ކ. މާލެ
|
26 ނޮވެންބަރ 2017 | އާދީއްތަ 05:27
ޢަބްދުއް ރަހީމް: އިދިކޮޅު ފަރާތްތަކަށް ވަރަށް ބޮޑަށް ފާޑު ވިދަާޅުވި
ޢަބްދުއް ރަހީމް: އިދިކޮޅު ފަރާތްތަކަށް ވަރަށް ބޮޑަށް ފާޑު ވިދަާޅުވި
ރައީސް އޮފީސް
ޕީޕީއެމް ޖަލްސާ
ފަޓާސް ބަރިއެއްހެން ތިނަދޫ ތަރައްޤީ ކުރަނިކޮށް ބަޔަކު ޣައްދާރުވީ މިނިވަންކަން ފުނޑާލަން:އަބްދުއް ރަހީމް
ބަނދަރު ބުނެފައިވަނީ ރޮއެރޮއެ ކަރުން ހަން ހިނގައްޖެކަމަށް
އެމީހުން ރައީސް ޔާމީން ދޫކޮށްލީ މިރާއްޖެއިން އިސްލާމީ ވަހުދަތު ނަގާލަން
އިދިކޮޅު ޖަލްސާގައި ބޭއްވީ 316 މީހުން. 140 ަށްވުރެ ގިނަ މީހުންނަކީ މާލޭ މީހުން

ގދ ތިނަދޫ މަގުތައް ބުނަމުން ދަނީ ދެމީހަކު ޣައްދާރު ވުމަކުން މުޅި ތިނަދޫ ޣައްދާރުވިކަމަށް ނުބައްލަވާށޭ ރައީސް ޔާމީން ގާތު ބުނެދިނުމަށް ކަމަށާއި ފަޓާސް ބަރިއެއްހެން ތިނަދޫ ތަރައްޤީ ކުރަނިކޮށް ބަޔަކު ޣައްދާރުވީ މިނިވަންކަން ފުނޑާލަން ކަމަށް ޕީޕީއެމްގެ ރައީސް ޔާމީން ފެކްޝަންގެ ނައިބު ލީޑަރު ޢަބްދުއް ރަހީމް ޢަބްދުﷲ ވިދާޅުވެއްޖެއެވެ.

 

ޕީޕީއެމްއިން ގދ ތިނަދޫގައި ހޮނިހިރު ދުވަހުގެރޭ ބޭއްވި ހެއްޔޯސާ ޖަލްސާގައި ވާހަކަ ދައްކަވަމުން
ފޮނަދޫ ދާއިރާގެ މެންބަރުކަންވެސް ކުރައްވާ އަބްދުއްރަހީމް ވިދާޅުވީ ތިނަދޫއަށް ވަޑައިގެން އެރަށަށް ފައިބަން ދިމާކޮށްލެއްވުމުން، އެރަށު ބަނދަރު ބުނެފައިވަނީ ލަދުން އިސްދަށަށް ޖަހައިގެން އޮތް ކަމަށާއި ރޮއެރޮއެ ކަރުން ހަން ހިނގައްޖެ ކަމަށެވެ. އަދި ބަނދަރު އޮތީ ރައީސް ޔާމީނާއި ސަރުކާރާއި އެކުކަމަށާއި ރައީސް ޔާމީނަށް ވެދުން ސަލާމް ދަންނަވައި ދިނުމަށް ޢަބްދުއް ރަހީމް ގާތު އެބަނދަރު އެދުނު ކަމަށެވެ.
ރައީސް މައުމޫނުގެ ތާއީދާއެކު ރައްޔިތުންގެ މަޖިލީހަށް ވަޑައިގެންނެވުނު ކަމަށް ގިނަ ބަޔަކު ބުނާ ޢަބްދުއް ރަހީމް ވިދާޅުވީ ތިނަދޫ މަގު ބުނަނީ ދެ މީހަކު ޣައްދާރުވިޔަސް ތިނަދޫ ޣައްދާރުވިކަމަށް ނުބެއްލެވުމަށް ރައީސް ޔާމީނަށް ދަންނަވައިދިނުމަށް ކަމަށެވެ.

ވައްކަމުގެ މައްސަލައެއްގައި 12 އަހަރަށް އަރުވާލާފައިވާ ޢަބްދުއް ރަހީމް ވިދާޅުވީ ބުރާސްފަތި ދުވަހުގެ ރޭ އިދިކޮޅު ޕާޓީތަކުން ތިނަދޫގައި ބޭއްވި ޖަލްސާގައި ބައިވެރިވީ 316 މީހުންކަމަށާއި އޭގެ ތެރެއިން 140 އަށް ވުރެ ގިނަ މީހުންނަކީ މާލެއިން ދިޔަ މީހުންކަމަށެވެ. އަދި ހޮނިހިރު ދުވަހުގެރޭ  ޕީޕީއެމްއިން ބޭއްވި ޖަލްސާގައި ބައިވެރިވި މީހުން ގިނަކަމުން އިށީންނާނެ އިންތިޒާމު ހަމަޖައްސައި ނުދެވުނު ކަމަށާއި އެކަމާ މައާފަށް އެދޭކަމަށް އަބްދުއްރަހީމް ވިދާޅުވިއެވެ.

