާއްޖެޕްލަސްގެ ލައިސަންސް ބާތިލުކުރީ އުސޫލުތަކާ ޚިލާފަށް ކަމަށް ބުނެ ބްރޯޑްކޮމްއާ ދެކޮޅަށް ދައުވާ ކޮށްފި
ރާއްޖެޕްލަސްގެ ޚިދުމަތް ފެށީ ސެޕްޓެމްބަރު މަހުގެ 8 ވަނަ ދުވަހު
ރާއްޖެޕްލަސްގެ ލައިސަންސް ބާތިލުކުރީ އޮކްޓޯބަރު މަހުގެ 25 ވަނަ ދުވަހު
ބްރޯޑްކާސްޓިންގ ކޮމިޝަނުން ވަނީ ނިންމުން މުރާޖައާ ކުރުމަށް ދެކޮޅު ހަދާފަ

ރާއްޖެޕްލަސްގެ ނަމުގައި ހިންގަމުން އައި ޗެނެލްގެ ލައިސަންސް ބާތިލް ކޮށްފައިވަނީ، ގާނޫނީ އުސޫލުތަކާ ހިލާފަށް ކަމަށް ބުނެ ބްރޯޑްކާސްޓިންގ ކޮމިޝަނާ ދެކޮޅަށް ދައުވާ ކޮށްފި އެވެ.

ރާއްޖެޕްލަސް ހިންގާ، އާރް ޕްރޮޑަކްޝަން އިން ސިވިލް ކޯޓުގައި ދައުވާ ކޮށްފައިވަނީ، ބްރޯޑްކާސްޓިންގ ކޮމިޝަނުން އެ ޗެނަލުގެ ލައިސަންސް ބާތިލުކުރީ ޝަރުއީ އަދި ގާނޫނީ ހަމަތަކާއި އުސޫލުތައް ޚިލާފަށް ކަމަށް ބުނެ އެވެ.

ރާއްޖެޕްލަސްގެ ގާނޫނީ ވަކީލު މުހައްމަދު ނިޝާން ވިދާޅުވީ ސިވިލް ކޯޓުގައި ދައުވާކުރި މައްސަލަ އެ ކޯޓުން އާދިއްތަ ދުވަހު ބަލައިގަނެ ރަޖިސްޓްރީ ކޮށްފައިވާ ކަމަށެވެ.

"އަޅުގަނޑުމެން މި މައްސަލައިގައި އެދިފައިވަނީ، ލައިސެންސް ބާތިލުކުރީ ޝަރުއީ އަދި ގާނޫނީ އުސޫލުތަކާއި ޚިލާފަށް ވީމަ، ލައިސަންސް ބާތިލުކުރި ކުރުން ސައްޚަ ނޫން ކަމަށް ކަނޑައަޅައިދޭން،" ނިޝާން ވިދާޅުވި އެވެ.

މިއަހަރުގެ ސެޕްޓެމްބަރު މަހު 8 ވަނަ ދުވަހު ޚިދުމަތް ދޭން ފެށި، ރާއްޖެޕްލަސްގެ ލައިސަންސް ބާތިލުކުރީ އޮކްޓޯބަރު 25 ވަނަ ދުވަހު އެވެ.  

މުނިފޫހިފިލުވުމުގެ ޚަބަރާއި މައުލޫމާތާއި ޕްރޮގްރާމްތަކާއި، ފިލްމާއި ޑްރާމާ، އަދި ލަވަތައް ގެނެސްދޭ ގޮތަށް ފެށި ރާއްޖެޕްލަސްގެ ލައިސަންސް ބާތިލުކުރީ، އައިޕީ ޓީވީ މެދުވެރިކޮށް ހިދުމަތް ދިނުމަކީ، ބްރޯޑްކާސްޓް ކުރުމަށް އާރް ޕްރޮޑަކްޝަން އަށް ދޫކޮށްފައިވާ ލައިސަންސްގައި ބަޔާން ކޮށްފައިވާ "ސެޓެލައިޓް" މެދުވެރިކޮށް ހިދުމަތް ފެށުނު ކަމަށް ގަބޫލު ނުކުރާ ކަމަށް ބުނެ އެވެ.

