ކ. މާލެ
|
27 ނޮވެންބަރ 2017 | ހޯމަ 08:35
އަދީބުގެ މައްޗަށް ހިންގަމުންދާ ޝަރީއަތުގެ އަޑުއެހުމަކަށް ފަހު ދޫނިދޫއަށް ގެންދަނީ
އަދީބުގެ މައްޗަށް ހިންގަމުންދާ ޝަރީއަތުގެ އަޑުއެހުމަކަށް ފަހު ދޫނިދޫއަށް ގެންދަނީ
މުހައްމަދު ޝަރުހާން
އަދީބުގެ ބޭސްފަރުވާ
އަދީބުގެ ބޭސްފަރުވާއަށް ރާއްޖެއިން ބޭރަށް ގެންދިއުމުގެ މައްސަލަ ކޯޓުން ބަލައިގަނެފި
އަދީބުގެ އެތެރެހަށީގައި ސިސްޓެއް އުފެދިފައި، ގްލަކޮމާ ޖެހިފައި، ކިޑްނީގައި ހިލަ އުފެދިފައި
އަދީބު ފިއްލަވާފާނެ ކަމަށް ބުނެ ރާއްޖެއިން ބޭރަށް ނުފޮނުވަން ސަރުކާރުން ވަނީ ނިންމާފަ
ރައީސް ޔާމީން ވިދާޅުވެފައިވަނީ ފައިސާ ދެއްކެވުމަށްފަހު ބޭރަށް ވަޑައިގަންނަވަންވީ ކަމަށް

ކުރީގެ ނައިބު ނައިބު ރައީސް އަހުމަދު އަދީބުގެ ބޭސްފަރުވާއަށް ރާއްޖެއިން ބޭރަށް ގެންދިއުމުގެ އަމުރަކަށް އެދި ސިވިލް ކޯޓަށް ހުށަހެޅި މައްސަލަ އެ ކޯޓުން ބަލައިގަނެފި އެވެ.

އަދީބުގެ ބޭސްފަރުވާއަށް ރާއްޖެއިން ބޭރަށް ގެންދިއުމުގެ އަމުރަކަށް އެދި ސިވިލް ކޯޓަށް މައްސަލަ ހުށަހެޅީ ސެޕްޓެމްބަރު މަހުގެ ތެރޭގަ އެވެ. މައްސަލަ ބަލައިގަތުން ދެ މަސް ދުވަހަށް ލަސްވެގެން ދިޔައީ، މައްސަލައިގެ ލިޔެކިޔުންތައް އިސްލާހުކުރަން ޖެހުމުންނެވެ.

އެ މައްސަލައިގައި އެދިފައިވަނީ، ބޭސްފަރުވާއަށް ރާއްޖެއިން ބޭރަށް އަދީބު ފޮނުވައިދިނުމަށް ކަރެކްޝަނާއި ދައުލަތުގެ އެންމެހާ އިދާރާތަކުގެ މައްޗަށް އަމުރުކޮށްދިނުމަށެވެ. 

އަދީބުގެ ސިއްހީ ހާލުކޮޅު ދެރަވެ ފުރާނައަށް ގެއްލުން ވެދާނެ ކަމަށް ޑޮކްޓަރުންނާއި ހަވާލާދީ އާއިލާ އާއި ވަކީލުން ދަނީ ބުނަމުންނެވެ. އަދީބުގެ އެތެރެހަށީގައި ސިސްޓް އުފެދިފައިވުމާއި ލޮލަށް ގްލަކޮމާ ޖެހިފައިވުމާއި ކިޑްނީގައި ހިލަ އުފެދިފައިވާ ކަމަށް އާއިލާ އާއި ވަކީލުން ދަނީ ބުނަމުންނެވެ. 

މެއި މަހުގެ ތެރޭގައި އެ މައްސަލަ ވަނީ އެޗްއާރްސީއެމަށް ވެސް ހުށަހަޅާފަ އެވެ. އަދީބުގެ އާއިލާއިން އެޗްއާރްސީއެމަށް ފޮނުވި ސިޓީގައި ބުނެފައި ވަނީ އަދީބުގެ ސިއްހީ ހާލަތާ ގުޅިގެން އެކަމުގައި ޒިންމާ ނަގަންޖެހޭ ހުރިހާ މުއައްސަސާއެއްގެ ސަމާލު ކަމަށް އެކަަންކަން ގެނެސްފައިވާ ކަމަށާއި އެހެން ނަމަވެސް އަދީބުގެ ބޭސްފަރުވާގެ ޒިންމާ އެއްވެސް މުއައްސަސާއަކުން އުފުލާނެ ކަމަށް އަންގާފައިނުވާ ކަމަށެވެ.

