ކ. މާލެ
|
27 ނޮވެންބަރ 2017 | ހޯމަ 08:56
ނިއުރޭޑިއަންޓުން ހަވަނަ ފަހަރަށް ލީގުގެ އައްޑަނަ އުފުލާލަނީ
ނިއުރޭޑިއަންޓުން ހަވަނަ ފަހަރަށް ލީގުގެ އައްޑަނަ އުފުލާލަނީ
އިމޭޖަސް.އެމްވީ
ދިވެހި ޕްރިމިއާ ލީގު
ދެ އަހަރަށްފަހު މާޒިޔާ ބަލިކޮށް ނިއު ލީގުގެ އައްޑަނަ އުފުލާލައިފި
މިއީ ނިއު އިން ލީގުގެ އައްޑަނަ އުފުލާލި ހަވަނަ ފަހަރު

އުރީދޫ ދިވެހި ޕްރިމިއާ ލީގުގައި ދެ އަހަރަށްފަހު އެންމެ ފަހުގެ ޗެމްޕިއަން މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން ބަލިކޮށް ނިއުރޭޑިއަންޓް ސްޕޯޓްސް ކްލަބުން ލީގުގެ އައްޑަނަ އުފުލާލައިފިއެވެ.

ލީގުގެ ފަހު މެޗުގައި އާދީއްތަ ދުވަހުގެ ރޭ މާޒިޔާއާގެ މައްޗަށް ނިއު ކުރިހޯދީ 0-2 ގެ ނަތީޖާއިންނެވެ. މިއީ 2015 ވަނަ އަހަރަށްފަހު މާޒިޔާގެ މައްޗަށް ނިއުއަށް ކުރިހޯދުނު ފުރަތަމަ ފަހަރެވެ.

ނިއު އާއި މާޒިޔާ ބައްދަލުކުރި މެޗު ފެށިގެން ބޯޅަ ކޮންޓްރޯލްކޮށްގެން ރަނގަޅަށް ކުޅެމުންދިޔައީ މާޒިޔާއިންނެވެ. އެގޮތުން އެޓީމުން ވަނީ ނިއުގެ ހާފަށް ބާރުބޮޑުކޮށް ލަނޑު ޖެހުމަށް ފުރުސަތުތަކެއް ތަނަވަސްކޮށްފައެވެ.

މާޒިޔާގެ އިތުރުން ނިއު އަށް ވެސް ވަނީ ފުރަތަމަ ހާފްގައި ލަނޑު ޖެހުމަށް ހުސް ފުރުސަތުތަކެއް ލިބިފައެވެ. އެހެންނަމަވެސް ފުރަތަމަ ހާފް ނިމުނީ ދެޓީމުންކުރެ ޓީމަކަށްވެސް ލަނޑެއް ނުޖެހި އެއްވަރުވެގެންނެވެ.

ދެވަނަ ހާފް ފެށިގެން މާގިނައިރުތަކެއް ނުވަނީސް ނިއު އިން ވަނީ މެޗުގެ ލީޑު ނަގާފައެވެ. މި ލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ ސްޕެއިންގެ ފޯވާޑް އެޑްރިއަން ގަލާޑޯއެވެ. މި ލަނޑާއެކު އޭނާ ވަނީ ލީގުގައި 20 ލަނޑު ހަމަކޮށް، އެންމެ ގިނަ ލަނޑު ޖެހި ކުޅުންތެރިޔާގެ މަގާމު ހޯދާފައެވެ. މިއީ ގަލާޑޯ ނިއު އަށް ކުޅުނު ފަހު މެޗެވެ.

މި ލަނޑަށްފަހު ނިއު އިން އެޓީމުގެ ކުޅުން އިތުރަށް ވަރުގަދަކުރިއެވެ. އެގޮތުން ފުލުފުލުގައި މާޒިޔާގެ ހާފަށް އެޓީމުން ބާރުބޮޑުކުރަމުންދިޔައިރު، މެޗު ނިމެން ފަސް މިނެޓަށްވެފައިވަނިކޮށް އަލީ އަޝްފާގު (ދަގަނޑޭ) ވަނީ އެޓީމަށް ލީޑު ފުޅާކޮށްދީފައެވެ. މެޗުގެ މޮޅު ކުޅުންތެރިޔަކަށް ހޮވުނީވެސް ދަގަނޑޭއެވެ.

މި ނަތީޖާއާއެކު ލީގުގައި ނިއު ވަނީ ޖެހިޖެހިގެން 12 މޮޅު ހަމަކޮށް، ޕޮއިންޓް ތާވަލުގައި 39 ޕޮއިންޓް ހަމަކޮށްފައެވެ. ލީގުގެ ދެވަނަ ޓީސީން ހޯދީ 32 ޕޮއިންޓާއެކުގައެވެ. ތިންވަނަ 27 ޕޮއިންޓާއެކު މާޒިޔާ އޮތްއިރު، 18 ޕޮއިންޓާއެކު ހަތަރުވަނައިގައި އޮތީ ތިނަދޫއެވެ. ފަސްވަނަ 16 ޕޮއިންޓާއެކު ގްރީން ސްޓްރީޓްއަށް ލިބުނު އިރު، 14 ޕޮއިންޓާއެކު ހަވަނަ ލިބުނީ މިލަންދޫއަށެވެ. ހަތްވަނަ އަށް ނުވަ ޕޮއިންޓާއެކު މާޅޮސް ދިޔައިރު، 8 ވަނަ ލިބުނީ ތިން ޕޮއިންޓާއެކު ކުޑަހުވަދޫއަށެވެ.

މިއީ ލީގުގެ އައްޑަނަ ނިއު އިން އުފުލާލި ހަވަނަ ފަހަރެވެ. މިއާއެކު އެޓީމު ވަނީ ތާރީހުގައި ދިވެހި ލީގު އެންމެ ގިނައިން އުފުލާލި ޓީމަށްވެގެން ގޮސްފައެވެ. ނިއުގެ ފަހަތުން އެންމެ ގިނައިން ލީގު އުފުލާލާފައިވަނީ ވެލެންސިއާއިންނެވެ. އެޓީމުން ވަނީ ފަސް ފަހަރު ލީގު އުފުލާލާފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 23 ގަޑިއިރު ކުރި
ރިވިއު ކުރީ: އަޒުމޫން އަހުމަދު
- ކޮމެންޓް