ކ. މާލެ
|
24 ނޮވެންބަރ 2017 | ހުކުރު 20:01
ދިރާގު ރޯޑް ރޭސްގެ ތެރެއިން
ދިރާގު ރޯޑް ރޭސްގެ ތެރެއިން
ދިރާގު
ދިރާގު ރޯޑް ރޭސް
ކާމިޔާބުކަމާއެކު ދިރާގު ރޯޑް ރޭސް ނިންމާލިއިރު، ޝިފާޒް ގައުމީ ރެކޯޑު މުގުރާލައިފި
ފަސް ކިލޯ މީޓަރު ދުވުމުން އެއްވަނަ ހޯދައިގެން ޝިފާޒް ވަނީ ގައުމީ ރެކޯޑް މުގުރާލާފައި
މިފަހަރު ދިރާގު ރޯޑް ރޭސްގައި 3000 އެތްލީޓުން ވަނީ ވާދަކޮށްފައި

ކާމިޔާބުކަމާއެކު ދިރާގް ރޯޑް ރޭސް ނިންމާލިއިރު، ޝިފާޒް މުހައްމަދު ގައުމީ ރެކޯޑް މުގުރާލައިފިއެވެ.

ހުކުރު ދުވަހު ހަވީރު ހުޅުމާލޭގައި ކުރިޔަށްދިޔަ ރޯޑް ރޭހުގައި ޝިފާޒް ގައުމީ ރެކޯޑް މުގުރާލީ ފަސް ކިލޯ މީޓަރު ދުވުމުގައި ވާދަކޮށްގެންނެވެ. އޭނާ ރޭސް ނިންމީ 16 މިނެޓު 15 ސިކުންތުންނެވެ.

މި ރެކޯޑު އެންމެ ފުރަތަމަ ހަދާފައިވަނީ 1989 ވަނަ އަހަރު ބޭއްވި ކްލަބް ޓޯނަމަންޓްގައި ޑރ.ހުސެއިން ހަލީމް (ކުޑަ ހުސެއިން) އެވެ. އޭނާ ރޭސް ނިންމީ 17 މިނެޓު 8 ސިކުންތުންނެވެ. އެހެންނަމަވެސް އެ ރެކޯޑު މިދިޔަ ނޮވެމްބަރު މަހު އޮތް ދިރާގު ރޯޑް ރޭހުގައި މުގުރާލީ މޮރޮކޯގައި ތަމްރީން ހަދަމުން އަންނަ ހުސެއިން ފަޒީލްއެވެ. ފަޒީލް ރޭސް ނިންމީ 16 މިނެޓު 31 ސިކުންތުންނެވެ.

ފަސް ކިލޯ މީޓަރު ދުވުމުން ޝިފާޒް އެއްވަނަ ހޯދިއިރު، ދެވަނަ ހޯދާފައިވަނީ އަބްދުﷲ ރަޝީދު އިސްމާއިލްއެވެ. އަދި ތިންވަނަ ހޯދާފައިވަނީ އަހުމަދު ހަސަން ރިޒާއެވެ.

ފަސް ކިލޯ މީޓަރު ދުވުމުން 45 އަހަރުން މަތީގެ ކެޓަގަރީން އެއްވަނަ ހޯދީ އިބްރާހިމް ނައީމްއެވެ. ދެވަނަ އަލީ ރިޔާޒް ހޯދިއިރު، ތިންވަނަ ހޯދީ އަހުމަދު މުމްތާޒް މޫސާއެވެ. ފަސް ކިލޯ މީޓަރު ދުވުމުގެ ސްކޫލް ޖޫނިއާ ކެޓަގަރީން އެއްވަނަ ހޯދީ އިސްމާއިލް މަސޫން އަހުމަދެވެ. ދެވަނަ ޒައިދާން އާތިފް ޝަކޫރު ހޯދިއިރު، ތިންވަނަ ހޯދީ އަހުމަދު ރައުލް އައްސަދުއެވެ. ފަސް ކިލޯ މީޓަރުގެ ސްކޫލް ސީނިއާ ބައިން އެއްވަނަ ހޯދީ އައިކް އަބްދުﷲ ރިފާއުއެވެ. ދެވަނަ އަލީ އަރުޝަދު އުސްމާން ހޯދިއިރު، ތިންވަނަ ހޯދީ އިބްރާހިމް އައިމަން އަސްލަމްއެވެ.

ރޯޑް ރޭހުގެ 10 ކިލޯ މީޓަރު ކެޓަގަރީން އެއްވަނަ ހޯދީ ޒުވާން އެތްލީޓް ޒައިދް ޝަރީފްއެވެ. ދެވަނަ އަހުމަދު ރިޒާ ހޯދިއިރު، ތިންވަނަ ހޯދާފައިވަނީ މުހައްމަދު ރަޝީދެވެ.

ދިރާގުގެ ސީއޯ އަދި އެމްޑީ އިސްމާއިލް ރަޝީދު ވިދާޅުވީ، މިއީ ރޯޑްރޭސް ބާއްވަމުން އަންނަތާ 11 ވަނަ އަހަރު ކަމަށާއި، މިހާ ކާމިޔާބުކޮށް މި އިވެންޓް ބޭއްވެނީ ބައިވެރިވާ ފަރާތްތަކުން ދެއްވާ އެއްބާރުލުމުން ކަމަށެވެ. އެގޮތުން އިސްމާއިލް ރަޝީދު ވިދާޅުވީ، މި އިވެންޓް އެއް އަހަރުން އަނެއް އަހަރަށް ވަރުގަދަކުރަމުންދާނެ ކަމަށެވެ.

ރޯޑް ރޭހުގައި މި އަހަރު 3،000 އަށްވުރެ ގިނަ އެތްލީޓުން ބައިވެރިވިއިރު، އަންނަ އަހަރުވެސް މި އިވެންޓް އޮންނާނެކަމަށް ދިރާގުން ބުނެއެވެ.  

 

އެންމެ ފަހުން އަޕްޑޭޓް ކުރީ: 23 ގަޑިއިރު ކުރި
ރިވިއު ކުރީ: މިއުވާން މުހައްމަދު
- ކޮމެންޓް