އަދީބަށް އިތުރު ފަރުވާ ދިނުމަށް ވީހާވެސް އަވަހަކަށް ރާއްޖެއިން ބޭރަށް ގެންދިއުމަށް ޑޮކްޓަރުން ލަފާދީފައިވާއިރު، ސަރުކާރުން ވަނީ އެ ހުއްދަ އަދީބަށް ނުދިނުމަށް ނިންމާފަ އެވެ. ސަރުކާރުން ބުނަމުން ދަނީ އަދީބު ފިއްލަވާފާނެ ކަމަށާއި، އަދީބު ފިއްލަވައިފިނަމަ ދައުލަތަށް ލިބެންޖެހޭ ފައިސާ ނުލިބޭނެ ކަމަށެވެ.

އަދީބުގެ ލޯޔަރުން ވިދާޅުވަމުން ގެންދަވަނީ ސަރުކާރުން އަދީބު ރާއްޖެއިން ބޭރަށް ނުފޮނުވާ ހިފެހެއްޓުމަކީ ޤާނޫނީ އިމުން ބޭރުން ކުރާ ކަމެއް ކަމަށެވެ.

އަދީބުގެ އަނބިކަނބަލުން މަރިޔަމް ނަޝްވާ ވިދާޅުވެފައި ވަނީ ދެ އަހަރު ވަންދެން އަދީބު އެކަހެރިކޮށްފައި ބޭއްވުމަކީ އެންޓި ޓޯޗަރ ގާނޫނާ ޚިލާފު ކަމެއްކަމާއި މެދު ޝައްކެއް ނެތް ކަމަށެވެ. ނަޝްވާ ވިދާޅުވީ އެކަހެރިކޮށްފައި ބާއްވާފައިވާއިރު، ބޭސްފަރުވާކުރުމުގެ ހައްގު އަދީބުގެ ކިބައިން ނިގުޅައިގަނެފައިވުމަކީ އިންތިހާއަށް ކަންބޮޑުވާ ކަމެއް ކަމަށެވެ. 

އެހެން ނަމަވެސް، ރާއްޖެއިން ބޭރަށް ފޮނުވައިފިނަމަ އަދީބު ފިއްލަވާފާނެ ކަމަށް ބުނެ ސަރުކާރުން ވަނީ ރާއްޖެއިން ބޭރަށް އަދީބު ގެންދިއުމުގެ ހުއްދަ ނުދޭން ނިންމާފަ އެވެ. ސަރުކާރުން ބުނަމުންދަނީ، އަދީބު ފިއްލަވައިފިނަމަ ދައުލަތުން ގެއްލުނު ފައިސާ އަނބުރާ ނުލިބޭނެ ކަމަށެވެ.

އަދީބުގެ ބޭސްފަރުވާއާ ގުޅޭ ގޮތުން ރައީސް އަބްދުﷲ ޔާމީން ވިދާޅުވެފައިވަނީ، ދައުލަތުން އަދީބު ނެންގެވި ހުރިހާ ފައިސާއެއް އަނބުރާ ދެއްކެވުމަށް ފަހު، އަދީބު ރާއްޖެއިން ބޭރަށް ބޭސްފަރުވާއަށް ވަޑައިގަންނަވަންވީ ކަމަށެވެ. 

ރިޔާސީ ލޯންޗުކޮޅުގައި އެއްޗެއް ގޮއްވާލި ކަމަށް ބުނެ އަދީބު ހައްޔަރު ކޮށްފައިވަނީ 2015 ވަނަ އަހަރުގެ އޮކްޓޯބަރު 24 ވަނަ ދުވަހު އެވެ. ރާއްޖެއިން ބޭރުގައި ހުންނެވުމަށް ފަހު ރާއްޖެ ވަޑައިގެން ފްލައިޓުން ފައިބާވަޑައިގަތުމާއެކު އަދީބު ހައްޔަރުކުރިއިރު، މިއަދާ ހަމައަށް ވެސް އަދީބު ބަންދުކޮށްފައި ވަނީ އެހެން ގައިދީންނާ އެކަހެރިކޮށެވެ.

ތިން މައްސަލައެއްގައި 33 އަހަރުގެ ޖަލު ހުކުމްތަކެއް އަދީބުގެ މައްޗަށް އިއްވާފައިވާއިރު، ޖަލު ހުކުމް ތަންފީޒް ކުރާ އެހެން ގައިދީންނާއި ޚިލާފަށް އަދީބު ބަންދުކޮށްފައިވަނީ ފުލުހުން ޑިޓެންޝަން ސެންޓަރެއްގެ ގޮތުގައި ބޭނުންކުރާ ދޫނިދޫގަ އެވެ. އަދީބުގެ މައްޗަށް އިތުރު 13 ދައުވާއެއް އުފުލާފައިވާއިރު އެ މައްސަލަތަކުގެ ޝަރީއަތް ކޯޓުގައި ދަނީ ހިންގަމުންނެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: މިއުވާން މުހައްމަދު
- ކޮމެންޓް