ކ. މާލެ
|
24 ނޮވެންބަރ 2017 | ހުކުރު 13:47
މަޖީދީ މަގުގައި ކުރިން އަރަބިއްޔާ ސްކޫލް ހުރި ބިމުގައި ހަދާފައިވާ ފްލެޓްތައް
މަޖީދީ މަގުގައި ކުރިން އަރަބިއްޔާ ސްކޫލް ހުރި ބިމުގައި ހަދާފައިވާ ފްލެޓްތައް
އަޒުމޫން އަހުމަދު
ޓާޓާ ފްލެޓް
އަރަބިއްޔާ ހުރި ބިމާއި ގާކޮށީގައި އިމާރާތްކޮށްފައިވާ ފްލެޓްތައް ގަތުމަށް ފުރުސަތު ހުޅުވާލައިފި
ކޮންމެ މީހަކަށް ވެސް ހުށައެޅޭނީ އެއް ފްލެޓަށް
މި ފްލެޓްތަކަށް ހުށައެޅޭނީ މާލެ، ހުޅުމާލެ އަދި ވިލިނގިލީގައި ބޯހިޔާވަހިކަމެއް ލިބިފައި ނެތް ފަރާތްތަކަށް
ފްލެޓް ވިއްކާނީ ހުށަހަޅާ ތަރުތީބުން

އަރަބިއްޔާ ހުރި ބިމާއި ގާކޮށީ އިމާރާތް ކޮށްފައިވާ ފްލެޓްތައް ގަތުމަށް ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން(އެޗްޑީސީ)އިން ހުޅުވާލައިފިއެވެ.

އެ ކޯޕަރޭޝަނުން ހުކުރު ދުވަހު ކޮށްފައިވާ އިއުލާނެއްގައި ބުނެފައި ވަނީ އަރަބިއްޔާ ހުރި ބިމާއި ގާކޮށީގައި އިމާރާތްކޮށްފައިވާ 264 ފްލެޓްގެ ތެރެއިން 105 ފްލެޓް ވިއްކުމަށް ހުޅުވާލާފައިވާ ކަމަށެވެ.

އެ ފްލެޓްތައް ދޫކުރާނީ ފޯމް ހުށަހަޅާ ތަރުތީބުންނެވެ. ފޯމް ދޫކުރާނީ 100،000ރ. ގެ ބޭންކް ގެރެންޓީއެއް ހުށަހެޅުމުން ކަމަށް އިއުލާނުގައި ވެއެވެ.  މިއަންނަ ޑިސެމްބަރުމަހުގެ 4 ވަނަ ދުވަހު އެ ފްލެޓްތަކަށް ކުރިމަތިލުމަށް ފޯމު ދޫކުރަން ފަށާއިރު ބޭންކް މެދުވެރިކޮށް ފައިސާ ދައްކާ ފަރާތްތައް ފައިނޭންޝިއަލް ސްކްރީނިން ހެދުމަށް ބޭންކްތަކަށް ހުށައެޅޭނެ އެންމެ ފަހު ތާރީޚަކީ މިއަހަރުގެ ޑިސެމްބަރު މަހުގެ 12 ވަނަ ދުވަސް ކަމަށް އިއުލާނުގައި ބުނެފައި ވެއެވެ. އެއްފަހަރާ ދައްކާ ނަމަ ފްލެޓެއްގެ އަގަކީ ދެ މިލިއަން ރުފިޔާއެވެ. ބޭންކްތައް މެދުވެރިކޮށް ލޯނު ނަގާ ނަމަ އެއް މަސްދުވަހުގެ ތެރޭގައި ލޯނު ހަމަޖެއްސުމަށް ފުރުސަތު ލިބޭނެ ކަމަށް އެޗްޑީސީގެ އިއުލާނުގައި ވެއެވެ. 

ފޯމު ދޫކުރުން އަންނަ ޑިސެމްބަރުމަހުގެ 4 ވަނަ ދުވަހު ހެނދުނު 09:00 އިން މެންދުރުފަހު 14:00 އަށް ޣާޒީ ސްކޫލުގެ ކޮމަން ރޫމްގައި އޮންނާނެ ކަމަށް އެއިއުލާނުގައި ބުނެފައިވެއެވެ. މީގެ އިތުރުން ފޯމު ބަލައިގަންނާނީ އަންނަ އަހަރުގެ ޖެނުއަރީ 7 ވަނަ ދުވަހުގެ ހެނދުނު 09:00 އިން މެންދުރުފަހު 14:00 އަށް ޣާޒީ ސްކޫލުގެ ކޮމަން ރޫމްގައި ކަމަ ށްވެސް އެޗްޑީސީގެ އިއުލާނުގައި ވަނީ ބުނެފައެވެ. 

