ކ. މާލެ
|
24 ނޮވެންބަރ 2017 | ހުކުރު 10:01
ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީގެ އިމާރާތް
ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީގެ އިމާރާތް
ގޫގުލް
ހިޔާ މަޝްރޫއު
ފަނަރަ ބުރީގެ ދެ ފްލެޓް އިމާރާތް އަޅައިދޭނެ ބަޔަކު ހޯދަން ސްޓެލްކޯއިން އިއުލާންކޮށްފި
ސްޓެލްކޯއިން އިއުލާންކޮށްފައި ވަނީ 15 ބުރީގެ ދެ ޓަވަރު އެޅުމަށް
ސަރުކާރުން ބުނެފައި ވަނީ ސަރުކާރު ކުންފުނިތައް ބައިވެރިވާ "ހިޔާ" މަޝްރޫޢުގެ ދަށުން އަޅަނީ 25 ބުރީގެ ޓަވަރު ކަމަށް

ނިމިދިޔަ ހަފްތާގައި ސަރުކާރުން ފެށި "ހިޔާ" މަޝްރޫޢުގެ ދަށުން ސަރުކާރުގެ ކަރަންޓް ކުންފުނި ސްޓެލްކޯގެ މުވައްޒަފުންނަށް ބޭނުންވާ ބޯހިޔާވަހިކަން ފޯރުކޮށްދިނުމަށް ފްލެޓް އަޅައިދޭނެ ފަރާތެއް ހޯދުމަށް އިއުލާންކޮށްފިއެވެ.

ބުރާސްފަތި ދުވަހު ސްޓެލްކޯއިން އިއުލާންކޮށްފައި ވަނީ 15 ބުރީގެ 2 ރެޒިޑެންޝަލް ޓަވަރު އެޅުމަށެވެ. ސްޓެލްކޯއިން ބުނީ އެކުންފުނިން އަޅަނީ 12 ހާސް އަކަފޫޓުގެ ރެޒިޑެންޝަލް ދެ ޓަވަރު ކަމަށެވެ. ލިޔުމުން އެދުމުން އިތުރު މައުލޫމާތު ދޭގޮތަށް ސްޓެލްކޯއިން ހަމަޖައްސާފައިވާއިރު، ޑިސެމްބަރު މަހުގެ 7 ވަނަ ދުވަހުގެ ކުރިން މި ޓަވަރުތައް އެޅުމަށް ޝައުޤުވެރިވާ ފަރާތްތަކުން ޝައުޤުވެރިކަން ފާޅުކުރަން ޖެހެއެވެ.

ސްޓެލްކޯއިން 15 ބުރީގެ ދެ ޓަވަރު އަޅައިދޭނެ ބަޔަކު ހޯދަން އިއުލާންކޮށްފައިވާއިރު، މިމަޝްރޫޢުގެ ދަށުން އަޅަނީ 25 ބުރީގެ 62 ޓަވަރު ކަމަށް ރައީސް އަބްދުﷲ ޔާމީން ވިދާޅުވެފައި ވެއެވެ. އެހެންކަމުން ސްޓެލްކޯއިން ޓަވަރު އަޅަނީ ސަރުކާރުން ބުނި އަދަދަށް ވުރެ 10 ބުރި މަދުން، އެންމެ 15 ބުރިއަށެވެ. މި މަޝްރޫޢުގެ ދަށުން ސަރުކާރުން ކުންފުނިތަކަށް ބިން ދިނުމުން ފްލެޓް އަޅަނީ ކުންފުނިތަކުން އަމިއްލައަށެވެ. އަދި ފްލެޓްތަކުގެ ވަކި މިންވަރެއް ދޭން ޖެހެނީ އެތަންތަނުގެ މުވައްޒަފުންނަށެވެ.

ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި 15،000 ހައުސިން ޔުނިޓް އަޅާނެ ކަމަށް ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަނުން ހާމަކޮށްފައިވާއިރު، ހިޔާ މަޝްރޫޢުގެ ދަށުން ފްލެޓް އެޅުމަށް 434 މިލިއަން އެމެރިކާ ޑޮލަރުގެ މަޝްރޫޢެއް ޗައިނާގެ ސަރުކާރު ކުންފުންޏަކަށް ދީފައިވާ ކަމަށް ޗައިނާގެ ނޫސްތަކުގައި ބުނެފައި ވެއެވެ. އެޗްޑީސީން ވެސް ބައެއް މީޑިއާތަކަށް ބުނެފައި ވަނީ ޗައިނާ ކުންފުނިން އަޅާނީ 16 ޓަވަރު ކަމަށެވެ. ޗައިނާގެ މީޑިއާތަކުން ބުނާ ގޮތުން ނަމަ ބުރިއަކަށް މިލިއަނަކަށް ވުރެ ގިނަ ޑޮލަރު ޖެހެއެވެ. 

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: އަލީ ޔޫސުފް
- ކޮމެންޓް