ކ. މާލެ
|
26 ނޮވެންބަރ 2017 | އާދީއްތަ 14:00
ޖަޕާނުގެ ޕާލަމެންޓްރީ ވައިސް މިނިސްޓަރ އިވާއޯ ހޯރީ (ވ) ރައީސް އަބްދުﷲ ޔާމީންއާ ބައްދަލުކުރައްވަނީ
ޖަޕާނުގެ ޕާލަމެންޓްރީ ވައިސް މިނިސްޓަރ އިވާއޯ ހޯރީ (ވ) ރައީސް އަބްދުﷲ ޔާމީންއާ ބައްދަލުކުރައްވަނީ
ރައީސް އޮފީސް ޓްވިޓާ
ރައީސް ޔާމީން
ޖަޕާނުގެ ޚާރިޖީ ވުޒާރާގެ ޕާލަމެންޓްރީ ވައިސް މިނިސްޓަރ ރައީސް ޔާމީންއާ ބައްދަލުކުރައްވައިފި
ރާއްޖެއާ ޖަޕާނުގެ ގުޅުމަށް 50 އަހަރުވަނީ ވެފައި

ޖަޕާނުގެ ޕާލަމެންޓްރީ ވައިސް މިނިސްޓަރ ފޮރ ފޮރިން އެފެއާރޒް އިވާއޯ ހޯރީ ރައީސް އަބްދުﷲ ޔާމީންގެ އަރިހަށް އިހްތިރާމްގެ ޒިޔާރަތެއް ކުރައްވައިފިއެވެ.

އާދިއްތަ ދުވަހު ހެނދުނު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވި މި ބައްދަލުވުމުގައި ރައީސް ޔާމީން ވަނީ ޖަޕާނުގެ ބޮޑުވަޒީރު ޝިންޒޯ އަބޭއަށް ހެޔޮ އެދުންތައް ފޮނުއްވާފައެވެ. އަދި ރާއްޖޭގެ ތަރައްޤީއަށް ޖަޕާނުން ވެދެއްވާ އެހީއަށް ޝުކުރު އަދާކުރެއްވިއެވެ. އަދި ޖަޕާނަކީ ރާއްޖޭގެ ތަރައްޤީގެ ބައިވެރިއެއްކަން ފާހަގަކުރައްވަމުން، ދެޤައުމުގެ ގުޅުމަށް 50 އަހަރު ފުރުމުގެ މުނާސަބަތުގައި ރައީސް ޔާމީން ވަނީ ޖަޕާނު ސަރުކާރަށް ހެޔޮ އެދުންތައް ފޮނުއްވާފައެވެ.

މިބައްދަލުވުމުގައި ދެބޭފުޅުންވެސް ވަނީ ރާއްޖެއަށް ޖަޕާނުގެ ފަތުރުވެރިން އިތުރަށް ގެނައުމާ ގުޅޭ ގޮތުންނާއި، ރާއްޖޭގައި ޖަޕާނުގެ ކުންފުނިތަކަށް ހުރި އިންވެސްޓްމަންޓް ފުރުސަތުތަކާއި އަދި ކައުންޓަރ ޓެރަރިޒަމްގެ ދާއިރާގައި ގުޅިގެން މަސައްކަތް ކުރުމާއި ގުޅޭގޮތުން މަޝްވަރާ ކުރައްވާފައެވެ. އަދި މީގެ އިތުރުން މަސްވެރިކަމާއި، މޫސުމަށް އަންނަމުންދާ ބަދަލުތަކާއި، ތަރައްޤީގެ މަޝަރޫޢުތަކާއި ގުޅޭގޮތުން ދެބޭފުޅުން މަޝްވަރާކުރެއްވިއެވެ.

މިބައްދަލުވުމުގައި ޚާރިޖީ ވަޒީރު ޑރ މުހައްމަދު އާސިމް އާއި، ރައީސް އޮފީހުގެ ޚާރިޖީ ގުޅުންތަކާއި ބެހޭ ސްޓޭޓް މިނިސްޓަރ މުހައްމަދު ނަސީރުގެ އިތުރުން ޚާރިޖިއްޔާގެ ބައިލޭޓަރަލް ސެކްރެޓަރީ އަހުމަދު ޚަލީލް ބައިވެރިވެވަޑައިގަތެވެ. އަދި ޖަޕާނުގެ ވައިސް މިނިސްޓަރުގެ އަރިހުގައި ޖަޕާނުން ރާއްޖެއަށް ކަނޑައަޅާފައިވާ ސަފީރު ކަޒޫމީ އެންޑޯ އާއި، ޖަޕާނުގެ ޚާރޖީ ވުޒާރާގެ ހުޅަނގު ދެކުނު އޭޝިއާ ޑިވިޝަންގެ ޑިރެކްޓަރު ޔޮޝިޓަކެ ޝޮގޯ ބައިވެރިވެވަޑައިގަތެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: ހުޝާމް މުހަޢްމަދް
- ކޮމެންޓް