ކ. މާލެ
|
26 ނޮވެންބަރ 2017 | އާދީއްތަ 05:35
ގިނަ އަދަދަކަށް ދޯންޏަކުން މަސްބާނައިގެން: މަސްކިރުން ވަރަށް ދަތި
ގިނަ އަދަދަކަށް ދޯންޏަކުން މަސްބާނައިގެން: މަސްކިރުން ވަރަށް ދަތި
އަހުމަދު މުހުސިނު
މަސްވެރިންގެ ނުރުހުން
މަސްވެރިކަން ރަނގަޅުވި ވަގުތު މަސް ނުކިރުމުގެ ޝަކުވާ ކުރަން ފަށައިފި
ކުޅުދުއްފުށީގައި ހޮނިހިރު ދުވަހު މަސްކިލޯއެއް 10 ރުފިޔާއަށް
ފެލިވަރު ބަދަރުގައި ކިއޫގައި 80 ޓަނު މަހާއެކު 17 ދޯންޏެއް މަސް ނުކިރި
ފެލިވަރު ވަނީ ފުލްވެފައި ކަމަށް ބުނޭ

މުޅި ރާއްޖެއަށް މަސްވެރިކަން ރަނގަޅުވެ ގިނަ އަދަދަކަށް މަސްބާނަމުންދާ މިދުވަސްވަރުގައި މަސް ނުކިރުމުގެ ޝަކުވާ އިތުރުވެއްޖެއެވެ.

ރާއްޖެ އެމްވީއަށް ކުޅުދުއްފުށިން ވާހަކަ ދެއްކި މީހަކު ބުނީ އުތުރުގެ އަތޮޅުތަކަށް މިދުވަސްވަރަކީ މަސްވެރިކަން ވަރަށް ރަނގަޅު ދުވަސްވަރެއް ކަމަށާއި ގިނަ އަދަދަކަށް މަސް ބާނަމުންދާ ކަމަށެވެ. ނަމަވެސް މަސްވެރިން ބާނާ މަސްކޮޅު ކިރުވޭނޭ ގޮތެއް ނެތް ކަމަށާއި ހދ އަތޮޅުގައި މިފްކޯގެ އެންމެ ބޯޓެއްވެސް މިވަގުތު ނެތްކަމަށް އޭނާ ބުންޏެވެ.

އޭނާ ބުނީ މަސްކޮޅު ނުކިރުވުމުގެ ސަބަބުން މަސް ވިއްކަމުންދަނީ ނުއަގުގައި ކަމަށާއި ހޮނިހިރު ދުވަހުވެސް ކުޅުދުއްފުށީގައި މަސްވިއްކާފައި ވަނީ ކިލޯއަކަށް އެންމެ 10 ރުފިޔާގެ ރޭޓުން ކަމަށެވެ. އަދި މަސް ކުދި ކަމުގެ މައްސަލަ ކުރިމަތިވެ ރަނގަޅު އަގު ނުލިބޭތީ މަސްކޮޅު އުކާލި ކަމަށް ބުނިނަމަވެސް މިދުވަސްވަރު ބާނަމުންދަނީ ބޮޑެތި މަސް ކަމަށާއި އެވްރެޖްކޮށް މަހެއްގައި 7 ކިލޯވަރު ހުންނަ ކަމަށެވެ.

އަހަރުގެ ބޮޑުބައި މަސްވެރިކަމުގައި އެހާ ރަނގަޅު ނުވެ އޮތުމަށްފަހު މަސްވެރިކަން ތިޔާގިވި ދުވަސްވަރު ބާނާ މަސްކޮޅު ނުކިރި ނުއަގުގައި ވިއްކަން ޖެހޭތީ މަސްވެރިން ތިބީ ވަރަށް ބޮޑަށް ކަންބޮޑުވެފައި ކަމަށްވެސް އޭނާ ބުންޏެވެ.

ޅ އަތޮޅުން ވާހަކަ ދެއްކި މީހަކު ބުނީ އެއަތޮޅުގައިވެސް މިދުވަސްވަރު މަސްވެރިކަން ވަރަށް ރަނގަޅު ކަމަށާއި އެހެންނަމަވެސް އެއަތޮޅުން ބާނާ މަސްކޮޅުވެސް ކިރުވޭނެ ގޮތެއް ނެތި އެތައް ދޯންޏެއް ކިއޫގައި އެބަތިބި ކަމަށެވެ.

ހުވަދު އޮތޮޅުގެ މަސްވެރިއަކު ބުނީ އެސަރަހައްދުގައިވެސް މަސްވެރިކަން ރަނގަޅު ކަމަށާއި އެންވެރިކަން ރަނގަޅު ނުވުމުގެ ސަބަބުން ޅ އަތޮޅަށް އައިސް މަސްވެރިކަން ކުރަމުންދާ ކަމަށެވެ. ނަމަވެސް އެހާދުރުން އެއަތޮޅަށް ގޮސް ތިބި ނަމަވެސް ބާނާ މަސްކޮޅު ކިރުވޭނޭ ގޮތެއް ނެތުމުން ހިތާމަ ކުރާކަމަށް އޭނާ ބުންޏެވެ.

ޅ އަތޮޅަށް މަސްވެރިކަމަށް ގޮސް އުޅޭ ގއ ކޮލަމާފުށީ ދޯންޏަކުން ވާހަކަ ދެއްކި އެމީހާ ބުނީ ހޮނިހިރު ދުވަހުވެސް ފެލިވަރަށް މަސްކިރަން ކިއޫގައި 17 ދޯންޏެއް 80 ވަރަކަށް ޓަނު މަހާއެއްކޮށް އޮތް ކަމަށެވެ.

ގެމަނަފުށި މަސްދޯންޏަކުން ވާހަކަ ދެއްކި މީހަކު ބުނީ މާލެ ކައިރިން ބޭނި 11 ޓަނުމަސް ކިރޭނެ ގޮތެއް ނެތި ފެލިވަރަށް ގުޅިކަމަށާއި ނަމަވެސް 2 ދުވަސް ވީއިރުވެސް މަސް ނުކިރިގެން ދޯނިތައް ކިއޫގައި އެބަތިބި ކަމަށެވެ. އަދި ފެލިވަރު މިވަގުތު އޮތީ ފުލްވެފައި ކަމަށާއި މިވަގުތު މަސްގަނެވެން ނެތް ކަމަށެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: އަޒުމޫން އަހުމަދު
- ކޮމެންޓް
26 ނޮވެންބަރ 2017 | އާދީއްތަ 18:53
ަަަަަަަަަަަަމނެ
މިސަރުކާރަކަށް ނުވާނެ މިކަމެއްލިބޭހާލާރިކާހުސްކުރަނީ