މީގެއިތުރުން ޢަބްދުއް ރަހީމް ވަނީ، ފަޓާސް ބަރިއެއްހެން ތިނަދޫގެ ތަރައްޤީ ކުރިއަށް ދަނިކޮށް ޤައުމަށް ޣައްދާރުވެ އަމިއްލަ އެދުން ކޮނޑު އަޅައިގެން ދިވެހިރާއްޖެ ބިދޭސީ ބައެއްގެ އަތްމައްޗަށް ދޫކޮށްލަން ރައީސް ޔާމީނާ ޕީޕީއެމް ދޫކޮށްލާފައި ވަޑައިގަތީ ކީއްކުރަންތޯ ކަމަށް ވިދާޅުވެ ކޮންމެވެސް ބަޔަކަށް ފާޑު ވިދާޅުވެފައެވެ. ވަކި މީހެއްގެ ނަން ޢަބްދުއް ރަހީމް ވިދާޅު ނުވިނަމަވެސް އެއިޝާރާތް ކުރައްވަނީ ރައީސް ޔާމީންގެ ފެކްޝަން ދޫކޮށްލައްވާ ގުޅިފައިވާ ޕާޓީތަކުގެ ހަރަކާތައް ވަޑައިގެންނެވި ތިނަދޫގެ ދެދާއިރާއަށް ނިސްބަތްވާ ރައްޔިތުންގެ މަޖިލީހުގެ ދެމެންބަރުންނަށް ކަމަށް ބެލެވެއެވެ.

" ފަޓާސް ބަރިއެއްހެން މިރަށުގެ ތަރައްޤީ ކުރިއަށް ދަނިކޮށް ދެން ކީއްކުރަންތޯ ޕީޕީއެމް ދޫކޮށްލާފައި، ރައީސް ޔާމީން ދޫކޮށްލާފައި މިވަޑައިގަތީ. ޤައުމަށް ޣައްދާރުވެގެން، އަމިއްލަ އެދުން ކޮނޑު އަޅައިގެން، ދިވެހިރާއްޖެ ބިދޭސީ ބައެއްގެ އަތްމައްޗަށް ދޫކޮށްލަން. މިރާއްޖެއިން އިސްލާމީ ވަހުދަތު ނަގާލަން. މިރާއްޖޭގެ މިނިވަންކަން ފުނޑާލަން. މިރާއްޖޭގެ ސިޔާދަތު ގެއްލުވާލަން. މިރާއްޖޭގެ މިނިވަންކަން ނަގާލަން ނޫނިއްޔާ ކީއްކުރަންތޯ ވަޑައިގަތީ." ޢަބްދުއް ރަހީމް ވިދާޅުވިއެވެ.

ރައީސް ޔާމީންގެ ރަން ތިރީސް އަހަރުގެ ވާހަކަ ކުރިން އެންމެ ގިނައިން ދެއްކެވި އެއް ބޭފުޅާ ކަމުގައިވާ ޢަބްދުއް ރަހީމް ވަނީ، ތިނަދޫގެ ތަރައްޤީއަކީ ރައްޔިތުންގެ ފައިސާއިން ގެނެސްފައިވާ ތަރައްޤީއެއް ކަމަށް ބަޔަކު ބުނާއިރު އެމީހުންގެ ސަރުކާރަށް މިތަރައްޤީ ނުގެނެވުނީ ކީއްވެތޯ ސުވާލު އުފައްދަވާފައެވެ. އަދި އެބޭފުޅުންނަށް އެތަރައްޤީ ގެންނާކަށް ނޭގޭނެ ކަމަށާއި ފައިސާ ހޯދަންވެސް އެބޭފުޅުންނަށް ނޭނގޭނެ ކަމަށްވެސް ޢަބްދުއް ރަހީމް ވިދާޅުވިއެވެ. މީގެ އިތުރުން ވިދާޅުވީ އެކަން އެނގިވަޑައިގަންނަވަނީ ރައީސް ޔާމީނަށް އެކަނި ކަމަށެވެ.  

އަބްދުއްރަހީމް ހޮނިހިރު ދުވަހުގެރޭ ވިދާޅުވީ، ތިނަދޫގައި ޕީޕީއެމްގެ ހަރަކާތްތައް ދެން މިފެށިގެން ދިޔައީ ކަމަށާއި ކޮންމެ ހަފްތާއަކު އެއްފަހަރު ޕީޕީއެމްގެ ވަފުދެއް ދެން ތިނަދޫއަށް ޒިޔާރަތް ކުރާނެ ކަމުގައެވެ.

ޕީޕީއެމުން ހޮނިހިރު ދުވަހުގެރޭގެ ޖަލްސާއަށް ގއ އާއި ގދ ގެ އިތުރުން ލ އަތޮޅާއި ފުވައްމުލަކުންވެސް ބަޔަކު ގެނެސްފައިވާ ކަމުގެ އަޑުތައް ވަނީ ފެތުރިފައެވެ. އަދި ކޫއްޑޫ ފަދަ ސަރުކާރުގެ ވަޒީފާ ތަކުގައި ތިބި މީހުން ގެނެސްފައިވަނީ ބިރު ދައްކައިގެން ކަމަށްވެސް ވަނީ އަޑު ފެތުރިފައެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: އަޒުމޫން އަހުމަދު
- ކޮމެންޓް