ކ. މާލެ
|
24 ނޮވެންބަރ 2017 | ހުކުރު 13:01
މާފުށީ ޖަލު، އާންމު ޖަލު ޔުނިޓް ހަތަރެއް ރިމާންޑް ޖަލަކަށް ވަނީ ބަދަލުކޮށްފައި
މާފުށީ ޖަލު، އާންމު ޖަލު ޔުނިޓް ހަތަރެއް ރިމާންޑް ޖަލަކަށް ވަނީ ބަދަލުކޮށްފައި
ގޫގުލް
ހޯމް މިނިސްޓަރު އަޒްލީން
މާލޭ ޖަލާއި މާފުށީ ޖަލުގެ ދެ ޔުނިޓެއް ރިމާންޑް ޖަލުތަކަށް ބަދަލުކޮށްފި
މާފުށީ ޖަލުގެ ޔުނިޓް 4 އަދި މާލޭ ޖަލުގެ ޔުނިޓް 2
ރިމާންޑު ޖަލުތައް ހިންގައި ބަލަހައްޓާނީ ކަރެކްޝަނުން
ކޯޓު އަމުރެއްގެ ދަށުން ބަންދުކުރާ މީހުންނަށް ހާއްސަ ޖަލު

މާފުށީ ޖަލާއި މާލޭ ޖަލުގެ ދެ ޔުނިޓަކީ ރިމާންޑް ޖަލުތަކެއް ކަމަށް ހޯމް މިނިސްޓަރު އަޒްލީން އަހުމަދު ކަނޑައަޅުއްވައިފި އެވެ.

މިމަހުގެ 20 ވަނަ ދުވަހުން ފެށިގެން ރިމާންޑް ޖަލުތަކެއް ކަމަށް ހޯމް މިނިސްޓަރު ކަނޑައެޅުއްވީ މާފުށީ ޖަލުގައި ގާއިމުކުރެވިފައިވާ އާންމު ޖަލު ޔުނިޓް ހަތަރަކާއި މާލޭ ޖަލުގައި ގާއިމުކުރެވިފައިވާ އާންމު ޖަލު ޔުނިޓް ދޭކެވެ.

ރިމާންޑު ޖަލުތަކެއް ކަމަށް ކަނޑައެޅުއްވުމުގެ ކުރިން، އެ ދެ ޔުނިޓް ބޭނުންކުރަމުންދިޔައީ ޝަރުއީ ހުކުމް ތަންފީޒުކުރަމުންދާ ފަރާތްތައް ބަންދުކޮށްފައި ބައިތިއްބާ އާންމު ޖަލެއްގެ ގޮތުގަ އެވެ.

ޖަލުތަކާއި ޕެރޯލްގެ ގާނޫނުގައިވާ ގޮތުގައި، ތަފާތު ގިންތިތަކުގެ ގައިދީން ބަންދުކޮށް ބަލަހައްޓަން ޖެހޭނީ އެ ގިންތިއަކަށް ހާއްސަކުރެވިފައިވާ ޖަލެއްގަ އެވެ.

އެގޮތުން، ގާނޫނުގައިވާ ގޮތުގައި، ތަހުގީގަށް ބަންދުކުރެވޭ މީހުން ބަންދުކުރަންޖެހޭނީ ކަސްޓޯޑިއަލް ޖަލެއްގަ އެވެ. އަދި ތަހުގީގު ނިމި، ޝަރީއަތް ފެށުމުގެ ކުރިން ނުވަތަ ޝަރީއަތް ފެށި، ހުކުމް ކުރުމުގެ ކުރިން ކޯޓު އަމުރެއްގެ ދަށުން ބަންދުކުރާ މީހުން ބަންދުކޮށްފައި ބައިތިއްބަން ޖެހޭނީ ރިމާންޑް ޖަލެއްގައި ކަމަށް ގާނޫނުގައިވެއެވެ.

މީގެ އިތުރުން، ގާނޫނުގައިވާ ގޮތުގައި ޝަރުއީ ހުކުމެއް ތަންފީޒު ކުރަމުންދާ މީހުން ބަންދުކުރަންޖެހޭނީ އާންމު ޖަލެއްގަ އެވެ.

ޖަލުތަކާއި ޕެރޯލްގެ ގާނޫނުގައިވާ ގޮތުގައި އާންމު ޖަލުތަކާއި ރިމާންޑު ޖަލުތައް ހިންގައި ބަލަހައްޓާނީ މޯލްޑިވްސް ކަރެކްޝަނަލް ސަރވިސްއިންނެވެ. އަދި ކަސްޓޯޑިއަލް ޖަލުތައް ހިންގައި ބަލަހައްޓާނީ މޯލްޑިވްސް ޕޮލިސް ސަރވިސްއިން ކަމަށް ގާނޫނުގައިވެއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: އަލީ ޔޫސުފް
- ކޮމެންޓް