އެޗްޑީސީން ވިއްކަނީ ތިން ކޮޓަރި އާއި ދެ ފާޚާނާ ހިމެނޭ ފްލެޓްތަކެވެ. އެ ގޮތުން ގާކޮށިން 75 ފްލެޓާއި މަޖީދީ މަގުގައި ހުރި ފްލެޓްތަކުން 30 ފްލެޓް ވިއްކުމަށް ވަނީ ހުޅުވާލާފައެވެ. 

އަރަބިއްޔާ ހުރި ބިމާއި ގާކޮށީގައި އިމާރާތްކޮށްފައިވާ ފްލެޓްތައް އެންމެ ފުރަތަމަ ދޫކޮށްފައި ވަނީ ރައީސް ނަޝީދުގެ ސަރުކާރުން އެ އިމާރާތް ޓާޓާއާ ހަވާލުކޮށް ފްލެޓްތަކަށް ކުރިމަތިލި ފަރާތްތަކުން ފްލެޓަށް ޝަރުތު ހަމަވި ފަރާތްތަކުގެ މެދުގައި ގުރުލައިގެންނެވެ. ނަމަވެސް ފުރަތަމަ ފްލެޓްތައް ވިއްކަން ކަނޑައެޅި އަގަށް ވުރެ އެތައް ތަނެއް އަގު ބޮޑުވުމުން ދެ މިލިއަން ރުފިޔާ ދެއްކިފައި ވަނީ މަދު ބަޔަކަށެވެ. އަދި ލޯން ލިބިފައި ވަނީ ވެސް މަދު ބަޔަކަށެވެ. އެހެންކަމުން އެކި ފަހަރު މަތިން ދިން ފުރުސަތުގައި ވެސް ފައިސާ ދެއްކޭނެ ކަމުގެ ޔަގީންކަން ނުދެވުމުން އެޗްޑީސީން ނިއްމީ ފައިސާ ނުދެއްކުނު ފަރާތްތަކުގެ ފްލެޓްތައް މާކެޓަށް ހުޅުވާލައި އަލުން ވިއްކުމަށެވެ. 

މި ފްލެޓަށް ހުށައަޅާ ފަރާތްތަކުގައި ހުންނަންޖެހޭ ޝަރުތުތައް:

  • ދިވެހިރައްޔިތެއް ކަމުގައިވުން
  • އުމުރުން 21 އަހަރު ފުރުފައިވާ މީހެއް ކަމުގައިވުން
  • ހުޅުމާލެ،މާލެ އަދި ވިލިނގިލީގައި އަމިއްލަ ބޯހިޔާވަހިކަމެއް ލިބި ނުވަތަ ގަނެފައިނެތުން
  • ފޯމު ހުށައަޅާ ފަރާތުގެ އަނބިމީހާ އަދި ފިރިމީހާގެ ނަމުގައި ހުޅުމާލެ،މާލެ އަދި ވިލިނގިލީގައި އަމިއްލަ ބޯހިޔާވަހިކަމެއް ލިބި ނުވަތަ ގަނެފައިނެތުން
  • އެކަނިވެރި މައިން ނުވަތަ ބަފައިންނަށް ފޯމު ހުށައެޅިދާނެ، ނަމަވެސް މިފަރާތްތައް ވަރިވެފައިވާ ތާރީޚް ކަމުގައި ބަލާނީ 3 އޮކްޓޯބަރ 2017ގެ ނިޔަލަށެވެ. ނަމަވެސް، އަނބިމީހާ ނުވަތަ ފިރިމީހާ މަރުވުމުގެ ސަބަބުން އެކަނިވެރިވެފައިވާ ފަރާތްތައް މި ޝަރުތުގައި އިސްތިސްނާވާނެއެވެ.
  • 21 އަހަރު ނުފުރޭ މަދުވެގެން އެއްކުއްޖަކު ހުރުން (ސިއްހީ މައްސަލައެއްގެ ސަބަބުން ދަރިން ނުލިބޭ ފަރާތެއް ނަމަ މި ޝަރުތުގައި އިސްތިސްނާ ވާނެއެވެ. އަދި އެފަރާތުން އެކަން ސާބިތު ކުރެވޭނެ ޑޮކްޓަރުންގެ ލިޔެކިޔުން ހުށައަޅަން ޖެހޭނެއެވެ.)
  • ކޮންމެ ފަރާތަކަށް ވެސް ގަންނަން އެދި ހުށައެޅޭނީ މަދުވެގެން 1 ފްލެޓް.

 

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: އަލީ ޔޫސުފް
- ކޮމެންޓް