ލައިސަންސް ބާތިލުކުރުމާއި ގުޅިގެން އާރް ޕްރޮޑަކްޝަނުން ނެރުނު ބަޔާނެއްގައިވާ ގޮތުގައި، ލައިސަންސް ބާތިލްކުރީ ކަނޑައެޅިފައިވާ މުއްދަތު ތެރޭގައި ޚިދުމަތް ފަށާފައިނުވާތީކަމަށް ބްރޮޑްކާސްޓިން ކޮމިޝަނުން ހާމަކުރިނަމަވެސް އެއީ ކަނޑައެޅިގެން ހަގީގަތާ ހިލާފު ވާހަކައެކެވެ. ބަޔާނުގައިވާ ގޮތުގައި، އެ ލައިސަންސަކީ، ކުރިން ޖޯޓެކް ޕްރައިވެޓް ލިމިޓެޑަށް ދޫކޮށްފައިވާ ލައިސަންސަކަށްވާއިރު، އެ ލައިސަންސްގެ ދަށުން ޖޯޓެކުން "ވައި ޓީވީ" ނަމުގައި ޗެނަލެއް ހިންގާފައިވެއެވެ.

އެގޮތުން، އާރް ޕްރޮޑަކްޝަން އަށް ވައި ޓީވީގެ ލައިސަންސްގެ ހައްގުތައް ބަދަލުކުރުމުގެ މާކުރިން، ވައި ޓީވީގެ ނަމުގައި އެ ލައިސަންސްގެ ދަށުން ދިޔައީ ބްރޯޑްކާސްޓް ކުރަމުންކަން ސާބިތު ކުރެވޭކަމަށަށް އެކުންފުނިން ބުނެ އެވެ.

އެ ކުންފުނިން ބުނާ ގޮތުގައި، ވައި ޓީވީގެ ނަމުގައި ދިގު މުއްދަތަކަށް ހިދުމަތް ދީފައިވާ ލައިސަންސްއެއް، މުއްދަތުގައި ހިދުމަތް ފަށާފައި ނުވާކަމަށް ކޮމިޝަނުން ބުނުމަކީ އެއްވެސް ހަމަޔަކުން ގަބޫލުކުރެވޭނެ ކަމެއް ނޫނެވެ.

ލައިސަންސްގެ ޝަރުތަކާ ހިލާފް ވުމަކީ ލައިސަންސް ބާތިލް ކުރެވޭނެ ކުށެއް ކަމަށް ކަނޑައަޅައި، ގާނޫނެއްގައި އަދި ގަވާއިދެއްގައިވެސް ބަޔާން ކޮށްފައިނުވާ ކަމާއި، ބްރޯޑްކާސްޓިންގް ގާނޫނުގައި ލައިސަންސްގެ ޝަރުތަކާ ޚިލާފް ވެއްޖެނަމަ އަޅަން ޖެހޭ ފިޔަވަޅުތައް ވަރަށް ސާފުކޮށް ބަޔާންކޮށްފައިވާކަން އެ ކުންފުނިން ފާހަގަކުރެ އެވެ.

ލައިސަންސް ބާތިލުކުރުމަށް ނިންމި ނިންމުން މުރާޖައާ ކޮށްދިނުމަށް އެކުންފުނިން ބްރޯޑްކާސްޓިންގ ކޮމިޝަނުގައި އެދުނެވެ. އެހެން ނަމަވެސް، އެ ނިންމުން މުރާޖައާ ކޮށްދިނުމަށް ކޮމިޝަނުން ވަނީ ދެކޮޅު ހަދާފަ އެވެ.

 

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: ހުޝާމް މުހަޢްމަދް
- ކޮމެންޓް